ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އީސީން ބުނީ، މިހާތަނަށް ދާއިމީ ނަތީޖާ އިއުލާން ނުކޮށް ހުރީ ޝަކުވާ ހުށަހެޅިފައިވާ ފޮށިތަކުގެ ނަތީޖާ ކަމަށެވެ. ނަމަވެސް އެ ފޮށިތައް އަލުން ގުނުމުގެ މަސައްކަތް ނިންމައި، އޭގެ ދާއިމީ ނަތީޖާ ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ހުރިހާ އިންތިޚާބުތަކެއްގެ ދާއިމީ ނަތީޖާ ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ.
މި ވޯޓުތައް ނަގާފައި ވަނީ 4 އޭޕްރިލްވީ ހޮނިހިރު ދުވަހުއެވެ.
މި ވޯޓުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އެކަމަށް އާނއެކޭ ބުނެފައިވަނީ ވޯޓުލީ މީހުންގެ 31.26 އިންސައްތަ އެވެ. އެއީ 67,680 ވޯޓެވެ. އަދި އެކަމާ ދެކޮޅަށް ނޫނެކޭ ބުނެފައިވަނީ 148,859 މީހުންނެވެ. އެއީ ވޯޓުލީ މީހުންގެ 68.74 އިންސައްތަ އެވެ.
މި އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ޖުމްލަ 299,876 މީހުންނަށް ލިބުނެވެ. އަދި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 225 ދާއިރާއަކަށް ޖުމްލަ 1,356 މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ވޯޓު ނަގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!