ސަރަޙައްދުގެ ޤައުމެއްގެ އެހީތެރިކަމާއެކު އީރާނުގެ ރަށްތަކުގެ ތެރެއިން ރަށެއް ހިފުމަށް ދުޝްމަނުން ތައްޔާރުވަމުންދާ ކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ލިބިފައިވާ ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު މަޖިލީހުގައި އަސްކަރީ ޔުނީފޯމުގައި ހުންނަވައި ބަޔާން ދެއްވަމުން ގާލީބާފް ވިދާޅުވީ، އީރާނުގެ ފައުޖުތަކުން ދަނީ ދުޝްމަނުންގެ ހުރިހާ ހަރަކާތްތަކެއް ވަރަށް ގާތުން މޮނިޓަރ ކުރަމުން ކަމަށެވެ. އަދި އެއްވެސް ފަރާތަކުން އީރާނުގެ ރަށަކަށް އަތްގަދަ ކުރަން އުޅެފިނަމަ، އެކަމުގައި އެހީތެރިވާ ސަރަޙައްދީ ޤައުމުގެ ހުރިހާ މުހިންމު އިންފްރާސްޓްރަކްޗަރތަކަކަށް މެދުކެނޑުމެއްނެތް، ވަރުގަދަ ހަމަލާތަކެއް އަމާޒުކުރާނެ ކަމުގެ ހަރުކަށި އިންޒާރު އޭނާ ދެއްވިއެވެ.
މި ބަޔާނަކީ ފާއިތުވި 26 ދުވަހު ހިނގަމުންދާ "އިންފްރާސްޓްރަކްޗަރ ވޯ" ނުވަތަ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށްދޭ ހަނގުރާމައިގެ އުސޫލަށް އައި ބޮޑު ބަދަލެކެވެ. މިއީ މިއަހަރުގެ ފެބްރުއަރީ 28 ގައި މުޖްތަބާ ޚާމަނާއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދެއްވި އެންމެ ވަރުގަދަ އިންޒާރުވެސް މެއެވެ.
އަމާޒުކުރެވޭ ޤައުމާއި ރަށް
ގާލީބާފް ވަކި ޤައުމެއްގެ ނަން ހާމަނުކުރެއްވި ނަމަވެސް، އަލްޖަޒީރާ އާއި ދަ ގާޑިއަން ފަދަ ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނާގޮތުގައި، މި އިންޒާރު ސީދާ އަމާޒުވަނީ އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ) އަށެވެ. ދިރާސާވެރިން ބުނާގޮތުގައި ދުޝްމަނުން ހިފަން އުޅޭކަމަށް ބެލެވެނީ އީރާނުގެ ތެޔޮ އެކްސްޕޯޓުގެ 90 އިންސައްތަ ހިއްސާކުރާ ޚާރްގް އައިލެންޑެވެ. މީގެ އިތުރުން މިލްކުވެރިކަމުގެ ދެބަސްވުން އޮންނަ އަބޫ މޫސާ، ގްރޭޓަރ ތުންބް އަދި ލެސަރ ތުންބް އަށް އަމާޒުކޮށް ޔޫ.އޭ.އީ އިން ހަމަލާއެއް ދީފިނަމަ، ރައުސް އަލް-ޚައިމާއަށް ހަމަލާދޭނެ ކަމަށް އީރާނުން ކުރިންވެސް ބުނެފައިވެއެވެ.
އިންފްރާސްޓްރަކްޗަރ އަށް ދޭ އިންޒާރު
އީރާނުން އިންޒާރު ދީފައިވަނީ ޚާއްޞަކޮށް ކަރަންޓާއި ފެން އުފައްދާ ނިޒާމުތަކަށެވެ. ގަލްފުގެ ޤައުމުތަކުގައި މި ދެ ނިޒާމު ގުޅިފައިވާއިރު، މިފަދަ ހަމަލާއެއްގެ ސަބަބުން ބޮޑު އިންސާނީ ކާރިސާއެއް އުފެދިދާނެ ކަމުގެ ބިރު އޮތް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި އިންޒާރު އައިސްފައިވަނީ އިސްރާއީލުގެ އޮރޮޓް ރާބިން ޕްލާންޓަށާއި ކުވެއިތުގެ ތެޔޮ ގުދަންތަކަށް ދާދި ފަހުން ދިން ހަމަލާތަކަށްފަހުގައެވެ.
އަސްކަރީ ހަރަކާތްތައް ވަރުގަދަވުން
މި މަސްރަޙު ހޫނުވެފައިވަނީ އެމެރިކާގެ "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ދަށުން އެ ސަރަޙައްދަށް އިތުރު 2,000 ސިފައިން ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ. މިއާއެކު އެ ސަރަޙައްދުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު ވަނީ 52,000 އަށް އަރާފައެވެ.
ގާލީބާފް މަޖިލީހުގައި އަސްކަރީ ސިފައެއްގައި ހުންނެވުމުން ދޭހަވަނީ، އީރާނުގެ ވެރިކަން މިހާރު ފުރިހަމަ އަސްކަރީ މޮޑެލްއަކަށް ބަދަލުވެފައިވާ ކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!