އެމެރިކާ އާއި އިސްރާއީލު ގުޅިގެން 28 ފެބްރުއަރީން ފެށިގެން އީރާނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ގައުމަކަށް ނުދޭނެކަމުކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން މިއަދު ތަކުރާރުކުރަށްވައިފިއެވެ.
މިކަން ހާމަކުރެއްވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ.
ޚަލީލް ވަނީ އެމެރިކާ އާއި އިރުޒޭލުން އީރާނާށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީފައި ފެށިފައިވާ ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުމުން އެކަމަށް އިންކާރު ކޮށްފައިވާކަން 12 މާރިޗް 2026 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ހާމަކުރަށްވާފައިވާކަން ފާހަގަކުރަށްވާފައެވެ. އަދި މި ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ޤައުމަކަށް ބޭނުންކުރަން ނުދޭނެކަމުގެ ޔަގީންކަން ދިވެހިރައްޔިތުންނަށް މިއަދު ވެސް އަރުވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސް އުފައްދަވާފައިވާ މި ކޮމެޓީގެ ޗެއާގެ ގޮތުގައި ވެސް ހުންނެވި ޚަލީލްގެ ވާހަކާގައި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ހަމަޖައްސަމުން އަންނަކަމަށް ވަނީ ވިދާޅުވެފައެވެ. މިގޮތުން ފުޖެއިރާ ސަރަހައްދަށް ހަމަލާތައް އަމާޒުވުމުން އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހި ތިން ދަރިވަރަކަށް އެހީތެރިކަން ފޯރުކޮށްދީ، ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ މި ހާލަތާއި ގުޅިގެ އެ ދިވެއްސަކު ހުރި ގައުމެއްގެ ސަރުކާރުންދޭ އިރުޝާދަށް ޢަމަލުކުރުމަށް އެދިވަޑައިގެންފައެވެ.
ހަނގުރާމައިގައި ގޭސް އުފައްދާ މަރުކަޒުތަކަށް ދީފައިވާ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާކަން ފާހަގަކުރަށްވައި، ދިވެހިރައްޔިތުންނަށް މިކަމުގެ ސަބަބުން ދަތިނުވާނެގޮތައް ކަންކަން އިންތިޒާމުކުރަން މަސައްކަތްކުރަށްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ތެލުގެ އަގު ދެގުނަ ބޮޑުވެފައިވުމާއެކު، ރާއްޖޭގެ އެކުވެރި ގައުމުތަކުގެ އެހީގައި ތެޔޮ ހޯދުމަށް މަޝްވަރާތައް ކުރަމުން އަންނަކަމަށާއި، އެ ގައުމުތަކުގެ ނަން ފަހުން ހާމަކުރަށްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ތެލުގެ އަގަށް އިތުރަށް ބަދަލުނުގެނެސްވޭތޯ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!