އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ބެލެވޭ ރިޕޯޓްތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގައި، އޭނާ އަތުލައިގަތުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ.
އާދީއްތަ ދުވަހު، 15 މާރިޗު 2026 ގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުށްވެރިޔާ އަދި ކުޑަކުދިން މަރާ ގާތިލު ނަތަންޔާހޫ ދިރިހުރުނަމަ، އޭނާ ދޫކޮށް ނުލާނެކަމަށެވެ.
"ކުށްވެރި ނަތަންޔާހޫ އަދި ކުޑަކުދިން ގަތުލުކުރާ ގާތިލު އަދިވެސް ދިރިހުރި ނަމަ، އަޅުގަނޑުމެން އޭނާ އަތުލައިގަތުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދާނަން،" އައިއާރުޖީސީން ބުނެފަވެއެވެ.
މިއީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ސޯޝަލް މީޑިއާގައި ނަތަންޔާހޫގެ ހާލަތާ މެދު ފެތުރިފައިވާ ތަފާތު ޚަބަރުތަކާ ގުޅިގެން ނެރުނު ބަޔާނެއް ކަމަށް ބެލެވެއެވެ.
އައިއާރުޖީސީ ގެ ބަޔާނުގައި ނަތަންޔާހޫއާ މުޚާޠަބުކޮށްފައިވަނީ މަރުވެފައިވާ މީހެއްގެ ސިފައެއްގައެވެ.
ނަތަންޔާހޫ ދިރިހުރިތޯ އުފެދިފައިވާ ސުވާލުތައް
ނަތަންޔާހޫގެ ހާލަތާ މެދު ޝައްކުތައް އުފެދުނީ މިދިޔަ ހޮނިހިރު ދުވަހު އޭނާ އާންމުންގެ ކުރިމައްޗަށް ފެނިލި ބައެއް މަންޒަރުތަކުންނެވެ. މިގޮތުން މާރިޗު 12 ގައި ބޮޑުވަޒީރުގެ އޮފީހުން އާންމުކުރި ވީޑިއޯއެއްގައި، ނަތަންޔާހޫގެ ކަނާތްތިލައިގައި ހަ އިނގިލި ހުރި ކަމަށް ފެންނާތީ، ގިނަ ބަޔަކު ވަނީ އެއީ އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން ހަދާފައިވާ "ޑީޕްފޭކް" ވީޑިއޯއެއް ކަމަށް ތުހުމަތުކޮށްފައެވެ. މަޝްހޫރު ޝަޚުޞިއްޔަތު ކެންޑަސް އޯވެންސް ވެސް ވަނީ މިއީ ނަތަންޔާހޫ މަރުވެފައިވާކަން ނުވަތަ ނުކުޅެދޭ ހާލަތެއްގައި ހުރިކަން ފޮރުވުމަށް ކުރާ ކަމެއް ކަމަށް ބުނެފައެވެ.
ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން މިއަދު ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. ތުރުކީގެ ''އަނަޑޮލޫ އެޖެންސީ''އަށް މައުލޫމާތު ދެމުން އެ އޮފީހުން ބުނީ ބޮޑުވަޒީރުގެ ހާލު ރަނގަޅު ކަމަށެވެ. އެހެންނަމަވެސް، މިއަދާ ހަމައަށްވެސް އޭނާ ވަގުތުން ފެންނަ ވީޑިއޯއަކުން ފެނިފައި ނުވާތީ އާންމުންގެ ޝައްކުތައް ވަނީ އިތުރުވެފައެވެ.
މަސްރަހު އިތުރަށް ގޯސްވުން
މި ބަހުގެ ހަމަލާތަކުގެ ތެރޭގައި، އަމަލީ ގޮތުން ހަނގުރާމަ ދަނީ ވަރުގަދަވަމުންނެވެ. އިސްރާއީލު ސިފައިން (އައިޑީއެފް) އިން ދާދި ދެންމެއަކު ވަނީ އީރާނުގެ ހުޅަނގު ސަރަހައްދުގައި ހުރި ސަރުކާރުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ބޮޑު ސިލްސިލާ ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށް އިއުލާނުކޮށްފައެވެ. މީގެ އިތުރުން، އިއްޔެ ތެހެރާނުގެ މެދުތެރޭގައި ދިން ހަމަލާއެއްގައި އީރާނުގެ ޖާސޫސީ އިދާރާގެ އިސް ދެ އޮފިޝަލަކު ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.
މި ހަނގުރާމައާއި ގުޅިގެން ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި، ބައިނަލްއަގުވާމީ މަނަވަރުތައް އެ ސަރަހައްދަށް ފޮނުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް ދަނީ އަރަމުންނެވެ.
އީރާނުގެ ޖާސޫސީ އިދާރާތަކަށް ވެސް ނަތަންޔާހޫ ހުރި ތަނެއް ކަށަވަރު ނުވުމުން ބެލެވެނީ، އޭނާ މިހާރު ހުރީ ގުދުސްގެ ފަރުބަދަތަކުގައި ހުންނަ ނޭޝަނަލް މެނޭޖްމަންޓް ސެންޓަރުގެ ރައްކާތެރި ސިއްރު ބަންކަރެއްގައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!