މިއަހަރުގެ ރަމަޟާން މަހުގެ ފަހުދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނީ އަންނަ މާރިޗު މަހުގެ 9 ވާ ހޯމަ ދުވަހުން ފެށިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިޢުލާނުކުރައްވައިފިއެވެ.

ރަމަޟާން މަހުގެ ފަހުދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ 1445 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 4 ފެބުރުވަރީ 2024 ގައި ނެރުއްވި ދެންނެވުމުގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެކެވެ.

Ad
rt

ސަރުކާރުން މިގޮތަށް ހަމަޖެއްސެވީ އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުންގެ ހިތްތަކުގައި ލޯބި ޖެއްސުމުގެ އިތުރުން، އަޅުކަމުގެ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ މަގުސަދުގައެވެ.

ރަމަޟާން މަހުގެ ފަހުދިހައާ ގުޅިގެން ސަރުކާރު ބަންދުވި ނަމަވެސް، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ރައީސް އޮފީހުން ވަނީ އިރުޝާދު ދެއްވާފައެވެ. އެގޮތުން، އެ މުއައްސަސާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން ޚިދުމަތްތައް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް އެ އޮފީހުގެ ދެންނެވުމުގައި ބަޔާންކޮށްފައިވެއެވެ.