ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭނެ ޒަމާނީ ހެޔޮ ބަދަލެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުން އޮޅުވާލައި ވެރިކަމުގެ ދައުރު ދަންމާލަން ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށް އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަކީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ވެސް އަމަލުކުރެވެމުންދާ އުސޫލެއް ކަމަށެވެ.

ވެރިކަމުގެ ނިޒާމުގެ ހަމަޖެހުމާއި ތަރައްގީއާއި ސިޔާސީ ނިޒާމުގެ މަޞްލަޙަތުގެ ނަޒަރުން ބެލިޔަސް މިއީ ރަނގަޅު ނިންމުމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވަނީ ދެ އިންތިހާބު އެއްކޮށްލުމުގެ ވިސްނުމާއެކު ކުރިއަށް ދިއުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ، "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އަށް ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިހާރު ވަނީ ނިންމަވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާ އެއްގޮތްވާގޮތުގެ މަތިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކުގައި އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.






Ad
rt