ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުން ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު އިތުރުވެ ގާތްގަނޑަކަށް 80 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ އަދަދެއްގެ ރައްޔިތުން ވޯޓު ލާން ނުކުންނާނެކަމަށް ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ތިނަދޫ ސިޓީގެ މާލޭ ސަރައްދުގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަލާހު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން ކޮންމެ އަހަރު ދައުލަތުގެ ބަޖެޓުން 80 މިލިއަން ދިވެހި ރުފިޔާ ސަލާމަތް ކުރެވޭނެކަމަށެވެ.
ދެ އިންތިހާބު އެއްކޮށްލުމުން ލިބޭނެ އަނެއް ފައިދާއަކީ ވޯޓު ލާން ނުކުންނަ މީހުންގެ ނިސްބަތް އިތުރުވެގެން ދިއުން ކަމަށް ފަލާހު ވިދާޅުވި އެވެ.
"ދެ މަހުން ދެ މަހުން އިންތިހާބުތައް އޮތީމަ ރައްޔިތުން ވޯޓުލާން ދާން ފޫހިވަނީ. ވޯޓުލާން ނުކުން ހިތް ނުވަނީ. ދެ އިންތިހާބު އެއްކޮށް އޮންނަނަމަ ޔަގީން އަޅުގަނޑަށް ރާއްޖޭގެ 80 އިންސައްތަ ނުވަތަ 90 އިންސައްތަ ރައްޔިތުން ވޯޓުލާން ނުކުންނާނެކަން. މިއީ ވަރަށް މުހިންމު ކަމެއް.'' ފަލާހު ވިދާޅުވިއެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް ދެ އިންތިހާބު ބާއްވަނީ އެއްކޮށްކަމަށާއި އެގޮތަށް އެކަން ކުރަނީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ފައިދާ ބޮޑުވާނެތީކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވަނީ އޭޕްރީލު މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ އިންތިހާބުގައި ދެ އިންތިހާބު އެއްކޮށްލަން ފެންނަ ކަމަށް ވޯޓު ދިނުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!