ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ތައްޔާރުވަމުން ދާއިރު އެކަކު އަނެކަމަށް ބަދު ބަސް ބުނުމާއި ފުރައްސާރަކުރުމުން ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފި އެވެ.
އެ ކަމަނާ މިފަދައިން އިލްތިމާސްކުރެއްވީ ކޮންގްރެސް ޕާޓީގެ އަންހެނުންގެ ގޮފިން އިންތިޒާމުކޮށްގެން ރޭ ބޭއްވި މާހެފުން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުގައެވެ.
މި ހަފްލާގައި އެ ކަމަނާ ދެއްކެވި ވާހަކަފުޅުގައި މި ރަމަޟާންމަހު އަޅުކަމުގައި ހޭދަކުރާ ވަގުތު އިތުރުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވައި ، އަޅުކަމާ އެއްވަރަށް ތިމާއާ ހަވާލުވެފައިވާ ޒިންމާތައް އަދާކުރަން ހާއްސަ އިސްކަމެއް ދިނުމަށް ވެސް އިލްތިމާސްކުރައްވާފައި ވެއެވެ.
ކުރިއަށް އޮތް އިންތިހާބަށް ތައްޔާރުވުމަށް ކެމްޕެއިން ކުރަމުންދާ ވަގުތަކާ ރަމަޟާންމަސް ދިމާވެފައިވާތީ ފަސްޓް ލޭޑީ ސާޖިދާ ވަނީ ކެމްޕެއިން ކުރުމުގެ ތެރެއިން އެކަކު އަނެކަކަށް ބަދުބަސް ބުނެ، ފުރައްސާރަ ނުކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.
"މި ފަދަ މައްސަރަކާ ކުރިމަތިލާއިރު އަދި އަޅުގަނޑުމެންނާ އިލެކްޝަނެއް ކުރިމަތިވެފައިވާއިރު އެކަކު އަނެކަކަށް ބަދުބަސް ބުނުމާއި ފުރައްސާރަކުރުމުން ރައްކާތެރިވަމާ ހިނގާށޭ. މިއީ ވެސް ކުރެވޭ އަޅުކަމެކޭ. މިކަންކަން ވެސް އަޅުކަމެއްގެ ގޮތުގައި ބަލަމާ ހިނގާށޭ. އަޅުގަނޑުމެން މީހުންނާ މުއާމަލާތުކުރާއިރު އަދަބު އިހުތިރާމު އަދާކުރުމަކީ ދީނީ ގޮތުން ވަރަށް މުހިންމު ކަންކަން. " އެކަމަނާ ވިދާޅުވިއެވެ.
ރަމަޟާން މަހާއެކު ކޮންމެ މީހެއްގެ ވެސް އަޒުމަކަށް ވާންވީ އެހެން މީހުންނަށް އިހުތިރާމު ކުރާ އަދި އެހެން މީހުންނަށް ފުރައްސާރަ ނުކުރާ ބަޔަކަށް ވުމަށް ކަމަށް އެ ކަމަނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!