ބޮޑެތި ޒަޚަމްތަކުން އަންނަ ލޭ ވަގުތުން ހުއްޓުވައިދޭނެ ފަދަ އިންގިލާބީ ސްޕްރޭއެއް ދެކުނު ކޮރެއާގެ ދިރާސާވެރިން އީޖާދުކޮށްފިއެވެ.

ކޮރެއާ އެޑްވާންސްޑް އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ކޭއޭއައިއެސްޓީ) ގެ ސައިންސްވެރިން އުފެއްދި މި ޕައުޑަރު ސްޕްރޭއަކީ، ލޭގައި ޖެހުމާއެކު އެސްފިޔަޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި މަޑު ޖެލްއަކަށް ބަދަލުވާ އެއްޗެކެވެ. މި ޖެލްގެ ސަބަބުން ޒަޚަމްވެފައިވާ ތަން ބަންދުވެ، ފުން ޒަޚަމެއް ނަމަވެސް ލޭ އައުން ވަގުތުން ހުއްޓުވައިދެއެވެ.

Ad
rt

މި އައު އީޖާދަކީ މައިގަނޑު ގޮތެއްގައި ސިފައިންނާއި ކުއްލި ފަރުވާދޭ ސިއްހީ އެހީތެރިންނަށް އަމާޒުކޮށްގެން އުފައްދާފައިވާ އެއްޗެކެވެ. ނަމަވެސް، މިއީ ބޭނުންކުރަން ފަސޭހަ އެއްޗަކަށް ވުމުން، މުސްތަގުބަލުގައި އާންމުކޮށް ގޭގޭގައި ވެސް މީގެ ބޭނުން ހިފިދާނެ ކަމަށް ބެލެވެއެވެ.

ބޮޑެތި އަނިޔާތަކާ ގުޅިގެން ފުރާނައަށް ނުރައްކާވާ މައިގަނޑު ސަބަބަކީ ލޭ މަނާނުވުމެވެ. ޚާއްޞަކޮށް ސިއްހީ މަރުކަޒުތަކާ ދުރު ހިސާބުތަކުގައި ލޭ މަނާކުރުމަށް ލިބޭ މަދު ވަގުތުކޮޅަކީ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ވަރަށް މުހިންމު ވަގުތުކޮޅެކެވެ. އާދައިގެ ބޭންޑޭޖްތަކާއި ފޮތިގަނޑު ބޭނުންކޮށްގެން، ކުއްލި ހާލަތްތަކުގައި ލޭ މަނާކުރުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް މި އައު ޕައުޑަރުގައި ހިމެނޭ ކެމިކަލް މާއްދާތަކުގެ ސަބަބުން، ސިކުންތެއްގެ ތެރޭގައި ޒަޚަމް ބަންދުކޮށް، ލޭ ގަނޑުކުރުމަށް އެހީތެރިވެދެއެވެ. މި ސްޕްރޭ އުފެއްދުމަށް ބޭނުންކޮށްފައިވަނީ މުޅިންވެސް ގުދުރަތީ މާއްދާތަކެވެ. އޭގެ ތެރޭގައި ހިމެނެނީ:

އަލްޖިނޭޓް: ކަނޑު ފެހިން ނަގާ މާއްދާއެއް.
ގެލަން ގަމް: ބެކްޓީރިއާ ބޭނުންކޮށްގެން އުފައްދާ ފެންވަރުގެ މާއްދާއެއް.
ޗިޓޯސަން: އިހި، ކަނޑުކަކުނި ފަދަ ތަކެތީގެ ބޭރު ތޮށިގަނޑުން ނަގާ މާއްދާއެއް.

މި ތިން މާއްދާ އެކުވެގެން އުފެދޭ މި ކޮމްޕައުންޑަށް ކިޔަނީ ''އޭޖީސީއެލް'' އެވެ. މީގެ ތެރެއިން އަލްޖިނޭޓާއި ގެލަން ގަމްއިން ޖެލް އުފައްދާއިރު، ޗިޓޯސަންއިން ލޭގެ ސެލްތައް އެއްކޮށްލައިގެން ލޭ މަނާކުރުން އިތުރަށް އަވަސްކޮށްދެއެވެ. މި ''އޭޖީސީއެލް'' އަކީ އޭގެ ބަރުދަނަށްވުރެ ހަތް ގުނަ އިތުރަށް ލޭ ދަމައިގަތުމުގެ ގާބިލުކަން ލިބިފައިވާ، އަދި ބެކްޓީރިއާއާ ދެކޮޅަށް މަސައްކަތްކުރާ ވަރުގަދަ މާއްދާއެކެވެ. މީގެ އިތުރުން، ހޫނުގަދަ ނުވަތަ ތެތްމަނެއް ހުންނަ މާހައުލުތަކުގައި ވެސް ދެ އަހަރު ދުވަހު ގޯސްނުވެ މި ސްޕްރޭ ހުންނާނެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެމެރިކާގައި އެކަނިވެސް އަހަރަކު 31,000 މީހުން މަރުވަނީ ލޭ މަނާނުކުރެވިގެންނެވެ. އަދި ހަނގުރާމައިގެ މައިދާންތަކުގައި ސަލާމަތް ކުރެވޭނެ ފަދަ އަނިޔާތަކުގައި މަރުވާ މީހުންގެ 91.5 އިންސައްތައަކީ ލޭ މަނާނުކުރެވުމުގެ ސަބަބުން މަރުވާ މީހުންނެވެ.

މި ސްޕްރޭ އުފެއްދުމުގައި ބައިވެރިވި ސައިންސްވެރިއެއް ކަމަށްވާ ކިއުސޫން ޕާކް ބުނި ގޮތުގައި، މި ދިރާސާގެ އަސްލު މަގްސަދަކީ އިންސާނީ ފުރާނަ ސަލާމަތްކުރުމެވެ. އޭނާ ބޭނުންވަނީ މި ޓެކްނޮލޮޖީގެ އެހީގައި އިތުރު ސިފައިންނާއި އާންމުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ.

މި ސްޕްރޭ އާންމުކޮށް ބާޒާރަށް ނެރޭނެ ވަކި ތާރީޚެއް މިހާތަނަށް އިއުލާނެއް ނުކުރެއެވެ. ނަމަވެސް މިއީ ސިއްހީ ދާއިރާއަށް އަންނާނެ ވަރަށް އުންމީދީ ބަދަލެއް ކަމަށް މާހިރުން ގަބޫލުކުރެއެވެ.