ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް ސަރުކާރަކުން ވަކި ރަށަކަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓުކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ މި މަޝްރޫއާއެކު މުޅިން "އައު ދިއްދު"އެއް ތަރައްގީ ކުރެވިގެން ދާނެ ކަމަށެވެ.
މި ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއު ވަރަށް ހަލުވި ދުވެލީގައި ކުރިއަށްދާކަން މެމްބަރު ފާހަގަކުރެއްވިއެވެ. މީގެ ކުރީގެ ސަރުކާރުތަކުން ދިއްދޫގެ ތަރައްގީއަށް އިހުމާލުވެފައިވާކަން ފާހަގަކުރައްވައި، ލަތީފް ވިދާޅުވީ މި މަޝްރޫއަކީ މުޅި ބޮޑު ތިލަދުއްމައްޗަށް ލިބިގެންދިޔަ ބޮޑު އުފަލެއް ކަމަށެވެ.
މަޝްރޫއުގެ ތަފްސީލާއި ކުރިއެރުން
ދިއްދޫ އެއާޕޯޓު އެޅުމަށްޓަކައި 115 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށްދާއިރު، މިހާތަނަށް 21 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. މިއީ މުޅި މަސައްކަތުގެ 18.75 އިންސައްތައެވެ. މި މަސައްކަތް އަވަސްކުރުމަށްޓަކައި 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ދުނިޔޭގެ ފެންވަރުގެ ބޮޑު ޑްރެޖަރެއް ކަމަށްވާ 'ލެއިވް އެރިކްޝަން' ދަނީ ބޭނުންކުރަމުންނެވެ.
ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ މުހިންމު ވައުދުފުޅެކެވެ. މެމްބަރު ލަތީފް ވިދާޅުވި ގޮތުގައި، މި މަޝްރޫއަކީ ރައީސްގެ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ އަލިގަދަ ހެއްކެކެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް ސަރުކާރަކުން ވަކި ރަށަކަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓުކަމަށް ލަތީފް ވިދާޅުވެފައިވާއިރު މި މަޝްރޫޢުގެ ޖުމްލަ އަގު އަދި މިހާތަނަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރިކަމެއް ނޭނގެއެވެ. ފާހަގަކޮށްލެވޭގޮތުގައި މީގެ ކުރީން ރަށެއްގައި ކުރި އެންމެ ބޮޑު އެއް އިންވެސްޓްމެންޓްގެ ގޮތުގައި ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު ހިމެނެއެވެ. އެ މަޝްރޫޢުއަށް ވަނީ 137 މިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!