ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) ގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި، އެ މަޤާމުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅައި ޢިއުލާންކުރުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 234 ވަނަ އާންމު ބައްދަލުވުމުގައެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ މި މަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ ޖުމްލަ އަދަދަކީ 35,000 ރުފިޔާ ކަމަށެވެ. ކައުންސިލުން މިހާރު ވަނީ މި މަޤާމަށް އެކަށީގެންވާ ފަރާތެއް ހޯދުމަށް ޢިއުލާންކުރުމުގެ މަސައްކަތް ފަށާފައެވެ.

މީގެ އިތުރުން، 3 ޑިސެންބަރު 2025 ގައި ބޭއްވުނު ކައުންސިލްގެ 234 ވަނަ އާންމު ބައްދަލުވުމުގައި ވަނީ ސިޓީގެ މުހިންމު ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމާ ގުޅޭ ގޮތުންވެސް މުހިންމު ނިންމުމެއް ނިންމާފައެވެ.

އެގޮތުން، ކުޅުދުއްފުށީ އުތުރު ބަނދަރާއި ބޮޑުމުޙައްމަދުކަލޭގެފާނު ބަނދަރު، މަސްމާރުކޭޓު، އޮޑިއެހެލާ ސަރަހައްދު އަދި ދަތުރުހިޔާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ބީލަން އުސޫލުން ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.