އިރާނުގެ ވެރިރަށް ތެހެރާނުން ބޯފެން ހުސްވެ، ބޯފެނުގެ ބޮޑު ދަތިކަމަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށާއި، އަވަހަށް ވާރެ ނުވެހިއްޖެނަމަ އެ ސިޓީ ހުސްކުރަން ޖެހިދާނެކަމުގެ އިންޒާރު އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ދެއްވައިފިއެވެ.
ބައެއް ބައިނަލްއަގްވާމީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު އިރާނުގެ ހުޅަނގު ސަރަޙައްދުގައިވާ ސަނަންދަޖަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޕެޒެޝްކިއަން ވަނީ، އީރާނުގެ ސަރުކާރުން މިވަގުތު އިޤްތިޞާދީ، ތިމާވެށީގެ އަދި އިޖްތިމާޢީ ގިނަ ހިރާސްތަކާ ކުރިމަތިލަމުންދާ ކަމަށް ވިދާޅުވެފައެވެ.
މިގޮތުން އީރާނަށް ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަގުތައް މައްޗަށް ދިއުމާއި އިންފްލޭޝަން އުފެދިފައިވާކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. އެކަމުން އަރައިގަންނަން މަސައްކަތްތަކެއް ކުރެވެމުންދިޔަ ނަމަވެސް، މާލީ ވަސީލަތްތައް މަދުވުމުގެ ސަބަބުން ގިނަ މަޝްރޫޢުތައް ނުނިމި ހުއްޓުފައި ހުރިކަން ރައީސް ޕެޒެޝްކިއަން ވަނީ ފާހަގަކުރަށްވާފައެވެ.
ހަނަފަސްކަމުގެ ސަބަބުން ކުރިމަތިވެފައިވާ ފެނުގެ ޙާލަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެ މަނިކުފާނު އިންޒާރު ދެއްވީ އިރާނަށް ވާރެވެހުން މަދުވުމާއި ފެނުގެ ވަސީލަތްތައް މަދުވަމުން ދިއުމުގެ ސަބަބުން ޤުދުރަތީ ކާރިސާއަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ.
"ވާރެ ނުވެހިއްޖެނަމަ، އަންނަ މަހު ތެހެރާނުގައި ފެން ބޭނުންކުރުން މަދުކުރަން ފަށަން ޖެހޭނެ. ހަނަފަސްކަން ދެމިގެންދާނަމަ، ފެން ހުސްވެ، ސިޓީ ހުސްކުރަން މަޖުބޫރުވާނެ،" ރައީސް ވިދާޅުވިއެވެ.
ތެހެރާނުގެ ފެނުގެ ޙާލަތު "ކަންބޮޑުވާންޖެހޭ މިންވަރަށް" ހުރިކަން ފާހަގަކުރައްވައި، ފެނާއި ހަކަތައިގެ ވަސީލަތްތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި ހިންގުމުގެ މުހިންމުކަން އަވަސް ގޮތެއްގައި ކުރިއަށް ގެންދަންޖެހޭ ކަމަށް ރައީސް ޕެޒެޝްކިއަން ވަނީ ވިދާޅުވެފައެވެ.
އީރާނުން ނިއުކްލިއަރ ޕްރޮގްރާމެއް ކުރިއަށް ގެންދާކަމަށް ބުނެ އދ.އާއި ހުޅަނގުގެ ބާރުހުރި ގައުމުތަކާއި އެމެރިކާއިން ގުޅިގެން އެ ގައުމަށް ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. އީރާނަކީ އެމެރިކާ އާއި ހުޅަނގުގެ ބާރުތަކުން ނިކަމެތިކޮށްލަން ބޭނުންވެ، މީގެ ކުރީން އިސްލާމީ ބާރުތަކަށް ހެދިގޮތް ހަދަން ބޭނުންވެގެން މަސައްކަތް ކުރަމުން އަންނަ އެއް ގައުމެވެ. މީގެ ކުރިން ވެސް އިސްލާމް ދީނުގެ އަދުއްވު ގައުމުތައް ވަނީ އިރާގު، ލީބިޔާ، މިސްރު ފަދަ ގައުމުތަކަށް ދަތިކޮށް، ހަނގުރާމަކޮށް، ވެރިކަން ވައްޓާލައި އެބައިމީހުންގެ ބާރު ހިނގާފަދަ ވެރިކަންތައް ގާއިމުކޮށްފައެވެ.
ތެހެރާނަށް ދިމާވެފައިވާ ފެނުގެ ކާރިސާ
ތެހެރާނުގެ ފެން ފޯރުކޮށްދިނުން ބަރޯސާވެފައިވަނީ މައިގަނޑު ފަސް ޑޭމް ކަމަށްވާ ލާރު، މަމްލޫ، އަމީރު ކަބީރު، ޓަލެޤާން، އަދި ލައްޔަން ލަޓިޔާން ހިމެނޭ މައިގަނޑު ފަސް ޑޭމަށެވެ. މިތަނުން އެންމެ ބޮޑު ޑޭމް އަކީ އަމީރު ކަބީރެވެ. ނަމަވެސް، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އިރާނަށް ވާރެވެހުން ބޮޑުތަން މަދުވެފައިވާއިރު، މީޓިއޮރޮލޮޖިކަލް ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރު ތެހެރާނަށް ވެހިފައިވާ ވާރެއަކީ މޫސުމީ އެވަރެޖަށްވުރެ 40% އަށްވުރެ މަދު މިންވަރެކެވެ. ޚާއްސަކޮށް ބަހާރު މޫސުމާއި ހޫނު މޫސުމުގައި ވާރޭ ނުވެހޭތީ ރިޒާވަރުގެ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ބިމުގެ މަތީގެ ފެނާއި ބިމުގެ ފެނުގެ ރިޒާވަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
ތެހެރާން ވޯޓަރ އޮތޯރިޓީން ޖުލައި 20 ގައި އިންޒާރު ދީފައިވަނީ ދިގު މުއްދަތަކަށް ދެމިގެންދިޔަ ހަނަފަސްކަމުގެ ސަބަބުން ވެރިރަށަށް ފެން ފޯރުކޮށްދޭ ރިޒަވުއަރތަކުގައި ހުރި ފެނުގެ މިންވަރު ވޭތުވެދިޔަ ސަތޭކަ އަހަރުގެ ތެރޭގައި އެންމެ ދަށް މިންވަރަށް ގޮސްފައިވާ ކަމަށެވެ. މިދިޔަ ހޫނު މޫސުމުގައި މެދުކެނޑުމެއްނެތި ފެން ކަނޑާލުމުގެ ފިޔަވަޅުތައް ވަނީ ތަންފީޒުކޮށްފައެވެ. ނޮވެމްބަރު 3 ވަނަ ދުވަހު ތެހެރާން ވޯޓަރ އޮތޯރިޓީގެ ވެރިޔާ ބެހްޒާދު ޕަރްސާ ވިދާޅުވެފައިވަނީ ހަނަފަސްކަން ދެމިގެންދާނަމަ، ޑޭމްތަކުގައި ހުރި ފެން ރިޒާވްތައް ދެން ހުރީ އިތުރު ދެ ހަފްތާއަށް އެކަނި ފުދޭނެ މިންވަރަށް ކަމަށެވެ.
ރައީސް ޕެޒެޝްކިއަން ކުރިން ޖުލައި 23 ގައިވެސް އިންޒާރު ދެއްވާފައިވަނީ، މިހާރު ކުރިއަށްދާ މިންވަރަށް ހަނަފަސްކަން ދެމިގެން ގޮސް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަކީ ނުކުރެވޭނެ ކަމަކަށް ވެގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!