އައްޑޫގެ ތަރައްޤީއަށް އަމާޒުކޮށް، 1000 އެނދުގެ ބޮޑު އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫޢެއް މާލަހެއް ނުވެ ފެށޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރޭ ދެއްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ސަރަޙައްދުގެ ތަރައްޤީއާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، އައްޑޫގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ހަންކެޑެ މަޝްރޫޢުގައި ހުރި ހުރަސްތައް މިހާރު ނައްތާލެވިފައިވާ ކަމަށާއި، އެ މަޝްރޫޢުގެ ދަށުން 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫޢު ފެށިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އައްސޭރި ޓުއަރިޒަމް މަޝްރޫޢުގެ ތެރެއިންވެސް އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މިފަދައިން ރައީސް ވިދާޅުވެފައިވާއިރު، އައްޑޫގައި 1،000 އެނދުގެ (600 ކޮޓަރީގެ) އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަށްޓަކައި އެމްޓީޑީސީއާ ޓޫރިޒަމް މިނިސްޓްރީ އާއި ދެމެދު އެއްބަސްވުމުގައި ރޭ ވަނީ ސޮއިކޮށްފައެވެ.
ރައީސް ޑރ. މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން، ތަފާތު 19 މަޝްރޫޢުއެއް ފެށުމަށް ވަނީ ސޮއިކުރައްވާފައެވެ.
އެގޮތުން ސޮއިކުރެވުނު މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:
ފޭދޫ: އައިޑީކާޑާއި ޕާސްޕޯޓްގެ ހިދުމަތް ފެށުމާއި، ހިއްކާފައިވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ޤާއިމްކުރުން، އިސްރަށްވެހިންގެ ހިޔާ އިމާރާތްކުރުން، ނެޓްބޯޅަ ކޯޓެއް އަދި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުން.
ހިތަދޫ: ޕާސްޕޯޓްގެ ހިދުމަތް ފެށުމާއި، އާ ސެންޓްރަލް ޕާކެއް ހެދުން.
ހައުސިން: ހިތަދޫގައި 100 އަދި މަރަދޫ އާއި ފޭދޫގައި 50 ހައުސިން ޔުނިޓް އެޅުން.
މަރަދޫފޭދޫ: ފަތާ ޓްރެކެއް ހެދުމާއި، އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަސްއަކާއި ދަނާލެއް ހެދުން.
މަރަދޫ: ޕޮލިސް ސްޓޭޝަން އެޅުމާއި، ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުން.
އެހެނިހެން: ޝަރަފުއްދީން ސްކޫލާއި މަރަދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުން، އައްޑޫގައި ވަގުފް އިމާރާތެއް އެޅުން، އަދި ޔޫތު ތާޑް ސްޕޭސް ތަރައްގީކުރުމުގެ މަޝްރޫއެއް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!