ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ އޭނާގެ ރިޔާސީ އިންތިޚާބީ ކެމްޕޭނުގެ ފައިސާއާ ގުޅޭ ރޭވުމެއްގައި ކުށްވެރިވެ، ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރުމަށް ޕެރިހުގައި ހުންނަ ލާ ސާންޓޭ ޖަލަށް ގެންގޮސްފިއެވެ.
މިއީ 1945 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ނާޒީންނާ އެއްބާރުލުން ދިން ފިލިޕް ޕެޓޭން ޤައުމަށް ޚިޔާނާތްތެރިވުމުގެ ކުށުން ޖަލަށްލެވުނު ފަހުން، ޖަލަށްލެވުނު ފުރަތަމަ ފްރާންސްގެ ކުރީގެ ރައީސްއެވެ.
އުމުރުން 70 އަހަރުގެ ސާކޯޒީގެ މައްޗަށް ޕެރިސްގެ ޖިނާއީ ކޯޓުން ހުކުމްކުރީ 2007 ވަނަ އަހަރުގެ އޭނާގެ ރިޔާސީ ކެމްޕޭނަށް ލީބިޔާގެ ކުރީގެ ވެރިޔާ މުއައްމަރު ޣައްޒާފީގެ ފަރާތުން ގަވާއިދާ ހިލާފަށް އެތައް މިލިއަން ފައިސާ ހޯއްދެވިކަމަށް ސާބިތުވުމާއި ގުޅިގެންނެވެ.
މި މައްސަލައިގައި ޙުކުމް ތަންފީޒު ކުރުމަށްޓަކައި މިއަދު ހެނދުނު 09:40 (ގްރީންވިޗް މީން ޓައިމްގެ 07:40) ގައި ވަރަށް ބޮޑެތި ސަލާމަތީ ފިޔަވަޅުތަކުގެ ދަށުން ސެއިން ކޯރުގެ ދެކުނުގައިވާ މޮންޕަރްނާސް ސަރަޙައްދުގައި ހުންނަ 19 ވަނަ ޤަރުނުގެ މަޝްހޫރު ލާ ސާންޓޭ ޖަލަށް ސާކޯޒީ ވަނީ ގެންގޮސްފައެވެ.
ހުކުމް ތަންފީޒު ކުރުމަށް ޖަލަށް ގެންދިޔުމުގެ ވަގުތުކޮޅެއްކުރުން އެކްސްގައި ކުރި ޕޯސްޓެއްގައި ސާކޯޒީ ވަނީ އޭނާ ކުށެއް ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
"އަހަރެންގެ ހިތުގައި ޝައްކެއް ނެތް. ޙަޤީޤަތް ފާޅުވާނެ. އެކަމަކު މިއަށް ދައްކަންޖެހޭ އަގު ވަރަށް ބޮޑުވާނެ." އޭނާ ލިޔުއްވާފައިވެއެވެ.
"ވަރަށް ބޮޑު ހިތްވަރަކާއެކު އަހަރެން [ފްރާންސްގެ ރައްޔިތުންނަށް] ބުނަން، މިއަދު ހެނދުނު ޖަލަށްލަނީ ކުރީގެ ރައީސަކު ނޫން - ކުށެއް ނެތް މީހެއް. އަހަރެންނަށްޓަކައި ހިތާމަނުކުރޭ. އެއީ އަހަރެންގެ އަނބިމީހާއާއި ދަރިން އަހަރެންގެ ކައިރީގައި ތިބޭނެތީ... އެކަމަކު މިއަދު ހެނދުނު އަހަރެން ވަރަށް ބޮޑު ހިތާމައެއް ކުރަން، ބަދަލުހިފުމުގެ ވިސްނުމަކުން ފްރާންސް ނިކަމެތިކޮށްލާތީ." އޭނާ އިތުރަށް ލިޔުއްވާފައިވެއެވެ.
ސާކޯޒީ ވަނީ އޭނާގެ ޖަލު ޙުކުމާ ދެކޮޅަށް އިސްތިއުނާފުކޮށްފައެވެ. ޖަލުގައި އޭނާ ބެހެއްޓޭނީ ގާތްގަނޑަކަށް 9 އަކަ މީޓަރު (95 އަކަ ފޫޓު) ގެ އެކަހެރި ގޮޅިއެއްގައެވެ. މިއީ އޭނާގެ ރައްކާތެރިކަމަށްޓަކައި ނިންމާފައިވާ ނިންމުމެކެވެ. އެހެން ބަންދުމީހުންގެ ތެރޭގައި މަޝްހޫރު މަސްތުވާތަކެތީގެ ވިޔަފާރިވެރިންނާއި ޓެރަރިޒަމްގެ ކުށްތަކަށް ޙުކުމް ކުރެވިފައިވާ މީހުން ތިބޭތީ، އޭނާއަށް ޚާއްޞަ އިނާޔަތެއް ނުދޭން ސާކޯޒީ ބޭނުންވިޔަސް، ރައްކާތެރިކަމުގެ ގޮތުން މި އިންތިޒާމް ހަމަޖެއްސީއެވެ. ގޮޅީގެ އެތެރޭގައި ފާޚާނާއެއް، ފެންވަރާ ތަނެއް، މޭޒެއް އަދި ކުޑަ ޓީވީއެއް ހުންނާނެއެވެ. އޭނާއަށް ދުވާލަކު އެއް ގަޑިއިރު އެކަނި ކަސްރަތުކުރުމަށް ހުއްދަ ލިބޭނެއެވެ.
ސާކޯޒީ ޖަލަށް ގެންދިޔަ ވަގުތު، ޖަލު ބޭރުގައި 100 އަށްވުރެ ގިނަ މީހުން އެއްވެފައި ތިއްބެވެ. އޭގެ ތެރޭގައި އޭނާގެ ދަރިފުޅު، 28 އަހަރުގެ ލުއީ، ތާއީދުކުރާ މީހުންނަށް ގޮވާލުމުން އެކަމަށް އިޖާބަދިން މީހުން ހިމެނެއެވެ. އޭނާގެ އަނެއް ދަރިފުޅު ޕިއޭރު ވަނީ ލޯބީގެ މެސެޖެއް ފޮނުވުމަށް ގޮވާލާފައެވެ.
ފްރާންސްގެ މިހާރުގެ ރައީސް އެމެނުއެލް މެކްރޯން ވަނީ ފާއިތުވި ހަފްތާގެ ފަހުކޮޅު އެލިސޭ ގަނޑުވަރުގައި ސާކޯޒީއާ ބައްދަލުކުރައްވާފައެވެ. އަދި ހޯމަ ދުވަހު ނޫސްވެރިންނަށް ވިދާޅުވީ، އިންސާނީ ފެންވަރެއްގައި އަހަރެންގެ ކުރީގެ ރައީސަކާ މި ޙާލަތުގައި ބައްދަލުކުރުމަކީ އާދައިގެ ކަމެއް ކަމަށެވެ. އަދި އިންސާފުގެ ވަޒީރު ޖެރަލްޑް ޑަރްމަނިން ވަނީ ސާކޯޒީގެ ރައްކާތެރިކަމާއި ޖަލުގެ ހިންގުން ކަށަވަރުކުރުމަށް ޖަލަށް ޒިޔާރަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
"އިންސާނެއްގެ ދެރަކަމަށް އަހަރެންނަށް ނުބަލާ ތިބެވޭކޭކަށް ނެތް،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ފިލިޕް ޕެޓޭން ފިޔަވައި، ޖަލަށްލެވުނު ހަމައެކަނި އެހެން ފްރާންސްގެ ކުރީގެ ވެރިއަކީ ރަސްގެފާނު ލުއިސް 16 ވަނައެވެ. އޭނާ ޖަލަށްލެވުނީ 1793 ގެ ޖަނަވަރީގައި އަދަބު ތަންފީޒުކުރުމުގެ ކުރިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!