ށ. ފޭދޫއަށް ގިނަ މަޝްރޫޢުތަކެއް ހިންގައިދެއްވާނެ ކަމަށާއި، އެ މަޝްރޫޢުތައް ނިންމައިދޭނީ ރަށުގެ ރައްޔިތުން އެދުނުގޮތަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި މިއަދު ފޭދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ އެރަށުގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރަށްވާފައެވެ.
މިގޮތުން އެރަށުގައި މޫދަށް އެރޭނެ ސަރަޙައްދެއް ތަރައްޤީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްޤީކުރުމާއި މަގު ހެދުން ފަދަ މަޝްރޫޢުތައް ގުޅިލާމެހިފައިވާ ގޮތެއްގައި ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާގެ ތަރައްޤީއަށް އެރަށު ސިއްހީ މަރުކަޒުން 24 ގަޑިއިރުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވައި، އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއިން މިއަހަރު ތެރޭގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރައްވާނެ ކަމަށާއި، ފުޓްސަލް އަދި ފުޓުބޯޅަ ދަނޑަށް އިތުރު އަޕްގްރޭޑްތައް ގެނެސްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ރަށުގެ އިންޖީނުގެ އެހެން ސަރަޙައްދަކަށް ބަދަލުކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ޗައިނާގެ ހިލޭ އެހީގެ ދަށުން ކައުންސިލް އިދާރާ އިމާރާތްކުރާ ރަށްރަށުގެ ތެރޭގައި ށ. ފޭދޫ ހިމެނޭކަމަށާއި، މިއަހަރު ތެރޭގައި ފުލުހުންގެ މަރުކަޒު އަޅާ ރަށްރަށުގެ ލިސްޓުގައިވެސް ފޭދޫ ހިމެނޭކަމަށް ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
މިއަދު ހެނދުނު ބޭއްވުނު ބައްދަލުވުމުގައި ގޮނޑުދޮށް އެރަށު ހިމާޔަތްކުރުމުގެ މަޝްރޫޢާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެެއެވެ.
ރައީސް ވަނީ އެރަށު ރައްޔިތުންނާ މިއަދު ބައްދަލުވެ ވަރަށް ގިނަ ވާހަކަތައް އަޑުއެއްސެވުކަމަށް ވިދާޅުވެފައެވެ. އަދި ފޭދޫގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްދެއްވާނީ ރައްޔިތުންގެ އިޙްސާސްތަކާއި ވިންދާ އެއްގޮތަށް ވިދާޅުވެ، ރައީސް ވަނީ އެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!