ކުޅުދުއްފުށި ސިޓީ މަށި ކުޅި ވިއުވިންގ ޕްލެޓްފޯމުގެ ވޯކްވޭ ލައިޓްތަކަށް ބަޔަކު ގެއްލުންދީފިއެވެ.
މި ޕެލްޓްފޯމަށް ވެފައި ހުރި ގެއްލުމާއި ގުޅިގެން ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ, މި ޕްލެޓްފޯމުގެ ލައިޓްކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަނީ ގެއްލުންދީފައި ކަމަށެވެ.
މިގޮތުން މިއަދު އެ ލައިޓްތައް ކުރިންހުރި ހާލަތައް ގެނެވިފައިވާނެކަމަށާއި, އެހެންނަމަވެސް އަނެއްކާވެސް މިރޭގެ ވަގުތެއްގައި ލައިޓްތަކަށް އިތުރު ގެއްލުންތަކެއް ދީފައިވާކަމަށް މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ.
މަށިކުޅި ވިއުވިން ޕްލެޓްފޯމަށް އެންމެންގެ ހިތް, ޒިގްޒެގްގެ ބައިވެރިވުން ބޮޑު އިޖުތިމާއީ ހަދިޔާއެއް
ކުލުދުއްފުށި ސިޓީ ކައުންސިލާއި, ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އަދި ޔޫއެންޑީޕީ ގުޅިގެން ކުޅުދުއްފުށީ މަށިކުޅީގައި ތަރައްޤީކުރި މި ޕްލެޓްފޯމަކީ ރަށުގެ މާލިއްޔާއިން ބޮޑު ހޭދައެއްކޮށް ހިންގާފައިވާ މަޝްރޫޢުއެއް ކަމަށް ފާހަގަކުރައްވަމުން މޭޔަރ ވިދާޅުވެފައިވަނީ, މިފަދަ އަމަލުތަކުގެ ސަބަބުން ރަށުގެ ތަރައްޤީއަށް ހުރަސް އެޅި, ރައްޔިތުންގެ މާލިއްޔަތަށް ގެއްލުންވެ, ބައިނަލްއަޤުވާމީ ފަރާތްތަކުން އިތުރަށް ފަންޑު ހޯދުމުގައިވެސް ދަތިތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
"އެހެންކަމުން އަޅުގަނޑު އިހްލާސްތެރި އެދުމަކީ އެއްވެސް ފަރާތަކުން މިފަދަ އަމަލުތައް ތަކުރާރު ނުކުރުން އަދި މިފަދަ އަމަލެއް ހިންގަނިކޮށް ފެނިއްޖެނަމަ އެކަން ހުއްޓުވައި ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކޮށްދިނުން." މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ.
ކުޅުދުއްފުށީގެ މަށިކުޅީގެ ރީތިކަމާއި މަށީގެ ވެށީގެ މުއްސަނދިކަން ފުރިހަމައަށް ބަލައިލެވޭނެގޮތަކަށް ޤާއިމްކޮށްފައިވާ މި ވިއުވިންގ ޕްލެޓްފޯމް ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުއެވެ.
މިތަނަކީ ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނާއި، އެ ސިޓީއަށް ޒިޔާރަތްކުރާ މެހްމާނުންގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގެ ބޮޑު ސަމާލުކަމެއް ލިބިފައިވާ ތަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!