ށ. ފޭދޫ ކައުންސިލުން ދެމުންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތަށާއި، އެރަށު މިސްކިތް ބެލެހެއްޓުމަށް ބޭނުންވާ މުވައްޒަފުން ނެގުން ލަސްވެފައިވާތީ، އެ ރަށު ކައުންސިލުން ކަން ބޮޑުވުންފާޅުކޮށްފިއެވެ.

މިކަންބޮޑުވުން ފާޅުކޮށް ފޭދޫ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ލާމަރުކަޒީ ގާނޫނަށް ގެނެވުނު ފަހުގެ އިސްލާޙްގެ ދަށުން ކައުންސިލްތަކުގެ ދައުރު ހަަމަވާން އަހަރަކަށްވުރެ ކުރު މުއްދަތެއް އޮތްނަމަ ކައުންސިލްތަކަށް މުވައްޒަފުންނެގުމު ބާރު ކައުންސިލްތަކަށް ނޯންނާތީ، އެ ކައުންސިލުން ދެމުންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތަށާއި، އެރަށު މިސްކިތް ބެލެހެއްޓުމަށް ބޭނުންވާ މުވައްޒަފުން ނުނެގިވުމަކީ އެ ކައުންސިލްގެ ވަރަށްބޮޑު ކަންބޮޑުވުމެއްކަމަށެވެ.

Ad
rt

އެ އިސްލާހަށްފަހު ކައުންސިލްތަކަށް މުވައްޒަފުންނެގޭނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި މާލީ ވުޒާރާއިން ހަދާ އުސޫލެއްގެ ދަށުން ކަމަށްވެފައި، ޤާނޫނުގައި ބުނާ 30 ދުވަހުގެ ތެރޭގައި އުސޫލް ކައުންސިލްތަކާއި ހިއްސާކޮށްފައިނުވާކަމަށް ފޭދޫ ކައުންސިލުން ވަނީ ބުނެފައެވެ.

މިސްކިތްތައް ބެލެހެއްޓުމަކީ ގާނޫނީގޮތުން ކައުންސިލްތަކުގެ ޒިންމާގެ ދަށުގައިވާކަމެއްކަމަށްވާތީ، މުވައްޒަފުން ނުނެގި އެރަށު މިސްކިތްތައް ބެލެހެއްޓުމަށް ދަތިވެފައިވާކަމަށް ފޭދޫ ކައުންސިލްގެ ބަޔާނުގައި ބުނެފަވެއެވެ.

މިކަންބޮޑުވުން ފާޅުކޮށް ފޭދޫ ކައުންސިލްގެ ބަޔާނުގައި ވަނީ ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ އުސޫލު ފާސްކޮށް ވީ އެންމެ އަވަހަކަށް ގެޒެޓްކޮށް ދިނުމަށް އެދިފައެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީދުކުރެއްވީ 14 އޯގަސްޓް 2025 ގައެވެ. މި އިސްލާހްގެ ދަށުން ކައުންސިލްތަކުގެ ފަހު އަހަރު ކައުންސިލްގެ އިދާރާތަކަށް މުވައްޒަފުން ނެގުމަށް މާލީ ވުޒާރާ އާއި އެލްޖީއޭގެ ހުއްދަ ހޯދަން ޖެހެއެވެ. އެ ކަމަކު އެ ހުއްދަ ނަގަން ޖެހޭނީ ހިނގަމުން އަންނަ ކައުންސިލްތަކުގެ ދައުރު ހަމަވާން އެއް އަހަރު ގުނަން ފަށާ ހިސާބުންނެވެ.