ކުޅުދުއްފުށި ސިޓީގެ ފަންނުވެރި އެކި މަސައްކަތްކުރާ ބައެއް ފަރާތްތަކާއި، ވިޔަފާރީގެ އެކި ކަންކަމުގައި އުޅޭ ފަރާތްތަކާއިއެކު ބައްދަލުވެ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްލަން ފުރުސަތު ފަހިވެގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މި ސެޕްޓެމްބަރ މަހު 18 އިން 22 އަށް ކުޅުދުއްފުށީގައި ބޭއްވި ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދިނުމުގެ ގޮތުން ވަޒީރު ވަނީ އިއްޔެ ކުޅުދުއްފުއްޓަށް ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގައި ވަޒީރު ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާފައެވެ.

Ad
rt

މިގޮތުން މި ބައްދަލުވުމާއި ބެހޭގޮތުން ވަޒީރު މިއަދު އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކުޅުދުއްފުށީގެ ގިނަ ފަރާތްތަކާއި ހިޔާލު ބަދަލުކޮށްލަން ފުރުސަތު ލިބުނު ކަމާށާއި، މި ސަރުކާރުން ކުޅުދުއްފުއްޓަށް ރޭވިފައިވާ އިޤްތިޞާދީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާނެކަމަށެވެ.

''ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން، އެ ސިޓީގެ ތަރައްޤީއަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އިޤްތިޞާދީ ކަންކަމުގެ މައުލޫމާތުވެސް އެ ފަރާތްތަކާއި އަޅުގަނޑު ހިއްސާކުރިން.'' ވަޒީރު ސައީދު ވިދާޅުވެފައިވެއެވެ.

އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ވިޔަފާރީގެ ދާއިރާއިން ކުރިއަށްދާ ބައިވެރިންނާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފަރާތްތަކުންވެސް ބައިވެރިވެފައިވާއިރު، މި ބައްދަލުވުން ނިމިގެންދިޔައިރު، އެ ފަރާތްތަކަށް އިޤްތިޞާދީ ގޮތުން ވަރަށް އަގުހުރި މައުލޫމާތުތަކެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ.