މެރިކާއިން ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްއަށް ވީސާ ދޫނުކުރުމާ ގުޅިގެން، އދ. ގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި އެމަނިކުފާނު ވީޑިއޯ މެދުވެރިކޮށް ބައިވެރިވުމަށް އދ. ގެ އާންމު މަޖިލީހުން ވޯޓު ދީ، ފާސްކޮށްފިއެވެ.
މި ނިންމުމާއެކު، ރައީސް އައްބާސްއަށް ޔޫއެންޖީއޭގެ ޢާންމު މަޖިލީހަށް ވީޑިއޯ މެދުވެރިކޮށް މުޚާތަބުކުރެއްވުމުގެ މަގު ފަހިވެގެން ވަނީ ގޮސްފައެވެ.
މި ގަރާރަށް 145 ޤައުމަކުން ތާއީދުކުރިއިރު، 5 ޤައުމަކުން ވަނީ ދެކޮޅަށް ވޯޓު ދީފައެވެ. އަދި 6 ޤައުމަކުން ވަނީ ވޯޓު ދިނުމުން އެއްކިބާވެފައެވެ. މި ވޯޓަކީ ފަލަސްތީނުގެ ހައްޤުތަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތާއީދު ބޮޑުކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ވޭތުވެދިޔަ މަހު، އެމެރިކާއިން ވަނީ ރައީސް އައްބާސް އާއި އެހެނިހެން ފަލަސްތީނުގެ އިސްވެރިންނަށް ނިއުޔޯކަށް ދަތުރުކުރުމުގެ ހުއްދަ ނުދޭނެކަމަށް ބުނެފައެވެ. މިކަން ހިނގާފައިވަނީ އެމެރިކާގެ ބައެއް އެކުވެރި ޤައުމުތަކުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.
އާންމު މަޖިލީހުގެ ތަޤްރީރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ. މީގެ ކުރިން އަންނަ ހޯމަ ދުވަހު، އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ދެ ދައުލަތުގެ ހައްލެއް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން ފްރާންސް އާއި ސައޫދީ އަރަބިއްޔާއިން ބާއްވާ ސަމިޓެއްގައި ދުނިޔޭގެ ލީޑަރުން ބައިވެރިވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!