ކުޅުދުއްފުށީ ސިޓީގައި ހޭންޑްބޯލް ބަލަން ތިބޭގޮތަށް ގާއިމުކުރެވޭ ސިޑިބަރިއާއެކު ހަގީގަތުގައި ގާއިމުވެގެން ދަނީ ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ކަމަށް ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދު ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރޭ ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި، ކުޅިވަރުގެ ދާއިރާއިން ކުޅުދުއްފުއްސަށް ލިބިގެންދާނެ އިތުރު ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވިދާޅުވީ، ކުޅުދުއްފުށީގައި ސިންތެޓިކް ޓްރެކްގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، އެންމެ ލަސްވެގެންވެސް މި އަހަރުގެ ނިޔަލަށް ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި ފަށައިދެއްވާނެ ކަމަށެވެ. މި މަޝްރޫޢަކީ އެކިފަހަރު އެކި ފަންޑުތަކާ ގުޅުވައިގެން މަސައްކަތް ކުރެވިފައި އޮތް ކަމެއްކަން ފާހަގަކުރައްވައި، ސަރުކާރުން އެކަން ދިގުލައިގެންދިޔަނުދޭން ނިންމަވައި، މިހާރު ފިނޭންސް މިނިސްޓްރީން އެކަމަށްޓަކައި މަގުތައް ފަހިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުގެ ނަތީޖާއެއްގެ ގޮތުން އެތްލެޓިކްސްގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަރަށް ތާރީޚީ ކަމެއްވެސް ކުޅުދުއްފުށި ސިޓީއަށް ލިބިގެންދާކަން ފާހަގަކުރައްވައޮި، އެގޮތުން، މި އަންނަ މަހުގެ 18 ވަނަ ދުވަހު ފެށިގެންދާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޓޯރނަމަންޓަކީ، ރާއްޖޭގެ ތާރީޚުގައިވެސް، ރާއްޖޭގެ ރަށެއްގައި މިހާބޮޑު އިންޓަރނޭޝަނަލް މުބާރާތެއް ބޭއްވޭ ފުރަތަމަ ފަހަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ޙަޤީޤަތުގައި ކުޅުދުއްފުށީ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ފަޚުރެއް ކަމުގައި ރައީސް ސިފަކުރެއްވިއެވެ. މި މުބާރާތް ބޭއްވުމަށް ސަރުކާރުން ވަރަށް ބޮޑު ހޭދައެއްކޮށް، ހޭންޑްބޯލް އެސޯސިއޭޝަނާ އެކީގައި އިސްކަމެއްދީގެން ސިޓީ ކައުންސިލާއި ގުޅިގެން މަސައްކަތް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތަށް ޚާއްޞަކޮށް، ކުޅިބަލަން ތިބެވޭގޮތަށް، ހިޔާގަނޑުލާފައި ހުންނަ ސިޑިބަރިއާއެކު ދާއިމީ ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ޤާއިމުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ސްޓޭޑިއަމްގައި ގާތްގަނޑަކަށް 500 މީހުންނަށް އިށީނދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، 100 ވީ.އައި.ޕީ. ސީޓުވެސް ހިމެނޭނެއެވެ. މިއީ ހޭންޑްބޯލް އަދި ބީޗް ހޭންޑްބޯލް ކުރިއެރުވުމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

''މިތަނުގައި ދާއިމަށް ހުންނާނެ ގޮތަށް އަޅުގަނޑުމެން އެބަ ޤާއިމުކުރަން، ހިޔާގަނޑުލާފައި ހުންނަގޮތަށް، ކުޅިބަލަން ތިބެވޭ ސިޑިބަރި. ގާތްގަނޑަކަށް 500 މީހުންނަށް، އަދި 100 ވީ.އައި.ޕީ. ސީޓުވެސް ހިމެނޭހެން. ދާއިމަށް މިތަނުގައި، މި ސިޓީގައި ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ޙަޤީޤަތުގައި މިއިން ޤާއިމުވެގެން މިދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން ވެގެންދާނެ، ހޭންޑްބޯލް ކުރިއަރުވާ، ބީޗް ހޭންޑްބޯލް ކުރިއަރުވަން ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމަކަށް.'' ރައީސް ވިދާޅުވެފަވެއެވެ.

ހޭންޑްބޯލްގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ސޮއިކުރެވުނު ކޮމްޕްލެކްސްގެ ތެރޭގައި ހުރިހާ އިންޑޯ ކުޅިވަރެއް ކުޅެވޭނެ ކަމަށާއި، ނަމަވެސް އެ މަޝްރޫޢު ނިމެންދެން މަޑުނުކޮށް، ފުޓްސަލާއި ހޭންޑްބޯލް ދެ ކުޅިވަރު ކުޅެވޭގޮތަށް، އިތުރު ދަނޑެއް އެ ސިޓީގައި މި އަހަރުގެ ތެރޭގައި އެޅުމުގެ މަސައްކަތް ފަށައިދެއްވާނެ ކަމަށެވެ. މިކަމުގެ ސަބަބުން ޚާއްޞަކޮށް އަންހެން ކުޅުންތެރިންނަށް ވަރަށް ބޮޑު ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށް އެމަނިކުފާނު އުންމީދުކުރެއްވިއެވެ.

މީގެ އިތުރުން، މިހާރު ބޭނުންކުރަމުންދާ ފުޓްބޯޅަ ދަނޑުތަކުގައި ނިންމަންހުރި ހުރިހާ ކަމެއްވެސް، މި އަހަރުގެ ތެރޭގައި ޢަމަލީގޮތުން ކޮށް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ރޮސްޓްރަމް، ލައިޓް އަދި ފެންސް ފަދަ ކަންކަން ހިމެނެއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މިކަންކަން ގާތުން ބަލަމުންދާ ކަމަށާއި، ކުޅިވަރުގެ ދާއިރާއަށް ވެފައިހުރި ގިނަ ވަޢުދުތައް މި އަހަރުގެ ތެރޭގައި ނިމި އަދި ގިނަ ކަންކަން ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.