ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން އިންސާނިއްޔަތުކަމާއި މުޅިން ޚިލާފް، އަނިޔާވެރިކަމާއި ހައްދުފަހަނައަޅައިދިއުމުގެ މިސާލެއްކަމަށްވާ އިސްރާއީލުން އިތުރު ޢަރަބި ޤައުމުތަކުގެ ބިންތައް ފޭރިގަނެ އެމީހުންގެ ގްރޭޓަރ އިސްރާއީލް، ''ބޮޑު އިސްރާއީލް''ގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އަންގާރަ ދުވަހު އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައުދުވެއްޖެއެވެ.
މިކަން އޭނާ ސިފަކޮށްފައި ވަނީ "ތާރީޚީ އަދި ރޫޙާނީ މިޝަނެއް" ގޮތުގައެވެ. އަދި ފަލަސްތީނު ދައުލަތަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކާއި އަދި މިހާރުގެ ޖޯޑަން، މިސްރު، ސީރިއާ އަދި ލުބްނާންގެ ބައެއް ސަރަޙައްދުތައް ހިމެނޭ 'ބޮޑު އިސްރާއީލް' ޕްލޭން ހާސިލްކުރާނެކަމަށް އޭނާ ވަނީ ވަޢުދުވެފައެވެ.
އަންގާރަ ދުވަހު އިސްރާއީލްގެ ބްރޯޑްކާސްޓަރ ''އައި24 ނިއުސް'' އަށް ދިން އިންޓަވިއުއެއްގައި، އޭނާގެ ސަރުކާރުން ޣައްޒާގެ ބާކީ އޮތް ސަރަޙައްދުތަކަށް އަނިޔާވެރިކަން ފުޅާކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ވަނީ ބުނެފައެވެ. އަދި އޭނާ މިކަން ސިފަކުރީ "ޖީލުތަކުގެ" މިޝަނެއްގެ ގޮތުގައެވެ.
"މިތަނަށް އައުމުގެ ހުވަފެން ދެކުނު ޔަހޫދީންގެ ޖީލުތަކެއް އެބަތިބި، އަދި އަހަރެމެންގެ ފަހުން އަންނާނެ ޔަހޫދީންގެ ޖީލުތަކެއްވެސް އެބަތިބި." އޭނާ ބުންޏެވެ.
'ބޮޑު އިސްރާއީލް' [އެރެޓްޒް ޔިސްރާއެލް ހަޝްލެމާ] މި ލަފްޒު ބޭނުންކުރަން ފެށީ 1967 ގެ އަރަބި-އިސްރާއީލް ހަނގުރާމައިން ފެށިގެން، އިސްރާއީލާއި އެ ޤައުމުން އަތްގަދަ ކުރި ސަރަޙައްދުތައް، އިރުމަތީ ޖެރޫސަލަމް، ވެސްޓް ބޭންކް، ޣައްޒާ، މިސްރުގެ ސިނާއީ ޕެނިންސުލާ، އަދި ސީރިއާގެ ގޮލާން ހައިޓްސް ސިފަކުރުމަށެވެ. ނަތަންޔާހޫގެ ލިކުޑް ޕާޓީގެ އައިޑިއޮލޮޖިކަލް ކުރީގެ ލީޑަރު ޒީއެވް ޖަބޮޓިންސްކީ ފަދަ އަވަލީ ޒައިއޮނިސްޓުން މިހާރުގެ ޖޯޑަން ވެސް މީގެ ތެރޭގައި ހިމަނައެވެ.
'ބޮޑު އިސްރާއީލް' ގެ ކޮންސެޕްޓަކީ ރިވިޜަނިސްޓް ޒައިއޮނިޒަމްގައި އަސާސްވެފައިވާ ލިކުޑްގެ ސިޔާސީ އާދަކާދައިގެ އެމީހުން ގެންގުޅޭ މައި އަސާސްކަމަށް ބުނެއެވެ.
މި އިންޓަވިއުގައި ވެސް ނަތަންޔާހޫ ވަނީ ފަލަސްތީނު ދައުލަތެއް އުފެއްދުމާ ތަކުރާރުކޮށް ދެކޮޅުހަދާފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އޭނާގެ ސަރުކާރުގެ ޣައިރު ޤާނޫނީ އާބާދީ އިތުރުކުރުމުގެ ޢަމަލުތައް މި ވިސްނުން ދައްކުވައިދެއެވެ.
ބައެއް ދިރާސާވެރިން ދެކޭގޮތުގައި ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ ޖަމާޢީ މަރުގެ ޢަމަލުތަކަކީ މި ޕްލޭން އަވަސް ގޮތެއްގައި ތަންފީޒުކުރުމުގެ މަސައްކަތެކެވެ. ފާޑުކިޔާ ފަރާތްތަކުން އިސްރާއީލްގެ ސަރުކާރުގެ އެޕްރޯޗް ސިފަކުރަނީ "އެންމެ ގިނަ ބިން، އެންމެ މަދު އަރަބިން" ހޯދުމަށް މަސައްކަތްކުރާ ކަމަށެވެ.
އަންގާރަ ދުވަހު ނަތަންޔާހޫ އިތުރަށް ބުނީ އިސްރާއީލްގެ ސިފައިން ފުޅާ ދާއިރާއެއްގައި އަނިޔާވެރިކަން ހިންގުމަށް ތައްޔާރުވަމުންދާއިރު، ވަށާލެވިފައިވާ ޣައްޒާއިން ފަލަސްތީން ރައްޔިތުން ފުރުމަށް އިސްރާއީލުން ފުރުޞަތު ދޭނެ ކަމަށެވެ.
"އެމީހުންނަށް ފުރުޞަތު ދޭނެ، އެންމެ ފުރަތަމަ ކަމަކަށް، ހަނގުރާމައިގެ ސަރަޙައްދުތަކުން ފުރުމަށް އަދި ޢާންމުކޮށް އެ ސަރަޙައްދުން ފުރުމަށް، އެމީހުން ބޭނުންވާނަމަ،" އޭނާ ޓެލެވިޜަން އިންޓަވިއުއެއްގައި ބުންޏެވެ.
"އަހަރެމެން މިކަމަށް ފުރުޞަތު ދޭނަން، އެންމެ ފުރަތަމަ ކަމަކަށް، ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ތެރޭގައި، އަދި އެމީހުންނަށް ޣައްޒާއިން ފުރުމަށްވެސް ފުރުޞަތު ދޭނަން." އޭނާ ބުންޏެވެ.
ޣައްޒާގެ ޞިއްޙީ މިނިސްޓްރީން ބުނާ ގޮތުގައި 2023 ގެ އޮކްޓޯބަރުން ފެށިގެން އިސްރާއީލީ ބާރުތަކުން 61,600 އާ ގާތްކުރާ ފަލަސްތީން މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 2 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާއިރު އެތައް ހާސް ބަޔަކު ވަނީ ޒަޚަމްކޮށްލާފައެވެ.
އިސްރާއީލަށް މިކަމުގައި ބައިނަލްއަގްވާމީ ފާޑުކިޔުންތައް އިތުރުވެފައިވީނަމަވެސް ދުނިޔޭގެ ބޮޑު ބާރު އެމެރިކާއިން މަދަދުދޭން އޮތުމުން އިސްރާއީލުން ދަނީ އެމީހުންގެ އަނިޔާވެރިކަން ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!