ކުރީގެ އަދަދާއި ގުޅޭ:

" ތައިބާ ވެސް ޖެހޭނީ އަހަރެންގެ ވޯކް ގަބޫލު ކުރަން. މިހާރު އަދި ކޮމްޕެނީން އެބަ ފޮނުވާ ރާއްޖެތެރޭ ރަށްރަށަށް މީހުން ވެސް. ހަމަސް ދުވަހަށް ފަހަރެއްގައި އަހަރެން ވެސް ދާން ޖެހިދާނެ." ޒިޔާދު ބުންޏެވެ. އެއާއެކު އަހަންނަށް ލިބުނީ ގޮތް ނޭނގޭ އުފާވެރިކަމެކެވެ.

Ad
rt

ޒިޔާދު މާލެއިން ބޭރަށް ދާން ޖެހިދާނެޔޭ ބުނުމުން އަހަރެންގެ ހިތަށް ލިބުނު ހިތްހަމަޖެހުމާމެދު އަހަންނަށް އެ ދަނޑިވަޅުގައި ވިސްނާލެވުނެވެ. ހަގީގަތުގައި ވެސް އަހަރެން މި ހުރީ ބްރޭކްއެއް ބޭނުންވެފައިކަން ޔަގީން ކުރެވުނެވެ.

" ކިހިނެއްވީ؟ އަހަރެން ދާ ވާހަކަ ބުނީމަ ހިތްހަމަ ނުޖެހުނީތަ؟ ތައިބާ ހިތްހަމަ ނުޖެހުނަސް އޮފީސް ކަންކަމުގައި ނޯ އެއް ނުޖެހޭނެ." ޒިޔާދު ބުންޏެވެ.

ނޭފަތް ދަމާލަމުން އަހަރެން ޒިޔާދުއަށް ބަލައިލީ ގަދަކަމުން ހިނިތުންވެލަމުންނެވެ.

" ކީއްވެތަ އަހަންނާމެދު އެހާ ކުށްހީ ކުރަނީ؟ އަހަރެން އަދި އެއްވެސް އެއްޗެއް ވެސް ނުބުނަމެއްނު. ވަޒީފާގެ އެއްވެސް ކަމެއްގައި އަހަރެން ދުވަހަކުވެސް ނޯ އޭ ބުނިންތަ؟ ނޫނީ ޒިޔާދު ކުރަން ބޭނުންވާ ކަމެއް، އަހަންނާހެދި ނުވެ ދިޔަތަ؟" އަހަރެން ސުވާލު ކުރީ ވަރުބަލިކަމާއެކުއެވެ.

" އެކަމަކު ވެސް ތި ހުރި ފާޑުން އެނގެޔޭ ހިތްހަމަ ނުޖެހިއްޖެކަން." ޒިޔާދު ބުންޏެވެ.

އަހަރެން ދުރަށް ބަލައިލީމެވެ. ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަކީ ޒިޔާދުގެ ކިބައިގައި ނެތް ސިފައެކެވެ. ކޮންމެ ފަހަރަކު ވެސް އިތުރަށް ގޯސްވުން ނޫންކަމެއް ނުވެއެވެ.

" ދެން ދަނީ ނިދަން." ފަރުވާކުޑަ ގޮތަކަށް އެހެން ބުނެލުމަށްފަހު ޒިޔާދު ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

ކޮޓަރީގެ ދޮރު ލެއްޕުނުތަން ބަލަހައްޓައިގެން ހުރެ އަހަރެން އައިސް ސޯފާގައި އިށީނީމެވެ. އެއަށްފަހު މަޑުމަޑުން މުޅި ގެއަށް ނަޒަރު ހިންގާލީމެވެ.

އުފާވެރިކަމޭ ކިޔާ އެއްޗެއްގެ ޒައްރެއްގެ މިންވަރު ވެސް މި ގޭތެރެއިން އަހަންނަކަށް ނުފެނެއެވެ. ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ އަހަރެން ތަހައްމަލް ކުރަމުންދާފަދަ އެކަނިވެރިކަމެކެވެ. ޒިޔާދާއެކު ލޯބިން އުޅެން އަހަރެން އިންތިހާއަށް ބޭނުމެވެ. ދިރިއުޅުން އުފާވެރި ކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް އަހަރެން ކުރަން ބޭނުމެވެ. ޒިޔާދު ހިތްހަމަޖެހޭ ކަންތައްތައް ކޮއްދޭން އަހަރެން ބޭނުންވެއެވެ. ނަމަވެސް އެ ފުރުސަތަކީ މަދުން ނަމަވެސް މިހާރު އަހަންނަށް މިހާރު ނުލިބޭ ފުރުސަތުތަކެކެވެ.

އެތައް އިރެއް ވަންދެން ސޯފާގައި އިނުމަށްފަހު، އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. އޭރު ޒިޔާދު އޮތީ ފޯނާ ކުޅޭށެވެ. އަހަންނަށް އެ މަންޒަރު ފެނުނު ނަމަވެސް ފެންނަ ކަމަށް ނަހަދާ ގޮސް ފާހާނާއަށް ވަނީމެވެ. ފެންވަރާލައިގެން ނިކުމެ، ޑްރެސިންޓޭބަލް ކައިރީ ހުއްޓުމާއެކު، ޒިޔާދު އަހަންނަށް ބަލައިލިތަން، އަހަންނަށް ފެނުނީ ލޯގަނޑުންނެވެ. ފަރުވާލެއް ނުބަހައްޓާ، އަހަރެން ފެށީ، ގައިގައި ލޯޝާން ލާށެވެ.

" ނިދަން އުޅެއުޅެ ނުނިދުނު." އަހަރެންގެ ކަންފަތުގައި ޒިޔާދުގެ އަޑު ޖެހުނެވެ.

ރައްދެއް ދޭކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ޒިޔާދު އަހަންނާ ވާހަކަ ދައްކައިފިނަމަ، ވާހަކަ ނުދައްކާ ހުންނާކަށް އަހަންނަކަށް ނުކެރެއެވެ. އަަހަރެން ފަހަތް ބަލައިލި އިރު ޒިޔާދު އޮތީ އަހަންނަށް ބަލަހައްޓައިގެންނެވެ.

" ފޯނު ބާއްވާފައި ނިދޭތޯ ބަލާލަބަލަ." އާދައިގެ ގޮތަކަށް އަހަރެން ބުނީމެވެ.

" އަހަރެން ނިދަން އުނދަގޫވާ ވާހަކަ ބުނީމަ މީގެ ކުރިން ތައިބާ ތިހެންނެއް ނުބުނާނެ. " ފޯނު ލޮކް ކޮށްލަމުން ޒިޔާދު ބުންޏެވެ.

އަލަމާރި ކައިރީ ހުއްޓި، ޓީޝާޓެއް ގަޔަށް މަހާލުމަށްފަހު، އަނެއްކާ ވެސް އަހަރެން ޑްރެސިންޓޭބަލް ކައިރިއަށް ދިޔައީމެވެ.

" ކުރިޔާ މިހާރު ތަފާތު ވެއްޖެއެއްނު." އަހަންނަށް ބުނެވުނެވެ.

" ދެން ކުޑަކުދިން އުޅޭހެން ނޫޅޭބަލަ. އަހަރެން ނިދަން އުނދަގުވަންޏާ އަހަންނަށް ދޭ މަސާޖް މިރޭ ބޭނުން. ޕްލީޒް." ޒިޔާދު ބުންޏެވެ.

ބޮލުގައި ފުނާ ކާއްތަން އަހަރެން ހުރީ ލޯގަނޑުން ޒިޔާދުއަށް ބަލަހައްޓައިގެންނެވެ. އޭނާއަށް ހަމަ އެއްވެސް އެއްޗެއް ނުވިސްނެނީ ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން މި ހުންނަނީ އޭނާއާ ދެ ބަސްވެ، ހިތްހަމަނުޖެހުމެއްގައެވެ. އަހަރެން ބުނާ އެއްވެސް ކަމެއް ޒިޔާދުއަކަށް އަންޑަސްޓޭންޑެއް ނުވެއެވެ. އަދި އެ ކަންތައްތައް އޭނާ ގަބޫލު ކުރަން ބޭނުން ވެސް ނުވަނީއެވެ.

" ދެން ކިރިޔާ ކަމެއް ވާއިރަށް ތިހެން ނުހުރެބަލަ. އަހަރެން ވެސް ހަމަ އޯކޭ ވަނީއެއްނު. އަހަރެން މިހާރު މިހުރީ ރުޅި އައިސްފައެއް ނޫނެއްނު." ބޯ ހިއްލާލަމުން ޒިޔާދު ބުންޏެވެ.

މަޑުމަޑުން ފުނާ ބޭއްވުމަށްފަހު ބޮލުގައި ހުޅިއެއް ޖަހާލީމެވެ. އަދި އަތުގައި ކުޑަ އަތަރުކޮޅެއް ހާކާލުމަށްފަހު ކަނދުރާއާއި މޫނުގައި ފިރުމާލީމެވެ. ފަސް އެނބުރި ބަލައިލަމުން އަހަރެން ދެ އަތް އުރާލީ، ހަމަޖެހޭ ގޮތް ދައްކާށެވެ. އޭރު ޒިޔާދު އޮތީ ފަރުވާތެރިކަމާއެކު އަހަންނަށް ބަލަހައްޓައިގެންނެވެ.

" ތި އަންނަނީ ދޯ؟" ކެތްމަދުވެފައި ޒިޔާދު ބުންޏެވެ.

އޭރު އަހަރެންގެ ހިތުގައި ޝަކުވާގެ ޖުމްލަތައް ކެނޑިނޭޅި ފެވެމުން ދެއެވެ. ނަމަވެސް އެ ޝަކުވާތައް ބޭރުކުރަން ވެއްޖެނަމަ މި ގޭތެރޭގެ މަސްލަހަތު ގެއިން ބޭރަށް ދާކަށް މާ ގިނަ ދުވަހެއް ނުނަގާނެކަން އަހަންނަށް އެނގެއެވެ. އަހަރެމެންގެ މި ދިރިއުޅުމުގެ އަގު ހިފަހައްޓަން އަހަރެން ވަރަށް މަސައްކަތް ކުރަމެވެ.

ޒިޔާދުދެކެ ކިތަންމެ ހިތްހަމަ ނުޖެހިފައި ހުއްޓަސް، އޭނާއަށް ކޮށްދޭންޖެހޭ ހިދުމަތްތަކަށް އަހަރެން ބަދަލެއް ނުގެންނަމެވެ. އަހަރެންގެ ފަރާތުން މި ގޭތެރެއިން އޭނާއަށް މަދުވާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ރުޅި އައިސް ދެބަސްވުމަށްފަހު ވެސް ، އެހާ އަވަހަށް ޒިޔާދު "އޯކޭ" ވަނީ ވެސް އެހެންވެކަން އަހަންނަށް އެނގެއެވެ.

ޑްރެސިންޓޭބަލް މަތީގައި ހުރި ކުޑަ ތެޔޮފުޅި ނަގައިގެން އަހަރެން އެނދާ ދިމާލަށް ހިނގައިގަތީމެވެ.

" އާ ގެއަށް ގޮސް ލިލީއަށް ވަކި ރޫމެއް ދޯ ދޭނީ؟" އެނދަށް އެރުމާއެކު ޒިޔާދު ބުންޏެވެ. އޭރު އެނދު ކޮޅުގައި އޮތް ކުޑަ ގޮދަނޑީގައި ލިލީ އޮތީ ނިދާފައެވެ.

" ވަކިކުރަން އަދި މާ އަވަސް." އަހަރެން އަވަސް އަވަހަށް ބުނީމެވެ.

އިތުރަށް ވާހަކަ ދެއްކުމެއް ނެތި ޒިޔާދު ބަންޑުން އޮށޯވެލިއެވެ. ގައިގައި އެއްވެސް ވަރެއް ނެތް މީހަކު ފަދައިން އަހަންނަށް އިނދެވުނީ ޒިޔާދުގެ ހަށިގަނޑަށް ބަލަހައްޓައިގެންނެވެ.

" ކިހިނެއްވެފަ ތި އިންނަނީ؟ އަވަސް ކުރީމައެއްނު އަވަހަށް ނިދޭނީ؟ މާދަމާ ވެސް ހެނދުނު އަހަރެން ޑިޔުޓީއަށް ދާން ޖެހޭނެއެއްނު. " ޒިޔާދު ބުނެލީ އާދައިގެ ގޮތަކަށެވެ.

ހަގީގަތުގައި އަހަރެން އިނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ހަށިގަނޑަށް ވުރެ ބޮޑަށް ސިކުނޑިއެވެ. ޒިޔާދުގެ ގައިގައި ފިރުމާލަން ހިތެއް ނޭދުނެވެ. އަހަރެންގެ ހިތް ފާރުވަމުންދަނީ ޒިޔާދުގެ ސަބަބުންކަން، ހިތަށް ބުނެ ނުދިނަސް، އެ ހިތަށް އެނގޭނެ ނޫންހެއްޔެވެ؟ އަހަރެން ވިސްނާ މި ހަލާކުވަނީ ޒިޔާދުއާ ހެދިކަން އަހަރެން ނުބުންޏަސް، މި ސިކުނޑިއަށް އެނގޭނެ ނޫންހެއްޔެވެ؟

" އަޅެ ކީއްވެފައިތަ ތި އިންނަނީ؟ ނުވަންޏާ ވެސް ބުނެބަލަ. " ޒިޔާދުގެ ރަސްމީ ރުންކުރު ރާގު ނިކުންނަން ފެށުމުން އަހަރެން ތެޅިގަތީމެވެ.

" އުނހު. ވާނެޔޭ. މި އުޅެނީ." މަޑުމަޑުން އަހަރެން ބުނީމެވެ.

ހުރިހާ އުދާސްތަކެއް ފިލުވާލުމަށްޓަކައި މަޑުމަޑުން އަހަރެން ފުން ދިގު ނޭވާއެއް ބޭރަށް ދޫކޮށްލީމެވެ. އަދި ޒިޔާދުގެ ފައިމަތީގައި އިށީނދެލީމެވެ.

" އެންމެ ފިރުމާލުމަކުން ވެސް ހީވަނީ ހުރިހާ ރިހުމެއް ފިލައިގެން ދިޔަހެން." ޒިޔާދުގެ ބުރަކަށީގައި އަތް ހިންގަން ފެށުމާއެކު ޒިޔާދު ބުންޏެވެ.

ބައިގަޑި އިރެއްހާއިރު ވަންދެން އަހަރެން އޭނާގެ ބުރަކަށީގައި މަސާޖްކޮށްދިނީމެވެ.

" ފައިބަބަ! އަހަރެން އަނެއް ފުށަށް އޮށޯވެލާނަން." ޒިޔާދު ވާހަކަ ދެއްކީ ލޯތްބާއެކުއެވެ.

އޭނާ އެހެން ބުނުމުން އަހަރެން އަވަސް އަވަހަށް އޭނާގެ ފައިމަތިން ފޭބީމެވެ.

" ނުދައްޗޭ. އަދި ވެސް ބޭނުން. " ޒިޔާދު އަހަރެންގެ އަތުގައި ހިފަމުން ބުންޏެވެ.

އެއާއެކު އަހަންނަށް އޭނާގެ މޫނަށް ބަލައިލެވުނީ ހިތްދަތިވެގެންނެވެ. އެ ޖުމްލަ އަޑުއަހާލަން ބޭނުންވެފައި އޮވެ އަހަރެން ނިދާނީ ކިތައް ރޭ ހެއްޔެވެ؟ ބޭއިހްތިޔާރުގައި އަހަންނަށް ހިނިތުންވެވުނުކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. މަޑުމަޑުން ޒިޔާދުގެ ފައިމަތީގައި އަނެއްކާ ވެސް އަހަރެން އިށީނީމެވެ. އަދި އޭނާގެ މޫނުގައި ދެ އަތުން ހިފަހައްޓާލަމުން މޫނާ، މޫނު ކައިރިކޮށްލަން ކުޑަކޮށް ގުދުވެލީ ތުރުތުރުއަޅާ ހާލުގައެވެ. އޭނާގެ ގައިމަތީ އަހަރެންގެ ހަށިގަނޑު ބާއްވާލުމާއެކު ޒިޔާދު އަހަރެންގެ މެދުހަށީގައި ހިފެހެއްޓިއެވެ. އަދި އަހަރެން ނަގަން މަސައްކަތްކުރީ މޫނު އަނބުރާލަމުންނެވެ.

" ދެން ތިހެން އުޅުނީމަ އަވަހަކަށް ނުނިދޭނެއެއްނު. ދެ ފައި މަސާޖްކޮއްލާފަ ދެން ނިދާނީ. ފައިގައި ވެސް ވަރަށް ރިއްސައޭ." ޒިޔާދު ބުންޏެވެ.

އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ. ފުންމާލައިގެން ހިނގައިދާނެމޭ ހިތަށް އެރިއެވެ. ހައިރާންވުމާއި ހިތްހަމަ ނުޖެހުމާއެކު އަހަރެން އޭނާއަށް ބަލަން ފެށީމެވެ. ނަމަވެސް ކޮޓަރިތެރޭގައި ހުރި ފަނޑު އަލިން އަހަރެންގެ މޫނުގެ ޝުއޫރުތަކެއް އޭނާއަކަށް ނޭނގޭނެއެވެ.

" ކިހިނެއްވީ؟ ރުޅި އައީތަ؟ އަސްލުވެސް ވަރަށް ވަރުބަލި. މިއަދު އެއްކޮށްހެން ކޮޅަށް އުޅުނީ. އެހެންވެ ނިދޭތޯއޭ މި ބުނީ މަސާޖެއް ދޭށޭ ވެސް. ޗުއްޓީއެއް ނަގާނަން ވަރަށް އަވަހަށް. އޭރުން ޓައިމް އޮންނާނެއެއްނު. ތައިބާ ބޭނުމިއްޔާ ރާއްޖެއިން ބޭރަށް ވެސް ދެވިދާނެ ޗުއްޓީގަ. ނޫނީ މިތާ ކައިރި ރަށަކަށް ވެސް ދެވިދާނެ." އަހަރެންގެ މޫނުގައި ދެ އަތުން ހިފަހައްޓާލަމުން އޭނާ ބުންޏެވެ.

އަދި އަހަރެންގެ ތުންފަތުގައި ތުންފަތް ޖައްސާލުމަށްފަހު މަޑުމަޑުން އަހަރެންގެ މޫނު ދުރުކޮށްލީ ވެސް އޭނާއެވެ. އެއްވެސް ޖަވާބެއް ނުދީ އަހަރެން އޭނާގެ ގައިމަތިން ފޭބީމެވެ. އަދި އޭނާއަށް ފުރަގަސްދީގެން އިށީނީމެވެ. އޭރު އަހަރެންގެ ހިތް ނުހަނު ބާރަށް ތެޅެމުން ދެއެވެ. ކުޑަކުޑަ ވަގުތު ކޮޅަކަށްޓަކައި ކުރެވުނު އުއްމީދު ވެސް ނާއުއްމީދު ވީއޭ ހިތަށް އެރިއެވެ.

ޒިޔާދުގެ ފައިގައި ތެޔޮ ދަމަން އިންދާ އަހަންނަށް އިވުނީ އޭނާގެ ގުގުރީގެ އަޑެވެ. އަތް ހުއްޓާލުމަށްފަހު ފަހަތް ބަލައިލި އިރު އޭނާއަށް އޮތީ ނިދިފައެވެ. ކަޅި ހުއްޓައިގެން އިނދެ އެ މޫނަށް ބަލަން އިނދެވުނީ ކިހާ އިރަކު ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ.

ތެދުވެގެން ގޮސް ރަނގަޅަށް އަތް ސާފުކޮށްގެން އެނބުރި އައިސް އަހަރެން ޒިޔާދުގެ ކައިރީ އިށީނދެލީމެވެ. އަނެއްކާ ވެސް އަހަންނަށް އެ މޫނަށް ބަލަން ފެށުނެވެ.

އޭނާ އެ ބުނަނީ ހައްގު ތެދެކެވެ. ރެޔާދުވާލު އޭނާ މަސައްކަތް ކުރަނީ އަހަރެމެންނަށްޓަކައެވެ. އަހަރެމެންގެ ހައްގުގައެވެ. އަހަރެން ބުނެފި ނަމަ، ކޮންމެ އެއްޗެއް ވެސް އޭނާ އަހަންނަށް ހޯދައިދެއެވެ. ދަރިފުޅު ބޭނުންވެއްޖެ ކޮންމެ ކަމެއް ކޮއްދެއެވެ. އޭނާގެ ހުވަފެނަކީވެސް އަހަރެމެންނަށް މުއްސަނދި ދިރިއުޅުމެއް ހޯދައިދިނުމެވެ. ތަނަވަސްކަމުގައި އަހަރެމެން ގެންގުޅެން ބޭނުންވާކަމުގައި އަބަދުވެސް ޒިޔާދު ބުނެއެވެ.

ސިޓިންރޫމާއި ބަދިގެއިން ފެށިގެން ކޮޓަރިއާއި ފާހާނާގައި ވެސް ހުންނާނީ ފެންވަރު ރަނގަޅު އެއްޗެއްސެވެ. އަހަރެންގެ ޗޮއިސްއަކީ އާދައިގެ އެއްޗެއްކަމުގައި ވީ ނަމަވެސް ޒިޔާދު އަބަދުވެސް އެކަމަށް އިންކާރު ކުރެއެވެ. އޭނާ ނަގާނީ އެންމެ އަގުހުރި އަދި އެންމެ މޮޅު އެއްޗެވެ. އޭނާ ހޯދައިދޭން ބޭނުންވާނީ ވެސް އެ ފެންވަރުގެ އެއްޗެއްސެވެ.

އަހަރެން މި ދިރިއުޅެނީ އެ ތަަނަވަސްކަމުގައެވެ. އެ މުއްސަނދި ކަމުގައެވެ. އަހަރެންގެ އަތުގައި ނެތް އެއްވެސް އެއްޗެއް ނެތެވެ. ހުރިހާ އެއްޗެއް ވެސް އަހަރެންގެ އަތުގައި ހުރެއެވެ. ހުރިހާ އެއްޗެއް ވެސް ލިބެއެވެ. ހަމައެކަނި އަހަންނަށް ނުލިބެނީ ލޯތްބެވެ. އޯގާތެރިކަމެވެ. އަހަރެން ކަރުނައަޅަނީ އެ ނުލިބިގެންނެވެ. އަހަރެން ވިސްނަނީ އެ ބޭނުންވާތީއެވެ. އަހަރެން ރުޅިގަދަވަނީ އެ ކަމަށް ކެތް ނުކުރެވޭތީއެވެ. އެންމެ ފަހު ވަގުތު އަހަންނަށް ވިސްނުނު އެއްކަމެއް އެބައޮތެވެ. އެއީ މި ތަނަވަސްކަމާއި ފައިސާއާއި މުއްސަނދިކަމަކީ ބޭކާރު އެއްޗެއްކަމެވެ. ދިރިއުޅުމަކަށް އެންމެ މުހިއްމުވަނީ ލޯތްބާއި އޯގާތެރިކަންކަމެވެ. މޮޅެތި އެއްޗެއްސާއި އަގުހުރި މުދާ ލިބިގެން އުފާވާނެ ނަމަ މި ރާއްޖޭގައި ހުރި އެންމެ އުފާވެރި މީހަކަށްވާނީ އަހަންނޭ އަހަރެންގެ ހިތަށް އެރިއެވެ.

ނަމަވެސް، އެ އުފާވެރިކަން އަހަންނަށް ލިބޭނަމަ، މިއަދު އަހަރެން މިތާ ހިތުގައި ޖެހިފައި އިންނާނެ ހެއްޔެވެ؟ ކައިރީގައި މި އޮތީ މީހެއްގެ ފިރިއެއް ނޫނެވެ. ހުދު އަހަރެންގެ ފިރިމީހާއެވެ. ނަމަވެސް މިހާރު އަހަންނަށް ސިފަވަނީ އެއީ ބޭނުން ނެތް މަސްގަނޑެއްގެ ސިފައިގައެވެ.

ލޮލަށް ގިނަވެފައި ހުރި ކަރުނަތައް އެތެރެއަށް ހިންދާލައިގެން އިނދެ އަހަރެން އޮށޯތީ އޭނާއަށް ފުރަގަސްދެމުންނެވެ. އެއާއެކު ލޮލުގެ ހިމަކޮޅުން ކަންފަތާ ދިމާލަށް ކަރުނައިގެ ރޮނގުތައް ފައިބައިގަތެވެ. އާދައިގެ މަތިން މި ރޭ ވެސް އަހަންނަށް ނިދަންޖެހުނީ ލޯ ތެންމަމުން ބަރު ހިތަކައިގެންނެވެ.

ޖެހިގެން އައި ދުވަހެވެ. ޒިޔާދު ފެންވަރަން ވަނުމާއެކު އޭނާ އޮފީހަށް ދާން ލާ ހެދުން ސެޓު ހުރިގޮތަށް ނަގާ، އަލަމާރި ތަޅުގައި އަޅުވާލީމެވެ. އޭރުވެސް ލިލީ ނުހޭލައެވެ. ކޮޓަރިން ނިކުމެ ޒިޔާދަށް ކަޅު ކޮފީއެއް ގިރުމަށްފަހު މޭޒުމަތީ ބެހެއްޓީމެވެ. އޭރު ވެސް ރޭގެ ކަންތައްގަނޑުން އަހަރެންގެ ބޮލަށް އުނދަގޫވަމުން ދިޔައެވެ.

" ކޮބާ ބޮކްސާ؟" ބޭރަށް ބޯ ދިއްކޮށްލަމުން ޒިޔާދު އެހިއެވެ.

" ފަޓްލޫން އޮތް ގޮނޑުގައި ހުންނާނެ އަޅުވާފައި." އަހަރެން ބުނީމެވެ.

އޭނާ ވަގުތުން ދޮރު ލައްޕައިފިއެވެ. އެއާއެކު އަނެއްކާ ވެސް އަހަރެންގެ މަސައްކަތް ހުއްޓިއްޖެއެވެ. އެ ފަދަ ވެސް އޭނާގެ އަތުން ކުރާކަށް އަހަރެން ނުޖައްސަމެވެ. އަހަރެން ނެތިއްޔާ ޒިޔާދު ދިރިއުޅޭނީ ކިހިނެއްކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ.

" އަދި ހަނދާން ނެތި އިއްޔެ މި އާދެވުނީ ތައިބާއަށް އޮތް ސެންޓުފުޅި ބާއްވާފައޭ. މިހާރު މާ މަޝްހޫރުވެގެން އުޅޭ ކޮކާ ސެންޓްފުޅިއެއް އޮންނާނެ ގަނެފަ." ކޮޓަރިން ނިކުންނަމުން ޒިޔާދު ބުންޏެވެ.

" ކޮފީ ރެޑީގަ އެ ހުރީ." ފަހަތް ބަލައިލަމުން އަހަރެން ބުނީމެވެ.

" އުފަލުން ގޮސް ނީވޭ ކަމަށް ދޯ ތި ހެދީ؟ އަހަންނަށް އެނގެޔޭ ތައިބާ ވެސް އެ ސެންޓް ޖަހަން ބޭނުންވާނެކަން." ޒިޔާދު ބުންޏެވެ.

ކާމޭޒު ކައިރީ ހުރި ގޮނޑި ދަމާލަމުން އޭނާ އިށީނދެލިއެެވެ. އެއް މިޔަކަނުން ހީލަމުން އަހަރެން ދެ އަތް އުރާލީމެވެ.

" ނޫން. އެއްވެސް ވަރަކަށް ބޭނުމެއް ނުވެ. ނެތް އެއްވެސް ޝައުގެއް ވެސް. " އަހަރެން ބުނެލީމެވެ.

"ތިއީ ހަމަ ބުނާއެއްޗެއް. އެކަމަކު އަަހަރެން ބޭނުމޭ އަހަރެންގެ އަންހެނުން ވެސް އެ ސެންޓް ގަންނަން. އެނގޭތަ އެ ފިހާރަ އޮތީ ކިޔު ޖެހިފައޭ. ހުސް އަންހެން ކުދިން އޮތީ. އަހަރެން އެކަނި ހުރީ ފިރިހެނަކަށް. ގައިމު އެ ކުދިން އެ ދަނީ އަމިއްލައަށް ގަންނާކަށްނު. އަހަރެން ދޯ މި ދިޔައީ ލޯބިވާ އަނބިމީހާއަށް ސެންޓު ގަންނަން." ހެވިފައި އިނދެ ޒިޔާދު ބުންޏެވެ.

އޭނާގެ ވާހަކަ ތަކުން އަހަރެން ގާތަށް ހަމަ ހަގީގަތުގައިވެސް އައީ ލާނެތް ހިންޏެކެވެ.

" ދެން؟ ސެންޓު ފުޅި ދިނީމަ އަހަރެން ވަރަށް އުފާވާނެހެން ހީވޭތަ؟" އަހަރެން އެހީމެވެ.

" އާނ. ކިހާ އުފާވާނެ. " އޭނާ ބުންޏެވެ.

" އެކަމަކު އަހަރެން އަމިއްލައަށް ގޮސް ގަންނަންޏާ ގަންނަނީ 300ރުފިޔާ ވެސް ނާރާވަރުގެ ސެންޓު. އަދި އަހަރެން މި ހުސްކުރީ ޒިޔާދު އަހަންނަށް ގަނެދިން އޮރިޖިނަލް ސެންޓުފުޅިއެއް. ވަރަށް އަގުބޮޑު ވާހަކަ ވެސް ބުނީމެއްނު. އެކަމަކު.... އެކަމަކު ސުވާލަކީ ކޮބައިތޯ ތަފާތަކީ؟ ދެ އަގެއްގެ، ދެ ފެންވަރެއްގެ ދެ ސެންޓެއް ޖަހައިގެން ވެސް ވަނީ އެއްވަރު. ދެން؟ " އަހަރެން އެހީމެވެ.

" އެއްވަރޭ؟ އެހެންވީމަ އަހަރެން ތައިބާއަށް ރަނގަޅެއް ނޫންތަ؟ " ޒިޔާދު ސުވާލު ކުރީ ބާރަށެވެ.

" ގޯހެކޭ މަށެއް ނުބުނަމެއްނު." އަހަންނަށް ވެސް ބުނެވުނީ އެއަށް ވުރެ ބާރަށެވެ.

" ދެން ކޮންހާ ވާހަކައެއް ދައްކަނީ؟ އެއްޗެއް ދިނަސް ނޯވެ ސަލާމަތެއް. ޝަކުވާ ހުހެއް ނުވެ. ގެއަށް ވަންނައިރަށް ފެންނަނީ އޮއްސިފަ އިންނަ މޫނެއް. ދެން މަ ލޯބިން އަނގައިން ބުނާ ހިތް ވާނެތަ؟ ތި ބުނަނީ އަހަރެން އެއްޗެއް ދިނަސް، އެކަމަކުން އުފަލެއް ނުވެޔޯ. ކިހާ ހެއްވާ!" ޒިޔާދު ބުނެލީ ފުންމައިގެން ތެދުވަމުންނެވެ.

" އާނ ނުވޭ އުފަލެއް. ހަމަ ނުވޭ! ކީއްވެތަ އަހަރެން ދޭން ބުނާ އެއްޗެހި ޒިޔާދަށް ނުދެނީ؟ ދޭށޭ ކިޔާ އާދޭސްކުރާ އެއްޗެހި ނުދެނީ ކީއްވެތަ؟ ބޭނުމޭ، ބޭނުމޭ ބުނާ އެއްޗެހި ދޭން ނޭނގޭނީ ކީއްވެތަ؟ އަހަރެން ދޭން ބުނަނީ ގިނަ ފައިސާތަކެއް ވިއްކައިގެން ހަރަދުތަކެއް ހިނގާ ކަންކަމެއް ނޫނޭ. އަހަރެން ބުނަނީ އަހަރެންގެ ހިތާ، ފުރާނަޔާ، އުފަލާ، ނަފްސާ، ޖަޒްބާތުތަކާ، އިހްސާސްތަކާ ގުޅިފައިވާ ކަންކަމުގެ ވާހަކައޭ." ގަޔަށް ބާރު ލައިފައި އެއް ފައްޗަކަށް އަހަރެން އަމުނާލީމެވެ.

ދުވަހަކު ވެސް ޒިޔާދުއާ ދިމާލަށް މިހާ ބާރަށް އަހަރެން އެއްޗެއް ނުބުނަމެވެ. ރުޅި އައިސް ހުރި ވަރުން އަހަންނަށް އޭނާގެ މޫނަށް ބެލުނީ ވެސް ދެ ލޯ ވައްކޮށްގެންނެވެ.

" ކީއްވެތަ އަހަރެން ކަލެޔަށް ދޭ އެއްޗެއްސާ މެދު ޝުކުރު ނުކުރަނީ؟ ތި ހިތަކީ ދުވަހަކުވެސް ފުރޭނެ ހިތެއް ނޫން. ކަލެޔާ ހެދި މީހަކު ހަނާވިޔަސް ދުވަހަކު ޝުކުރެއް ނުކުރާނެ. އަހަރެން ކޮއްދޭ ކަންކަމެއް ނުދަންނާނެ. ކޯއްޗެއް ނުލިބިގެންތަ ތި ތެޅި ބާލަނީ؟ އުފަލާއި އިހްސާސްތަކޭ ކިޔައިގެން ކީކޭތަ ތި ކިޔަން އުޅެނީ؟ ކިހާބޮޑު ބަލާއެއް މީ؟ " ޒިޔާދުގެ އަޑު ވެސް މަޑެއް ނޫނެވެ.

ރުޅި ގަދަވެގެން އޭނާއަށް ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް ދިޔުމުން އަހަރެން ބިރުގަތެވެ. ނޭވާ އަވަސްވެ، ފަހަތަށް ޖެހެވެން ފެށިއެވެ. އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ.

މަޑުކުރުމެއް ނެތި، ބާރުބާރަށް ދޮރު ޖަހާފައި ޒިޔާދު ނިކުމެއްޖެއެވެ. އޭރު ވެސް އަހަރެންގެ ދެ ތުންފަތް ލެއްޕޭ ގޮތެއް ނުވިއެވެ. ދެ ލޯ ކުޑަ ވާ ގޮތެއް ނުވިއެވެ. ދެ ބުމަ ތިރިއެއް ނުވިއެވެ. ހުއްޓުން އަރާފައި އަހަންނަށް ހުރެވުނީއެވެ. ހިތުގައި ހަރުލީ އެންމެ ލަފުޒެކެވެ. އެއީ ޒިޔާދު އެންމެ ފަހުން ދޫކޮށްލި ބަހެވެ. މިހާރު އަހަންނަކީ އޭނާއަށް ބަލާއަކަށް ވީއޭ ހިތަށް އެރުމާއެކު އެތެރޭގައި ހިފެހެއްޓިފައި ހުރި ނޭވާ، ދޫވެއްޖެއެވެ. އަވަސް އަވަހަށް އަހަރެން ހުރި ތަނަށް ތިރިވީމެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)