ރައްޔިތުން، ސިޓީ ކައުންސިލުގެ މޭޔަރ އަދި ކައުންސިލު މެންބަރުން އިންތިހާބުކުރީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށާއި، ހަތަރު އަހަރު މަސައްކަތްކުރުމަށް ފަހު ބާކީ ފަހު އަހަރު ގޭގައި ތިބޭ ގޮތަކަށް ނޫންކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ.

މޭޔަރ އާޠިފް މިހެން ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގެންނަން އިއްޔެ ފާސްކޮށްފައިވާ ބަދަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

މި ބައްދަލުވުމުގައި މޭޔަރ ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް މި ގެންނަ ބަދަލުތަކުގެ ސަބަބުން އިދާރީ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އައިސް ރަށުގެ ތަރައްޤީގެ މަޝްރޫޢު ތަކަށާއި، ރައްޔިތުންގެ އިޤްތިސާދީ ފުރުސަތުތައް ހުޅުވުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ހުއްޓުމެއް އަންނާނެކަމަށެވެ.

އެގޮތުން ސިޓީ ކައުންސިލުން 5 އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭނެއް ހަދައިގެން ކޮންމެ އަހަރަކުވެސް މި މަސައްކަތްތައް ކުރަމުންދާއިރު، ރައްޔިތުންނާއި މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން އެކަންތައް ތަރުތީބުކޮށް އެކަންތައް "ކަރުދާހަށް ތިރިކުރަމުން" ދާކަމަށް މޭޔަރ ވިދާޅުވެފައިވެއެވެ. މިގޮތަށް ރާވައިގެން ސިޓީގެ މަޝްރޫޢުތައް ކުރިއަށް ގެންދާއިރު، ތަރައްޤީ ޕްލޭނުން ހާސިލްކުރަންޖެހޭ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ސިޓީ ކައުންސިލުން މުހިންމު މަޝްރޫޢުތަކެއް މިއަހަރުވެސް ކުރުމަށް ނިންމާފައިވާކަމަށެވެ.

ނަމަވެސް މި މަޝްރޫޢުތައް ހުއްޓުވައި، ކައުންސިލުގެ ހިންގުން ހުއްޓުވާލުމަށް މަޖިލީހުން ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެންނަން ފާސްކުރި ބިލުގެ ދަށުން ވިޔަފާރި ކުރަން ކުރިމަތި ކުރުވާ ހުރަސްތަކުގެ ތެރޭގައި އަމިއްލަ މީހަކު ކުރަމުންދާ ވިޔަފާރިއެއް ނުކުރެވޭ ގޮތް ހެދުމާއި، އުމްރާނީ ތަރައްގީއަށް ކޮންމެހެން ބޭނުންވާ މަސައްކަތެއް ނޫނީ ނުކުރެވި، ވިޔަފާރީގެ އިންވެސްޓްމަންޓު ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުކޮށް، ކައުންސިލުން މިހާރު ކުރަމުންދާ ވިޔަފާރިތައް މަތީގައި ބަޔާން ކުރާ އުސޫލަކާ ހިލާފުވެއްޖެ ނަމަ އެ ވިޔަފާރިއެއް ތިން މަސްދުވަސް ތެރޭ ހުއްޓާލަން ޖެހުން ފަދަ ދަތިތައް ކުރިމަތިވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މި އިސްލާހުގެ ދަށުން ތަންތައް ކުއްޔަށް ދިނުމަށް އެޅޭނެ ހުރަސްތަކުގެ ތެރޭގައި، އަސާސީ ހިދުމަތް ދިނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުން މަނާ ކުރުމާއި، މާލީ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދަށުން، ފިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކައުންސިލުތަކުގެ ބޭންކް އެކައުންޓުތައް ބަލަހައްޓަން މަޖުބޫރު ކުރުވައި އެ މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލުގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދިނުމަށް މި ބިލުގެ ދަށުން ކައުންސިލްތަކަށް ވަނީ މަޖުބޫރު ކުރުވާފައިކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

މޭޔަރ އާޠިފް މި ބައްދަލުވުމުގައި އިތުރަށް ފާހަގަކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި، މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީދުކުރައްވައިފިނަމަ، ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ދާއިމީ އަދި ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނެގޭނެ މަގު ބަންދުވެ، ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުއްޔަށް ދޫކުރުން މަނާކޮށް، ތަރައްގީގެ އާ މަޝްރޫއުއެއް ހިންގުން މަނާވުން ހިމެނެއެވެ.

މި ބަދަލުތަކުގެ ސަބަބުން މިފަދަ ބޮޑެތި ގޮންޖެހުންތަކެއް ކައުންސިލަށާއި، އާންމު ރައްޔިތުނަށް ކުރިމަތިވާނެތީ މި ބިލް ތަސްދީގުނުކުރުމަށް ގޮވާލަމުން މޭޔަރ ވިދަޅުވީ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަކީ މާލެ ކައުންސިލުގެ މޭޔަރ ކަމުގައި ހުންނަވައި، ރަޢީސުލް ޖުމްހޫރިއްޔާކަމަށް ވަޑައިގެންނެވި ބޭފުޅެއްކަމަށެވެ.

''އެހެންކަމުން އަޅުގަނޑު ޤަބޫލުކުރަނީ ރައީސުލްޖުމްހޫރިއްޔާއަށް ރަނގަޅަށް އެނގިވަޑައިގަންނާނެ ކަމަށް މި ބަދަލުތަކުގެ ސަބަބުން ނުވަތަ މި ގޯސް އިސްލާހުތަކުގެ ސަބަބުން އަޅުގަނޑުމެން ކައުންސިލަށާއި ރައްޔިތުންނަށް މިކަމުގެ ސަބަބުން ދިމާވާނެ ނިކަމެތިކަން. އެހެންކަމުން އަޅުގަނޑު އަދިވެސް މި ގޮވާލަނީ މިހާރު މަޖިލީހުން ފާސްކޮށްފައިވާ އެ ބިލު ތަސްދީގުނުކުރުމަށް." މޭޔަރ އާޠިފް ވިދާޅުވެފައިވެއެވެ.

މިއަދު ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއި ގުޅިގެން ފާސްކޮށްފައިވާ ބިލު ތަސްދީގުނުކުރެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ އަރިހުން މި ބައްދަލުވުމުގައި ބައިވެރިވި ބައެއް ކައުންސިލް މެންބަރުންވެސް ވަނީ އެދިފައެވެ.