އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމް ކޮށްފައިވާ ''ސުންދަރަލިންގަމް ކޫޑަލިންގަމް'' ކިޔާ މީހާއަކީ ދިވެއްސެއްނޫންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
އިމިގްރޭޝަނުން މިހެން ބުނީ އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން އެ ޤައުމުގެ ކޯޓަކުން ޙުކުމް ކޮށްފައިވާކަމަށް ބުނާ ''ސުންދަރަލިންގަމް ކޫޑަލިންގަމް'' ކިޔާ މީހާއަކީ ދިވެއްސެއްކަމަށް ދޭހަވާގޮތަށް ބައެއް މީޑިއާތަކުން ޚަބަރުފަތުރާފައިވާތީ އެކަން ސާފުކޮށްދިނުމުގެ ގޮތުން މިއަދު ނެރުނު ބަޔާނެއްގައެވެ.
''މި މައްސަލައާއި ގުޅިގެން ލަންޑަންގެ ކޯޓަކުން ޙުކުމް ކުރެވުނު އިސްވެ ބަޔާންކޮށްފައިވާ މީހާ އަކީ ދިވެހި ސަރުކާރުގެ ކަމާގުޅޭ އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑްކުރެވިފައިވާ މީހެއްނޫންކަމުގައި ދަންނަވަން'' އިމިގްރޭޝަނުން ބުނެފަވެއެވެ.
އެހެންކަމުން މި މައްސަލާގައި ސައްހަނޫން މައުލޫމާތު އަދި ފަރުވާލެއްނެތި ކަމެއް އޮޅޭފަދަ މައުލޫމާތު ނުފެތުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
ސުންދަރަލިންގަމް ކޫދަލިންގަމް (36) ގެ މައްޗަށް އިނގިރޭސިވިލާތުގައި ދައުވާ އުފުލާފައި ވަނީ 2023 ވަނަ އަހަރުގެ މާރޗް މަހު ސޯހޯގައި ހުންނަ ރޫޕަޓް ޖޭޑް ތައި މަސާޖް ޕާލަރގައި 30 އަހަރުގެ ސައުތްވާކް ކްރައުން ކިޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައެވެ. އަނދިރި ކޮޓަރިއެއްގައި މަސާޖް ކުރަން ބާއްވާ އެނދުގައި އޮވެ އެވަގުތު ސުންދަރަލިންގަމް ކޫދަލިންގަމް، އޭނާއަށް ދެފަހަރެއްގެ މަތިން ޖިންސީ ގޯނާ ކުރިކަމަށް ސައުތްވާކް ކްރައުން ކޯޓުގައި ބުނެފައިވެއެވެ.
މި މައްސަލާގައި ސުންދަރަލިންގަމް ކޫދަލިންގަމް މައްޗަށް އެ އަންހެންމީހާ އާއެކު ގަދަކަމުން ޖިންސީ ގުޅުންހިންގިކަމުގެ ކުށް ސާބިތުވެފައެވެ.
ކޫދަލިންގަމްއަށް ހުކުމްކުރަމުން ޖަޖް ރެކޯޑަރ ޖެރެމީ ބްރަޔަރ ކޭސީ ބުނެފައިވަނީ "މިއީ އޭނާއަށް ބިރުވެރި އަދި ނުރައްކާތެރި ތަޖުރިބާއެއް" ކަމަށެވެ.
"އޭނާ ހުރީ އެއްވެސް އެއްޗެއް ނުލައި، ނާޒުކު ހާލަތެއްގައި އަދި ތިބާގެ ޕްރޮފެޝަނަލިޒަމްއާއި އަދަބުވެރިކަމަށް ފުރިހަމައަށް އިތުބާރުކޮށްގެން" ކަމަށެވެ.
ކޫދަލިންގަމްއަކީ ދިވެހިރާއްޖެއިން ސްޕޮންސަރޝިޕް ވިސާއެއްގައި 2021 ވަނަ އަހަރު އިނގިރޭސި ވިލާތައް ދިޔަ މީހެއްކަމަށް ކޯޓުން ބުނެފައިވާތީ، ބައިނަލްއަގްވާމީ ނޫސްތަކުގައި މި ޚަބަރު ޝާޢިއުކޮށްފައި ވަނީ ވެސް އޭނާ އަކީ ދިވެއްސެއްކަމަށް ބުނެއެވެ. ނަމަވެސް ރާއްޖޭގެ އިމިގްރޭޝަނުން މިވަނީ އޭނާ އަކީ ދިވެއްސެއްނޫންކަމަށް ބުނެފައެވެ.
ސުންދަރަލިންގަމް ކޫދަލިންގަމް އަށް ވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާ ދޫކޮށްލެވޭނީ ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމަށްފަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!