ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މައުރޫފު ޖަމީލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެނގިފައިވާ ގޮތުގައި ރިޓަޔާ ކުރައްވަން ނިންމަވާފައިވަނިކޮށް، މައުރޫފް އިސްތިއުފާ ދެއްވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެންގުމުންނެވެ.

Ad
rt

އެޗްޑީސީން މި މައުލޫމާތު ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައިވީ ނަމަވެސް، މައުރޫފް އިސްތިއުފާދެއްވި ސަބަބެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން މައުރޫފް ރިޓަޔާ ކުރައްވަން ނިންމަވާފައި އޮތީ އަންނަ މަހުގެ 18 ވަނަ ދުވަހުގައެވެ.

މައުރޫފް ވަނީ އެޗްޑީސީގެ އެމްޑީގެ މަގާމުން ވަކިވެ، ރިޓަޔާކުރެއްވި ނަމަވެސް އެޑްވައިޒަރީ މަގާމެއްގައި ހުޅުމާލެއަށް ޚިދުމަތްކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އަދި ޓީވީއެމްގެ ޕްރޮގްރާމެއްގައި އޭނާ ވިދާޅުވެފައިވަނީ އެޗްޑީސީގެ އެމްޑީކަމާ ހަވާލުވެވަޑައިގަތް އިރު ވެސް އެ ތަނުގައި ގިނަ ދުވަހު ހުންނެވުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

މައުރޫފަކީ ހުޅުމާލެ ތަރައްގީގެ މަސައްކަތުގައި 18 އަހަރު ވަންދެން ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެޗްޑީސީގެ އެމްޑީއަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހުއެވެ. އެއީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭނާ އިސްތިއުފާ ދެއްވުމުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި މައުރޫފަކީ އާކިޓެކްޓެއްގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއާ ގުޅޭ ދިރާސާތައް ކުރައްވާ އެ ދާއިރާއިން ފޮތްތައް ވެސް ލިޔުއްވާފައިވާ ބޭފުޅެކެވެ. ހުޅުމާލެ ހިއްކައި ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު އޭނާވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.