ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ "ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1447" ގެ އެއްވަނަ އަލްމަސާރު އެކަޑަމިކް ސެންޓަރގެ ދަރިވަރު، ޔޫސުފް ބިން އަޙުމަދު މުފީދު ހޯދައިފިއެވެ.
މި ޖުލައި މަހު 19 އިން 21 އަށް ކުޅުދުއްފުށި ސިޓީ ގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި މުޅި ޖުމްލަ 199 ދަރިވަރުން ބައިވެރިވެ، މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ ހަވީރުބާއްވައިފިއެވެ.
މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުޙައްމަދު ޢުމަރު އެވެ.
މުޅި މުބާރާތުން އެއްވަނަ ހޯދި ޔޫސުފަށް އިނާމް ދެނީ، ފޮޓޯ: ސިޓީ ކައުންސިލް
އެގޮތުން މި މުބާރާތުގައި މިއަހަރު ސިޓީގެ 3 ސްކޫލަކުންނާއި، 7 ޤުރުއާންކުލާހަކުން އަދި 1 ޔުނިވަރސިޓީއަކުން ބައިވެރިވެފައިވާއިރު މުޅި މުބާރާތުން އެއްވަނަ އަށް އަލްމަސާރު އެކަޑަމިކް ސެންޓަރގެ ދަރިވަރު ޔޫސުފް ބިން އަޙުމަދު ހޮވިފައިވާއިރު، ޔޫސުފް އަށް ވަނީ މި މުބާރާތުގެ ކޯ ސްޕޮންސަރ ޤިބްލަ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުމްރާ ދަތުރަކާއި، ޓްރޮފީ އަދި ހަނދަނީ ލިޔުމުގެ އިތުރުން ފައިސާގެ އިނާމު ލިބިފައެވެ.
މުބާރާތުގެ 1 ވަނަ ހޯދި ސްކޫލް: އަފީފުއްދީން ސްކޫލް، ފޮޓޯ: ސިޓީ ކައުންސިލް
މި މުބާރާތުގެ ދެވަނަ ދެ ދަރިވަރަކަށް ލިބިފައިވާއިރު، މި ވަނަ ހާސިލްކޮށްފައިވަނީ ޖަލާލުއްދީން ސްކޫލުގެ މުޙައްމަދު ފާއިދު ހުސެއިން ފަހުމީ އާއި އަފީފުއްދީން ސްކޫލުގެ އަލްޔަސް އަނަސް ހުސެއިން އެވެ. އަދި މުޅި މުބާރާތުން ތިން ވަނަ ހޯދާފައިވަނީ ޖަލާލުއްދީން ސްކޫލުގެ ހައްވާ ނޫރާ މުޙައްމަދު އެވެ.
މުބާރާތުގެ އެންމެ މޮޅު ގުރްއާން ކްލާސް އަލްމަސާއިރު، ފޮޓޯ: ސިޓީ ކައުންސިލް
މީގެ އިތުރުން މި މުބާރާތުގެ އެއްވަނަ ސްކޫލަކަށް އަފީފުއްދީން ސްކޫލް ހޮވިފައިވާއިރު މުބާރާތުގައި ވާދަކުރި 7 ޤުރުއާން ކުލާހުގެ ތެރެއިން އެއްވަނަ ލިބިފައިވަނީ އަލްމަސާރު އެކަޑަމިކް ސެންޓަރުންނެވެ.
ހަމައެއާއެކު މުޅި މުބާރާތުން އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ހިމެނިފައިވާ ދަރިވަރުންނަކީ:
- އަލްޔަސް އަނަސް ހުސައިން / އަފީދުއްދީން ސްކޫލް
- މުޙައްމަދު ފާއިދު ހުސައިން ފަހުމީ / ޖަލާލުއްދީން ސްކޫލް
- ޔޫސުފް ބިން އަޙުމަދު މުފީދު / އަލްމަސާރު އެކަޑަމިކް ސެންޓަރ
- ހައްވާ ނޫރާ މުޙައްމަދު / ޖަލާލުއްދީން ސްކޫލް
- އިބްރާހީމް މަލްސޫން މުޙައްމަދު / ޖަލާލުއްދީން ސްކޫލް
- އީލާފް ބިންތި އަބްދުالله ރަޝީދު / އަލްމަސާރު އެކަޑަމިކް ސެންޓަރ
- ޝިއުރީ ބިންތި އަބްދުالله ޝާހީން / އަފީފުއްދީން ސްކޫލް
- އިވާ އިބްރާހީމް ރަޝީދު / ޖަލާލުއްދީން ސްކޫލް
- އާއިޝާތު މާއިން މުނާޒް އަޙުމަދު / ބަޝާއިރު ޤުރުއާން ކުލާސް
- ސާލިމް އާދަމް / ލިޔާލުލް ޤުރުއާން ކުލާސް
މުބާރާތުގެ ގަދަ 10 ދަރިވަރުން، ފޮޓޯ: ސިޓީ ކައުންސިލް
މިއަހަރު މި މުބާރާތައް ކަނޑައެޅުއްވި ފަނޑިޔާރުންނަކީ، އަލްޤާރީ މުޙައްމަދު ތައުފީގު އަލީ އާއި، އަލްޤާރީ މުޙައްމަދު ވަޙީދުގެ އިތުރުން އަލްޤާރީ އިބްރާހީމް ޝިފާއު އެވެ.
މިއަދު ބޭއްވި ކުޅުދުއްފުށީ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ގެ އިތުރުން ކައުންސިލުގެ މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!