ކުނި ވަކިކޮށްގެން މެނޭޖްކުރުމާއި ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޕޯސްޓަރު ކުޅުދުއްފުށި ސިޓީގައި ތަޢާރަފް ކޮށްފިއެވެ.

މި ޕޯސްޓަރ ތައާރަފްކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަދި ކައުންސިލް މެންބަރުންނާއި މުވައްޒަފުން ވަނީ ކުޅުދުއްފުށީ ކުނިކޮށި ސަރަހައްދައް އިއްޔެ ޒިޔާރާތްކޮށް ވެމްކޯގެ އިސްވެރިންނާއި މުވައްޒަފުންނާއި މެކްސް އާއި ގުޅިގެން މަސައްކަތްކޮށްފައެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި މަޝްރޫޢު އަކީ ސައުތް އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) ގެ "ޕްލީސް" ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށި ސިޓީ ކައުންސިލާއި މެކްސް އަދި ވެމްކޯ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢު އެކެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މި ޕޯސްޓަރުތައް އެ ސިޓީގެ ގޭބިސީތަކަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ތެރެއިން ވެމްކޯއަށް ކުނި އުކާލަން ހަވާލުކުރާއިރު ޕްލާސްޓިކާއި ކުނި ވާޒާތުގެ ތަކެތި ވަކިން ބެހެއްޓުމަށްޓަކައި ރައްޔިތުން ހޭލުންތެރިކުރުވުން ހިމެނެއެވެ.

މީގެ ކުރިންވެސް ކުޅުދުއްފުށީގައި ވަނީ ސަކެޕް ޕްރޮޖެކްޓްގެ ދަށުން ޕްލާސްޓިކް ކުނި މަދުކޮށް ކުނި ވަކިކޮށްގެން ކުނި މެނޭޖްކުރުމަށާއި އެކި މަސައްކަތްތަކުގައި ރައްޔިތުން ހޭލުންތެރިކުރުވާފައެވެ.