އާރުޓީއެލްގެ ނަމުގައި ސްކޭމްތަކެއް ކުރިޔަށްގެންދާތީ ސަމާލުވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން އިލްތިމާސްކޮށްފިއެވެ.
އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ފަރާތްތަކުގެ ނަމުގައި ހިންގާ ސްކޭމްތަކެއް އިތުރުވަމުންދާއިރު، އެ ކުންފުނިގެ ދަށުން ހިންގަމުން އަންނަ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ނަމުގައި ވެސް ސްކޭމެއް ހިންގަމުންގެންދާކަން ފާހަގަވެފައިވާ ކަމަށެވެ.
މި ސްކޭމް ހިންގާ ފަރާތުން ދަނީ “މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓު"ގެ ނަމުގައި ފޭސްބުކް ޕޭޖަކުން އާރްޓީއެލް މެދިވެރިކޮށް ތިންމަސް ވާންދެން ހިލޭ ދަރުތުކުރުމަށް މަގުފަހިކޮށްދޭނެ "ސްމާޓް ކާޑެއް" ވިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޕޭޖުގައި ހިންގަމުންގެންދާ ހަރަކާތަކީ އެމްޓީސީސީއާއި އާރުޓީއެލާ އެއްވެސް ގުޅުމެއް ނެތް ހަރަކާތެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީގެ ފަރާތުން އާ ހިދުމަތެއް ނުވަތަ ޕްރޮޖެކްޓެއް ތައާރަފު ކުރާނަމަ އެކަމެއް ރަސްމީކޮށް ފެށުމުގެ ކުރީން އެ ކުންފުނީގެ އޮފިޝަލް ސޯޝަލް މީޑިޔާ އަދި އެހެނިހެން މީޑިޔާ ޗެނަލްތަކުގައި އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަަށްވެސް އެމްޓީސީސީން ބުންޏެވެ.
މި ފޭކް ޕޭޖުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވުމަށާއި އެކަމަށް ސަމާލުވުމަށް އެމްޓީސީސީން އެދެއެވެ.
އެމްޓީސީސީއަށް ރައްޔިތުން ކުރާ އިތުބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ނުހައްގުން ފައިސާ ހޯދުމަށް ކުރާ އެފަދަ ނާތަހުޒީބީ އަމަލުތައް އެމްޓީސީސީން ވަނީ ކުށްވެރި ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!