ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މިއަދު ޢައްޔަނުކުރައްވައިފިއެވެ.

ރައީސް ވަހީދު މި މަގާމަށް ޢައްޔަނުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Ad
rt

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަޤާމުވެސް އަދާކުރައްވާފައިވާ ޑރ. ވަހީދު ވަނީ ރައްޔިތުންގެ މަޖިލީހާައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތަޢުލީމީ ދާއިރާގެ އިސް މަޤާމުތަކެއްވެސް ފުރުއްވައިފައެވެ. އަދި ވަހީދު ވަނީ ޔުނިސެފުގައިވެސް އިސްކޮށް މަސައްކަތް ކުރަށްވާފައެވެ.

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް ޢައްޔަނު ކުރެއްވުމަށްފަހު، ރައީސް މުޢިއްޒު، ޑރ. ވަހީދު އާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޑރ. ވަހީދަކީ ވަރަށް ޤާބިލު ބޭފުޅެއްކަމުގައި ފާހަގަކުރައްވައި ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށްދެއްވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން އިޤްތިޞާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ޤައުމުތަކާއެކު މަޝްވަރާކުރައްވައި އެރޮގުން ކާމިޔާބީ ޙާޞިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށާއި، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގައި ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ކުރީގެ ރައީސް ވަޙީދު މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ މުސާރަ ލިބިވަޑައި ނުގަންނަވާ ގޮތަށެވެ.