ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމަކަށް ދިއުމަށް ތައްޔާރަށް ތިބި ކަމަށް ހަމާސް އިން ބުނެފިއެވެ.

ހަމާސްއިން މިހެން ބުނެފައިވަނީ ހަމާސްގެ ހަތިޔާރުއެޅި ބައި ކަމުގައިވާ ކައްސާމް ބްރިގޭޑްސްއިން ހޯމަ ދުވަހުގެ ރޭ އިސްރާއީލު-އެމެރިކާ ދެ ޤައުމަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ އީދަން އެލެގްޒެންޑަރ މިނިވަން ކުރުމަށް ފަހުގައެވެ. އޭނާ މިނިވަންކުރީ ހަމާސްއާއި ޓްރަމްޕް ސަރުކާރާއެކު ކުރެވުނު ސީދާ މަޝްވަރާތަކަކަށް ފަހުގައި ކަމަށް ހަމާސް އިން ބުނެއެވެ.

Ad
rt

"ހަމާސްއިން ތައްޔާރަށް މިތިބީ، ދެމެހެއްޓެނިވި އެއްބަސްވުމަކާ ހަމައަށް އައުމަށާއި، އިސްރާއީލުގެ ސިފައިން އަނބުރާ ގެންދިއުމަށާއި، ބްލޮކޭޑް ނިމުމަކަށް ގެނައުމަށާއި، ހައްޔަރުކުރެވިފައިވާ މީހުން ދޫކޮށްލުމަށާއި އަދި ޣައްޒާ އަލުން އާރާސްތުކުރުމަށް ވާހަކަދައްކަން ވަގުތުން ފެށުމަށް ކަމަށް ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހޯމަ ދުވަހު މިނިވަންކުރި އެލެގްޒެންޑަރަކީ ޣައްޒާގައި ހިފަހައްޓާފައި ހުރިކަން އެނގިފައިވާ އެންމެ ފަހު އެމެރިކާ ރައްޔިތެވެ.

މި ކަންކަމާ ގުޅޭގޮތުން އެމެރިކާ އަދި އިސްރާއީލްގެ ސަރުކާރުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.