މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާ ކަމުގައި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މުބީން ވިދާޅުވެއްޖެއެވެ.

މުބީން މިހެން ވިދާޅުވެފައިވަނީ ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.

Ad
rt

މުބީން ވިދާޅުވީ މީހާތަނަށް އެއާޕޯޓްގެ ރަންވޭއާއި އޭޕްރަން އަދި އެއާޕޯޓާއި ގުޅޭ މަގުގެ މަސައްކަތާ އެމްއެންޑީއެފް ބްލޮކްގެ ހުރިހާ މަސައްކަތްތައް ނިމިފައިވާ ކަމަށާއި، އަދި ފްލައިޓަށް އެރުމަށް ބޭނުންކުރާ އޭއިރޯ ބްރިޖް ވެސް ހަރުކޮށްފައިވާ ކަމަށެވެ. މީގެއިތުރުން އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރު، ފިއުލް ފާމް، ހެނގަރު، ކާގޯއާއި އެރައިވަލް ޖެޓީގެ ގިނަ މަސައްކަތްތައް ވެސް ނިމިފައިވާ ކަމަށެވެ.

ހަނިމާދޫ އ.އެއާޕޯޓުގެ އައު ޓާމިނަލް

މުބީން އިތުރަށް ވިދާޅުވީ ހަނިމާދޫ އެއާޕޯޓްގައި ތަރައްގީކުރާ ޕަސެންޖަރ ޓާމިނަލަކީ އެ އެއާޕޯޓްގެ އެންމެ މުހިންމު ސްޓްރަކްޗާ ކަމަށާއި، މަޑިއެއް ސިފައިގައި ތަރައްގީ ކުރަމުން އަންނަ އެ ޓާމިނަލްގެ 72 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށާއި، މުޅި މަޝްރޫއުގެ 83 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަނީ އަހަރަކު 1.3 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރުގެ އެއާޕޯޓެއްގެ ގޮތުގައެވެ. އެ އެއާޕޯޓް ރަންވޭއަކީ 2464 މީޓަރު ދިގު ރަންވޭއެކެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ސީ ޕްލޭން ޓާމިނަލެއް ވެސް ތަރައްގީ ކުރަން ވަނީ ނިންމާފައެވެ.

ހަނިމާދޫ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ އޮކްޓޫބަރުމަހުއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އިންޑިޔާގެ ޖޭއެމްސީއާއި ހަވާލުކޮށްގެންނެވެ.

މިހާރު ތަރައްގީ ކުރަމުންދާ ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ނިންމާލެވުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 ސައިޒުގެ ބޯޓުފަހަރަށް އެ ވައިގެ ބަނދަރުން ހިދުމަތް ދެވޭނެއެވެ. މިއީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ.