ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާ ސްޓްރިޕްއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، ޣައްޒާގެ ބިންތައް ފޭރި ވެރިވެގަތުމުގެ ޕްލޭނެއް އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން މިއަދު ފާސްކޮށްފިއެވެ.
އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން މި ޕްލޭން ފާސްކޮށްފައި ވަނީ އިއްތިފާގުންނެވެ.
އިސްރާއީލްގެ ބޮޑުވަޒީރު ޖައްބާރު ބެންޖަމިން ނެތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނަކާއި ހަވާލާދީ ބައިނަލްއަގްވާމީ ނޫސްތަކުގައި ބުނެފައިވަނީ އިސްރާއީލްގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފައިވަނީ "ހަމާސް ބަލިކޮށް" އަދި ޣައްޒާގައި ހިފަހައްޓާފައިވާ އިސްރާއީލީ މީހުން އަނބުރާ ގެނައުމަށްޓަކައި އާމީ ޗީފް އެޔަލް ޒަމީރު ހުށަހަޅާފައިވާ "އޮޕަރޭޝަނަލް ޕްލޭން" އެއް ކަމަށެވެ.
މި ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ޕްލޭނުގެ ދަށުން "ޣައްޒާ އަތުލައިގަނެ އެ ސަރަޙައްދު އެމީހުންގެ ބާރުގެ ދަށުގައި ބޭއްވުމަށް" އިސްރާއީލްގެ ސިފައިންނަށް ވަނީ ލާޒިމްކޮށްފައެވެ.
އިސްރާއީލީ ޗެނަލް 12 އިން ބުނެފައިވާ ގޮތުގައި މި ޕްލޭނުގައި އުތުރު ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުން ބާރުގެ ބޭނުންކޮށްގެން ދެކުނަށް ބަދަލުކުރުންވެސް ހިމެނެއެވެ.
މި ޕްލޭނާ ގުޅޭގޮތުން ފަލަސްޠީނުންގެ ފަރާތުން އެއްވެސް ބަހެއް އަދި ބުނެފައެއް ނުވެއެވެ.
އިސްރާލްގެ އަންދާޒާތަކުން ދައްކާގޮތުގައި 59 މީހުން އަދިވެސް ޣައްޒާގައި ހިފަހައްޓާފައިވެއެވެ. އޭގެ ތެރެއިން 24 މީހުން ދިރި ތިބިކަމަށް އެމީހުން ޤަބޫލުކުރެއެވެ. އެހެންނަމަވެސް، ފަލަސްޠީނު އަދި އިސްރާއީލްގެ ހިއުމަން ރައިޓްސް ޖަމާޢަތްތަކުން ބުނާގޮތުގައި 9,500 އަށްވުރެ ގިނަ ފަލަސްޠީން މީހުން އިސްރާއީލުގައި ހައްޔަރުކޮށްފައިވެއެވެ. އަދި އެމީހުންނާމެދު އަނިޔާކުރުމާއި، ބަނޑަށްޖެއްސުމާއި، ބޭސްފަރުވާ ނުދިނުން ފަދަ ނުރަނގަޅު ޢަމަލުތައް ހިންގާކަމަށް ރިޕޯޓުކުރެވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި 52,500 އަށްވުރެ ގިނަ ފަލަސްޠީން ރައްޔިތުން ޝަހީދުވެފައިވެއެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިސްރާއީލުން ޣައްޒާގައި ހިންގި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި އިސްރާއީލްގެ ބޮޑުވަޒީރު ނެތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރ ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރެފައިވެއެވެ.
މީގެ އިތުރުން، އިސްރާއީލުން ޣައްޒާއަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލާ ދެކޮޅަށް ނަސްލު ނައްތާލުމާއިގުޅޭ މައްސަލައެއް ހިނގަމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!