އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ، ދިވެހިރާއްޖެއިން އިންޑިއާއަށް ސަޕޯޓް ނުދޭނެ ކަމަށް އިންޑިއާ އޮންލައިން ނޫހެއްކަމަށްވާ އިންޑިއާ.ކޮމްގައި ޝާޢިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ.

މިއީ ކަޝްމީރުގައި ހިނގި ބޮޑު ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމައިގެ ވެށްޓެއް އުފެދިފައިވާ ދަނޑިވަޅެއްކަން ފާހަގަކޮށް، އޭޕްރިލް 22 ވަނަ ދުވަހު ކަޝްމީރުގެ ޕަހަލްގާމްގައި ހިނގި މި ޓެރަރިސްޓް ހަމަލާގައި 26 މީހުން މަރުވެފައިވާކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފަވެއެވެ. އަދި މި ހަމަލާއާ ގުޅުން ހުރި ކަމަށް އިންޑިއާއިން ތުހުމަތު ކުރަނީ ޕާކިސްތާނަށް ކަމަށް ވެސް ފާހަގަކޮށްފަވެއެވެ.

Ad
rt

މި ހާދިސާއާ ގުޅިގެން އިންޑިއާއިން، ޕާކިސްތާނާ ދެކޮޅަށް އެތައް ފިޔަވަޅުތަކެއް އަޅާފައިވާކަން ފާގަހަކޮށް، މީގެ ތެރޭގައި އިންޑިއާގެ ބަނދަރުތަކަށް ޕާކިސްތާނުގެ އުޅަނދުފަހަރު ވަނުން މަނާކުރުމާއި، އިންޑަސް ވޯޓަރ ޓްރީޓީ ހުއްޓާލުމާއި، ޕާކިސްތާނުން އިންޑިއާއަށް އެތެރެކުރާ ހުރިހާ މުދަލެއް މަނާކުރުން ހިމެނޭކަން އެ ރިޕޯޓުގައި ފާހަގަކޮށްފަވެއެވެ.

މި ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ހަނގުރާމައެއް ފެށުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، މިފަދަ ހާލަތެއްގައި އިންޑިއާގެ އަވައްޓެރި ޤައުމުތަކުން ޢަމަލުކުރާނެ ގޮތާ މެދު ބައިނަލް އަގުވާމީ މަސްރަޙްގައި ތަފާތު ބަހުސްތައް މިދަނޑިވަޅުގައި ކުރެވުންއަންނަކަށް ފާހަގަކޮށް، ހަނގުރާމައިގެ ހާލަތެއް މެދުވެރިވެއްޖެނަމަ އަވައްޓެރި ޤައުމުތަށް ނަގާފާނެ ކޮޅަކާމެދު މި ރިޕޯޓުގައި ވަނީ އަލިއަޅިވާލާފައެވެ.

މިގޮތުން އިންޑިއާ ސަރުކާރުގެ ބައެއް މަސްދަރުތަކާއި ހަވާލާދީ މި ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި ޕާކިސްތާނުގެ އެންމެ ބޮޑު އެއް ސަޕޯޓަރަކީ ޗައިނާ ކަމަށް ވީނަމަވެސް، އިންޑިއާގެ ބައިނަލްއަޤްވާމީ ނުފޫޒާއި ޗައިނާއާ އެކު އޮތް ވިޔަފާރީގެ ގުޅުމުގެ ސަބަބުން ޗައިނާއިން ސީދާ ގޮތެއްގައި ޕާކިސްތާނަށް ސަޕޯޓް ނުދޭނެއެވެ.

ދިވެހިރާއްޖެއާ ބެހޭ ގޮތުން މި ރިޕޯޓުގައި ބުނެފައި ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި އެކުވެސް، ހަނގުރާމައެއް ފަށައިފިނަމަ ދިވެހިރާއްޖެއިން އިންޑިއާއަށް ސަޕޯޓެއް ނުދޭނެ ކަމަށެވެ.

ބަންގްލަދޭޝް ވެސް އިންޑިއާ އަށް ސަޕޯޓް ނުދޭނެކަމަށް އެ ރިޕޯޓުގައި ބުނެފައިވާއިރު، ލަންކާގެ ހާލަތު އޮތްގޮތުން އެ ޤައުމު ވަކިކޮޅެއް ނުނަގާނެކަމަށް ބުނެފަވެއެވެ. އަދި ބޫޓާން ވެސް ވަކިކޮޅެއް ނެގުން ދުރުކަމަށާއި، ނަމަވެސް ވަކިކޮޅެއް ނަގަންޖެހިއްޖެ ހާލަތެއްގައި ބޫޓާން އިންޑިއާކޮޅަށް ބުރަވާނެކަމަށް އެ ރިޕޯޓޫގައި ބުނެފަވެއެވެ.

އިންޑިއާ ސަރުކާރުގެ މަސްދަރުތަކާއި ހަވާލާދީ މި ރިޕޯޓްގައި އިންޑިއާ-ޕާކިސްތާން ހަނގުރާމައިގެ ހާލަތުގައި ސަރަހައްދީ ޤައުމުތައް ބުރަވާނެ ކޮޅުތައް ލަފާކޮށްފައި ވިޔަސް، މި މައްސަލައާ ގުޅޭ ގޮތުން ސަރަހައްދީ ޤައުމުތަކުން ރަސްމީ ވާހަކައެއް ދައްކާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.