ކުރީގެ އަދަދާއި ގުޅޭ:

" އަޅުގަނޑު ކަހަލަ ރީތި ކުއްޖަކު ހަސަންއަށް އޭނާގެ ރަށަކުން ނުފެންނާނެ. މަންމަ ބުނެބަލަ! އަހަރެންގެ ލޯބި ހަސަން ގަބޫލު ކޮށްފާނެތަ؟" ޝަބްނަމް ސުވާލު ކުރީ ޒުހޭރާގެ ގައިގައި ބައްދާލަމުންނެވެ.

Ad
rt

ޝަބްނަމްގެ ރާގު ހުރި ގޮތުން އޭނާގެ ހިތުގައި ހަސަނަށްޓަކައި ހާއްސަ މަގާމެއް ދީފައިވާކަން ޒުހޭރާއަށް ކަށަވަރުވިއެވެ.

" ދެން މަންމާ! ކީއްވެތަ އެއްޗެއް ނުބުނެ ތި ހުރީ؟ މަންމަ އަބަދު ވެސް ބޭނުންވާނެ އަޅުގަނޑު މީހަކާ އިންނަން. އަޅުގަނޑު ކައިވެނި ކުރަން ބޭނުންވާ މީހަކީ ހަސަން." ޝަބްނަމް ބުންޏެވެ.

ޒުހޭރާ މަޑުމަޑުން ޝަބްނަމްއާ ދުރަށް ޖެހިލިއެވެ. އޭރު އޭނާގެ މޫނުމަތީގެ ކުލަވަރު ހުރީ މުޅިން ބަދަލު ވެފައެވެ. އެ ކުލަވަރު ދެނެގަންނާކަށް ޝަބްނަމްއަކަށް ވެސް އުނދަގުލެއް ނުވިއެވެ.

" ކިހިނެއްވީ؟ މަންމަ ހިތްހަމަ ނުޖެހެނީތަ؟ ހަސަންއަކީ އަޅުގަނޑުމެން ކަހަލަ މުއްސަންޖަކަށް ނުވީމަތަ؟" ޝަބްނަމް ސުވާލުތައް ކުރަން ފެށުމުން ޒުހޭރާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ.

" ދުވަހަކު ވެސް ދަރިފުޅު އިންނަން ޖެހޭނީ މުއްސަންޖަކާއޭ މަންމައަށް ބުނެވުނުތަ؟ މަންމަމެންނަކީ ފެންވަރު ބަލައިގެން އުޅޭ ބައެއް ނޫން. މަންމަމެން ބޭނުންވަނީ ދަރިފުޅު ލޯބިވާ އަދި ދަރިފުޅުދެކެ ލޯބިވާ މީހަކު." ޒުހޭރާ ބުންޏެވެ.

އެ ވަގުތު ޝަބްނަމްގެ މޫނުމައްޗަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. އޭނާ ހަސަންދެކެ ވާ ލޯބި އެ މޫނުމަތިން ވެސް މިހާރު ފާޅުވާ ކަހަލައެވެ.

" އަޅުގަނޑު އަބަދުވެސް ބުނަމެއްނު އަޅުގަނޑު ގަޔާވާ މީހަކު ފެނިއްޖެއްޔާ އެންމެ ފުރަތަމަ ވެސް މަންމަ ގާތު ބުނާނަމޭ. ދެން އަޅެ މަންމަ ބައްޕައާ އެ ވާހަކަ ދައްކަބަަލަ. " ޝަބްނަމް ހުރީ ކެތްމަދުވެފައެވެ.

" ހޫމް ދެން ބައްޕަ ގެއަށް ދުރުވީމަ އެއްނު. ދެންމެ އަނެއްކާ ކޮންމެވެސް ތަނަކަށް ގޮއްސި." ޒުހޭރާ ބުންޏެވެ.

ޝަބްނަމްގެ ކޮޓަރިން ނިކުމެގެން އައި އިރު ވެސް ޒުހޭރާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ޝަބްނަމްގެ އުއްމީދުތަކާއި ހުވަފެންތައް ވިއްސިވިހާލި ވެގެން ދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އަދި ޝަބްނަމްގެ ދެ ލޮލުން ކަރުނައެއް ވެއްޓޭކަށް ވެސް ޒުހޭރާ ނޭދެއެވެ. ހުރި ހަމައެކަނި ދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް ދިނުމަކީ އަބަދުވެސް އޭނާ ބޭނުން ވާ ގޮތެވެ.

ކެތްމަދުވެފައި ޒުހޭރާ އިންތިޒާރު ކުރަމުން ދިޔައީ ރަޝީދު ގެއަށް އަންނާނެ ވަގުތަކަށެވެ. ސިޓިންރޫމްގައި އޭނާ އިންދާ ކުއްލިއަކަށް ކޮޓަރިން ނިކުތް ހަސަން ފެނި އޭނާއަށް ހިނިތުންވެވުނެވެ.

" ގޭގައި އެބަ އުޅެންތަ؟" ޒުހޭރާ އެހިއެވެ.

" އާނ. ދެންމެ މި އައީ. ރަށަށް ދާން މިއަދު ފުރާ ބޯޓަށް މޭވާ ކޮޅެއް ލައިފައި މި އައީ. ކުދިވެރިން ވަރަށް ކާހިތްވާނެ މޭވާ. އެކަމަކު ދެ ފަހަރު ހަމައަށް ރަށުން އާފަލެއް ވެސް ނުލިބޭނެ." ހަސަން ބުންޏެވެ.

އެއާއެކު ޒުހޭރާއަށް ނަޒަރު ހިންގާލެވުނީ ޝަބްނަމްގެ ކޮޓަރިއާ ދިމާލަށެވެ. ހަސަންގެ ވާހަކަތައް ޝަބްނަމްއަށް އަޑު އިވިދާނެތީ އޭނާ އިނީ ނުހަނު ހިތްބިރުގެންފައެވެ.

" އެހެންތަ؟ ރަޝީދު ވެސް ބޭރަށް ދުރުވީ. ހަސަން ތި ދަނީ ކޮންތާކަށް؟" ޒުހޭރާ އެހިއެވެ.

" މި ދަނީ ފާނަކޮއްޓާ ދިމާލަށް. މިހާރު މަރާމާތުގެ މަސައްކަތް ފަށައިގެން އުޅޭތީ އެތާ ގިނަވަގުތު އުޅެން ޖެހޭނެއެއްނު." ހަސަން ބުންޏެވެ.

ހިނިތުންވެލުމަށްފަހު ޒުހޭރާ ބޯ ޖަހާލިއެވެ. ޒުހޭރާ އިތުރަށް އެއްޗެއް ނުބުނުމުން ހަސަން ވެސް ހިނިތުންވެ ހުރެ އެ ތަނުން ނިކުމެގެން ދިޔައެެވެ،

ނިދާފައި ތިބި ތިން ކުދިންނަށް ބަލަހައްޓައިގެން މަރިޔަމް އިނެވެ. އޭނާގެ ހުރިހާ ވެސް ހިތްހަމަ ޖެހުމަކީ އެ ކުދިންނެވެ. ހުރިހާ ކުދިންނަށް ވެސް ހަމަހަމައަށް ކަންތައްތައް ކޮއްދީ، ލޯބިން ބެލެހެއްޓޭތޯ އޭނާ ރެޔާ ދުވާލު މަސައްކަތް ކުރެއެވެ. ހަށިގަނޑަށް އަރާމެއް ލިބިދެނީ އެ ކުދިން ނިދީމައެވެ. ކަމަކާމެދު ފިކުރުކޮށްލަންވެސް އޭނާއަށް ލިބޭ ހަމައެކަނި ވަގުތަކީ އެއީއެވެ.

" ހަސަން. އަހަރެން ވަރަށް އެކަނިވެރި. ތިން ކުދިންނާއެކު މިހެން އުޅެން ޖެހުނީމަ ވަރަށް ދެރަވޭ. އަހަރެންގެ މުޅި ނަފްސުން އެ ކުދިންނަށް އަޅާލަން. އެކަމަކު އަހަރެން ވެސް އެހީތެރިކަން ބޭނުންވޭ. އަހަރެން ވެސް ބަލިވޭ. ހަށިގަނޑުގައި ވޭން ވެސް އަޅާ. އެކަމަކު... މިއަދު މިތާ ހަސަން ނެތީމަ އަހަރެންގެ ހުރިހާ ތަކުލީފެއް ވެސް އެތައް ގުނައަކަށް އިތުރުވެއްޖެ. ތަނަވަސްކަމާއި ފައިސާއަކީ އެއްވެސް އެއްޗެއް ނޫނޭ. ފުދިގެން އާއިލާ ކައިރި އުޅެވެންޏާ އެ ލިބޭ އުފާވެރިކަން މިހާރު މި އިހްސާސް ކުރެވެނީ. ހެޔޮނުވާނެ ހަސަން. އަހަރެމެން ކައިރިއަށް އާދޭ." މަރިޔަމް ހިތާ ހިތާ ކިޔަމުން ދިޔައެވެ.

އޭރު އޭނާގެ ދެ ލޮލުން ވެސް ކަރުނަ ފައިބަމުން ދެއެވެ. ނަމަވެސް އޭނާގެ ހިތުގެ އަޑު ހަސަންއަށް ނީވޭނެކަން މަރިޔަމްއަށް އެނގެއެވެ. ދެ ފައި ކުރުކޮށްލަމުން ތުއްތު ސާޔާގެ މިޔަދަށުގައި މަރިޔަމް އޮށޯވެލީ ދެ ލޮލުން ކަރުނަ ފުހެލަމުންނެވެ. ނަމަވެސް އޭރު ވެސް ލޮލުގެ ހިމަ ކޮޅުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދެއެވެ.

އެނދުކޮޅުގައި އިށީނދެ އިން ޒުހޭރާ ތެދުވީ ރަޝީދު އައިސް ކޮޓަރިއަށް ވަނީމައެވެ.

" ބަލަ ނުވެސް ނިދަންތަ؟ އަހަރެން ބުނީމެއްނު މިރޭ ގެއަށް އާދެވޭނީ ލަހުންނޭ." ރަޝީދު ބުންޏެވެ.

" ނިދޭނެތަ؟ ޝަބްނަމް އެ ހުރީ ހަމަ ރަނގަޅަށް ވެސް ހަސަނާ ހިތާވެފައި. ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބައްޕަ ގާތު ބުނެދޭށޭ ވެސް ބުނެފި. ހަސަނަކީ ނިކަމެއްޗަކަށް ވިޔަސް އެކަމާ ނުރުހުން ނުވާށޭ ވެސް ބުނެފި. އަޅުގަނޑަކަށް ހަމަ އެ ކަމަށް ރައްދެއް ދޭކަށެއް ނުކެރުނު. ރަޝީދު ބުނުއްވަބަލަ އަޅުގަނޑު ކިހިނެއްތޯ ހަދަންވީ؟" ޒުހޭރާ އެހިއެވެ.

އެއާއެކު ރަޝީދުއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.

" އަހަރެން ހީކުރީ އަހަރެންގެ އެ ދަރިފުޅަކީ ވަރަށް ބޯ ރަނގަޅު ކުއްޖެއްކަމަށް. ބަލަ ކައިވެނީގެ ވާހަކަ ދައްކަންވާނީ ހަސަންގެ ބަހެއް ވެސް ހޯދައިގެން ދޯ. ކީކޭ ބުނާނީ؟ އެ މަންޖެއަށް ވިސްނައިދިނަސް ދެން ވިސްނޭނެތަ؟" ރަޝީދު ބުންޏެވެ.

" އެހެންވެޔޭ އަޅުގަނޑު ވެސް މި ކަންތައް ބޮޑުވަނީ." ޒުހޭރާ ބުންޏެވެ.

" ހަސަންއަށް ތި ކަން އަންގައިގެން ނުވާނެ. އެހެން ނޫނަސް އަހަރެމެން ކިހިނެއް އެ ދަރިފުޅު ހަސަންއާ ހަވާލު ކުރާނީ؟ ދެވަނަ އަނތްބެއްގެ ގޮތުގައި ޝަބްނަމްއަކަށް އެއްވެސް މީހަކާ ނީނދެވޭނެ. " ރަޝީދުގެ ހަރުކަށި ޖުމްލަ އިވި ޒުހޭރާ ޖެހިލުންވިއެވެ.

" ރަޝީދު. ހަސަން މީހަކާ އިނދެގެން އުޅޭކަން އެނގިއްޖެއްޔާ ޝަބްނަމްގެ ހިތް ހަލާކުވެދާނެ. ދެން ދުވަހަކު ވެސް މީހަކާ ނީނދެފާނެ. އަޅުގަނޑަށް ފެންނަނީ ހަސަންއާ ވާހަކަ ދައްކަން. ހަސަންގެ ކައިވެނި ރޫޅާލައިގެން ވެސް އަޅުގަނޑު ބޭނުންވަނީ ޝަބްނަމްއާ ހަސަން ކައިވެނި ކުރުވަން. " ޒުހޭރާ ބުންޏެވެ.

އޭރު ރަޝީދު ވެސް އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ޝަބްނަމްއަކީ އޭނާގެ ލޮލުގެ ކޮއިފަދައިން ލޯބިވާ އަދި ހުރި ހަމައެކަނި ދަރިއެވެ. އެ ދަރިފުޅު ހިތުގައި ޖެއްސުމަކީ ހުދު އޭނާއަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. މި ވީހާ ތަނަށް ވެސް އޭނާގެ ސަބަބުން ޝަބްނަމް ދެރަވެ، ރޮއިފައެއް ނޯންނާނެއޭ ރަޝީދުގެ ހިތަށް އެރިއެވެ.

" އަހަރެން ވެސް... އަހަރެން ވެސް ބޭނުންވަނީ ހަސަން ކަހަލަ ޒިންމާދާރު މީހެއް ޝަބްނަމްގެ ހަޔާތަށް ގެންނަން. އެކަމަކު އެ ތިން ދަރިން ދޫކޮށްފައި ހަސަން އައިސްދާނެތަ؟" ރަޝީދު ބުންޏެވެ.

" ފައިސާ ދިނީމަ އަންނާނެ." ޒުހޭރާ އަވަސް އަވަހަށް ބުނެލިއެވެ.

" ނޫން. ހަސަންއަކީ ތި ހީކުރާ ކަހަލަ މީހެއް ނޫން. އޭނާގެ އުމުރު ކިތަންމެ ހަގަސް، އެ ސިކުނޑިއަކީ އަހަންނަށްވުރެ ދޮށީ ސިކުނޑިއެއް. ވިސްނުން ތޫނުވެފައި ވަރަށް ރަނގަޅު ކުއްޖެއް. އޭނަ، އެ ތިން ދަރިންނާ އަނބިމީހާ އެއްލައެއް ނުލާނެ. ދެން އޮތީ ހަމަ އެންމެ ގޮތެއް." ރަޝީދު ބުންޏެވެ.

އެއާއެކު ސުވާލުގެ ނަޒަރަކުން ޒުހޭރާއަށް ރަޝީދުގެ މޫނަށް ބަލައިލެވުނެވެ.

" އެއީ ޝަބްނަމްއަށްޓަކައި ހަސަންގެ ހިތުގައި ލޯބި ޖެއްސުން. ލޯތްބަށް ގަދަވާނެ އެއްވެސް ކަމެއް ނުވާނެ. އަހަރެމެން ބޭނުން ވެގެން ހަސަން އެ ކައިވެންޏެއް ނުކުރާނެ. އެކަމަކު ހަސަން އަމިއްލައަށް އެ ކައިވެނި ކުރަން ބޭނުން ވެއްޖެއްޔާ އޭނަ އެކަން ކުރާނެ." ރަޝީދު ބުންޏެވެ.

ރަޝީދު އެހެން ބުނި ނަމަވެސް ޒުހޭރާ އިނީ އެއްވެސް އެއްޗެއް ނުވިސްނޭ ފަދަ ގޮތަކަށް ރަޝީދުއަށް ބަލަހައްޓައިގެންނެވެ.

" ޝަބްނަމްދެކެ ހަސަން ލޯބި ވާން ޖެހޭނީ. އެކަން ކުރުވަން ޖެހޭނީ ޒުހޭރާ. އަހަރެންގެ ހިތް ޒުހޭރާއަށް ލެންބުނީ ޒުހޭރާ އަހަންނާހެދި އުޅުނު ވަރުން. އެ އުކުޅުތައް ޝަބްނަމްއަށް ދަސްކޮށްދީ." ރަޝީދު ބުނެލީ މަޖާ ގޮތަކަށެވެ.

އެއާއެކު ހާސްވެފައި އިން ޒުހޭރާއަށް ވެސް ހެވުނެވެ. އޭނާ ރަޝީދުގެ ކޮނޑުގައި ބޯ ޖައްސާލަމުން ތަންކޮޅެއް ބާރަށް ހީގަތެވެ.

އަތިރިމައްޗަށް ގޮސް ގެއަށް އައި އިރު ފެންޑާގައި ހުރި އާފަލާއި އޮރެންޖް ކޮތަޅު ފެނުމުން މަރިޔަމްގެ ހިތަށް ފިނިވެގެން ދިޔައެވެ. އޭރު ތިން ކުދިން ގޮސް ގެއަށް ވަންނަނީއެވެ. މަރިޔަމް އަވަސް އަވަހަށް ގޮސް ކޮތަޅުތެރެ ބަލައިލީ އޭނާ އިންތިޒާރު ކުރަމުން ދިޔަ ހަސަންގެ ސިޓީ އޮތްތޯއެވެ. ހިތަށް ހަމަޖެހުން ލިބުނީ ސިޓީ އުރައެއް އެ ކޮތަޅުގެ ތެރޭގައި އޮތްތަން ފެނުމުންނެވެ. ހެވިފައި ހުރެ އޭނާ ސިޓީ އުރަ ކަނޑާލި އިރު އޭގެ ތެރޭގައި 500 ރުފިޔާ ފިޔަވައި އިތުރު އެއްޗެއް ނެތެވެ. ސިޓީ އުރައިގެ އެތެރެ އޭނާ ވަރަށް ރަނގަޅަށް ބެލިއެވެ. ހަސަން ސިޓީއެއް ނުފޮނުވާކަން ޔަގީން ވުމުން މަރިޔަމް އިންތިހާއަށް ދެރަވެއްޖެއެވެ.

" ސިޓީ ފޮނުވާނަމޭ ކިޔާފައި ގޮސް، ފުރުސަތެއް ލިބުނީމަ ވެސް ސިޓީއެއް ނުފޮނުވި. ހަސަން ހަމަ އަހަންނާ ދައްކާނެ ވާހަކަ ނެތީތަ؟ " މަރިޔަމްއަށް ބުނެވުނެވެ.

ދޯނި މާލެއިން އައި ހަބަރު ލިބުމާއެކު ވެސް އޭނާ ހުރީ ހަސަންގެ ފަރާތުން ސިޓީއެއް ލިބޭނެ ކަމަށް އުއްމީދު ކޮށްގެންނެވެ. އޭނާ އެންމެ ދެރަވީ އެކަމަަށް އެހާވަރުން އުއްމީދުކޮށް އިންތިޒާރު ކުރެވުމުންނެވެ.

ޒުހޭރާއާއި ޝަބްނަމް ތިބީ ޝަބްނަމްގެ ކޮޓަރީގައެވެ. އެ ދެ މީހުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ އުފާވެރިކަމުގެ އަސަރުތަކެވެ. ފަން، ދިގު އިސްތަށިގަނޑު ފަހަތަށް ދޫކޮށްލައިގެން ޝަބްނަމް އިނީ އިސްތަށިގަނޑާ ކުޅެލަކުޅެލައެވެ.

" ހަމަ ތެދެއްތަ؟ އަޅެ އަޅުގަނޑު ހާދަ އުފާވެއްޖެޔޭ. ހަސަން ލޯބި ވަންޏާ ކައިވެނި ކުރަން ބައްޕަ ރުހެމޭ ދޯ އެ ބުނީ. " ޝަބްނަމް ބުންޏެވެ.

" ހޫމް... ދެން ދަރިފުޅު މަންމަ މި ކިޔައިދިން ގޮތަށް ކަންތައް ކުރޭ. އޭރުން މަޑުމަޑުން ހަސަން ވެސް ދަރިފުޅުދެކެ ލޯބި ވެދާނެ. " ޒުހޭރާ ބުންޏެވެ. ޝަބްނަމް ބޯ ޖަހާލީ، އޭނާއަށް ހަސަންގެ ލޯބި ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮވެގެންނެވެ.

ޝަބްނަމްގެ ކޮޓަރި ތެރެއިން ނިކުމެވުމާއެކު ޒުހޭރާގެ މޫޑު ބަދަލު ވެއްޖެއެވެ. ހާސްވެ މީހާ މާޔޫސް ވެއްޖެއެވެ. ޝަބްނަމްް އަނދިރީގެ ތެރޭގައި ބަހައްޓަން ޖެހޭތީ އޭނާގެ ހިތަށް އުނދަގޫވަނީއެވެ. ހަސަންއަކީ މީހެއްގެ ފިރިއެކޭ ބުނާނެ ހިތްވަރެއް މިރޭ ވެސް ޒުހޭރާއަކަށް ނުލިބުނެވެ. ޝަބްނަމް ދެރަވާނެ ވަރު އިހްސާސް ކުރެވޭތީ އެކަމަށް އޭނާ ފަސްޖެހެވޭނީއެވެ.

ނުނިމޭ

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެވެ.

(ނިމުނީ)