ކުރީގެ އަދަދާއިގުޅޭ:

" މިހާރު މަޣްރިބް ނަމާދު ބަންގި ގޮވަން ކައިރި ވީ. ހަސަން އެ ކުދިން ގޮވައިގެން ކޮންތާކަށް މި ދިޔައީ މި ގަޑީގަ؟" މަރިޔަމްއަށް ބުނެވުނެވެ.

Ad
rt

ހަސަން ހޯދަން ދާނެ ތަނެއް ވެސް މަރިޔަމްއަކަށް ނުވިސްނުނެވެ. ވެހެމުންދާ ތުނި ވާރޭގެ ތެރެއިން މަރިޔަމް އަނެއްކާ ވެސް ބޭރަށް ނިކުތެވެ. ނަމަވެސް މަގުގެ އެއްވެސް ހިސާބަކުން އެ މީހުންގެ އެއްވެސް ހިލަމެއް ނެތެވެ. ކުއްލިއަކަށް ވަރުގަދަ ވިދުވަރަކާއެކު ޖަހާލި ގުގުރީގެ އަޑަށް މަރިޔަމް ދިޔައީ ސިހިގެންނެވެ. ލައިގެން ހުރި ކަނޑިކީގެ އެއްކަނުގައި ހިފައިގެން އޭނާ އަވަސް އަވަހަށް ގެއަށް ވަންނަން ދުއްވައިގަތެވެ.

" މަރިޔާން." ހަސަން ގޮވާލިއެވެ.

ހަސަންގެ ބާރު އަޑުން މަރިޔަމްއަށް ފަހަތް ބަލައިލެވުނީ ހުއްޓެމުންނެވެ. އޭރު ތެމި ފޯވެގެން ހަސަން ވެސް އޭނާއާ އާދެއެވެ. އަސާގަނޑު ހިފައިގެން ކޮރު ޖަހަމުން އޭނާއަށް އެ ހިސާބަށް އާދެވޭނީ ލަހުންކަން އެނގި މަރިޔަމް ހަސަނާ ދިމާލަށް ދުއްވައިގަތެވެ.

" ހަސަން؟ " މަރިޔަމް ބުންޏެވެ.

ހިތުގައި އުފެދިފައި ހުރި ސުވާލުތައް ނުފެށި އުޅެނިކޮށް ހަސަން ވާހަކަ ދައްކަން ފެށިއެވެ.

" ހިނގާބަލަ އެތެރެއަށް." ހަސަން ބުންޏެވެ.

" ކޮބާ ކުދިން؟ ސާޔާ ކޮބާ؟" މަރިޔަމް ސުވާލު ކުރިއެވެ.

އޭރު ވެސް އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ހަސަންއާއެކު މަރިޔަމް ގޮސް ބަދިގެ ފެންޑާއަށް ވަތް އިރު ވެސް މަރިޔަމްގެ އެއްވެސް ސުވާލަކަށް ހަސަން ޖަވާބެއް ނުދެއެވެ.

" ހަސަން. ވެގެން އުޅޭ ގޮތެއް ބުނެބަލަ." މަރިޔަމް ތަންކޮޅެއް ބާރަށް ބުންޏެވެ.

އޭރު، ފެންޑާގައި ހުރި ދިގު ގޮނޑީގައި ހަސަން އިށީންނަނީއެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މަރިޔަމްއަށް ބަލައިލީ ހިނިތުންވުމާއެކުގައެވެ.

" ހަމަޖެހިލަބަލަ! ކިޔައިދޭނަމޭ. އާދެބަލަ. މިތާ އިށީނދެލަބަލަ." ހަސަން ބުންޏެވެ.

ކުރިމަތީގައި ހުރި މަރިޔަމްގެ އަތުގައި ހިފައި ހަސަންއާ ދިމާލަށް އޭނާ ދަމާލިއެވެ. އެއާއެކު ހައިރާންވެ ހުރެ މަރިޔަމް މަޑުމަޑުން ހަސަންގާތު އިށީނެވެ.

" އަހަރެން، ކުދިން ގޮވައިގެން އުޅެނިކޮށް ކެޔޮޅު އައިސް ބުނެފި ކުދިންކޮޅު ތާކަށް ލައިފައި ވިޔަސް ކެޔޮޅުގެ ގެއަށް ހިނގާބަލާށޭ. ލާރިލިބޭނެ ގޮތެއް އަހަންނަށް ހޯދައިދޭން ކެޔޮޅު ވެސް ބޭނުމޭ ބުނީ. އެހެންވެ، އޭނަ އެހެން ބުނީމަ ހައްވައްތަގެއަށް ތިން ކުދިން ލައިފައި އަހަރެން ދިޔައީ." ހަސަން ކިޔައިދިނީ އަވަސް އަވަހަށެވެ. ނަމަވެސް އޭރު ވެސް މަރިޔަމްގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެނެއެވެ.

" ލާރި ލިބޭނެ ކަމެކޭ؟ ހަސަންއަށް ހީވޭތަ މީހަކު ތިހާ ހެޔޮ އެދިދާނެހެން؟" މަރިޔަމް އެހިއެވެ.

" ތި ވާހަކަ ދައްކަން އަހަރެން އަންނާނަން ކުދިން ގޮވައިގެން. މިހާރު އަނދިރިވަނީއޭ." މަރިޔަމް އަނެއްކާ ވެސް ވާހަަކަ ދެއްކިއެވެ.

ނަމަވެސް މަރިޔަމްގެ އަތުގެ މުލައްދަނޑީގައި ހިފުމަށްފަހު ހަސަން އޭނާ ހުއްޓުވިއެވެ.

" އިހަށް މަޑުކޮށްލަބަލަ. ވަރަށް ގިނައިން ފައިސާ ލިބޭ މަސައްކަތެއް މަށަށް ލިބިއްޖެޔޭ." ހަސަން ތަންކޮޅެއް ބާރަށް ބުންޏެވެ.

އެއާއެކު ހައިރާންވެފައި މަރިޔަމް ހަސަންގެ މޫނަށް ބަލައިލިއެވެ. ހަސަން އަވަސް އަވަހަށް ބޯ ޖަހާލީ ހިނިތުންވަމުންނެވެ.

" މާލެއިން އައި ފާނަޔާ ފަރުމަސް ގަންނަ މީހެއް. މި ރަށު ފަޅުތެރޭގައި އެބައޮތް އޭނަ ގެނައި ފާނަ ކޮށި. މި ސަރަހައްދު އެންމެން އެ ތަނަށް ފާނަ ޔާ ފަރުމަސް ކިރަން އަންނާނެ. އެ ހުރިހާ ކަމެއް އަހަރެން ބަލަހައްޓައިދެންޏާ ވަރަށް ރަނގަޅު އެއްޗެއް ދޭނަމޭ ބުނީ." ހަސަން ބުންޏެވެ.

އޭރު ވެސް މަރިޔަމްގެ މޫނުމަތިން ހައިރާންކަމުގެ އަސަރު ނުފިލައެވެ. ގަބޫލުކުރަން ދަތިވެފައި އޭނާއަށް ހަމަ އިނދެވުނީއެވެ.

" ފައިގެ ރިހުން ވެސް ކުރިއަށް ވުރެ ރަނގަޅުތާ. އެހެން ނޫނަސް އަހަރެން ނުޖެހޭނެ މާ ބޮޑު މަސައްކަތެއް ކުރާކަށެއް. ފައިސާގެ ކަންތައްތައް ބަލަހައްޓަން ޖެހޭނީ. އަދި މަސް ކިރާ ކަންތައްތައް ކުރަން އިތުރު މީހަކު މި ރަށުން ނަގާނަމޭ ވެސް ބުނި. އެކަމަކު މަހަކު އެއްފަހަރު އަހަރެން މާލެ ދާން ޖެހޭނެ. ލާރި ހިފައިގެން." ހަސަން ބުންޏެވެ.

" ތި ދައްކަނީ ހަމަ ތެދު ވާހަކައެއްތަ؟ ތިއީ ހާދަ ރަނގަޅު ކަމެކޭ." މަރިޔަމްއަށް ބުނެވުނެވެ.

އެއާއެކު ހަސަން މަރިޔަމްގެ ބުރަކަށީގައި ފިރުމާލިއެވެ.

" ދެން އިރާދަ ކުރެއްވިއްޔާ މި ގެ ގަނޑު ވެސް ގަލުން ރާނާލެވިދާނެ. " ހަސަން ބުންޏެވެ. އެ ވަގުތު މަރިޔަމްގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ.

މާޒީ ވަމުން ދާ ކޮންމެ ދުވަހަކީ، އާއިލާއަށްޓަކައި ހަސަން އެތައް ގުރުބާނީތަކެއް ވާ ދުވަސްތަކެވެ. އޭނާގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ލޯބިވާ އަނބިމީހާއާއި ދަރިންގެ މޫނުމަތިން ހިނިތުންވުން ފެނުމެވެ. އެ މީހުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދެވުމެވެ. އަދި ދަރީންނަށް ރަނގަޅު ތައުލީމެއް ދެވޭނެ މަގެއް ހޯދުމެވެ.

އޭގެ އިތުރުން ފާނަކޮށީގެ ވެރިޔާ، ރަޝީދުގެ އެހީތެރިކަން ހޯދައި ރަށުގެ ރައްޔިތުންނަށް ވެސް ފައިދާ ލިބޭނެ ކަންތައްތައް ކުރަން ހަސަން ނުހަނު އިސްކަމެއް ދެއެވެ.

ދޯނި ރަށަށް ކައިރި ކުރި އިރު ރަށުގެ ކުދިބޮޑު އެންމެން އަތިރިމައްޗަށް ޖަމާވެފައި ތިއްބެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަނީ ހިނިތުންވުމެވެ. ރަޝީދުގެ އެހީއާއިގެން ހަސަން މި ފަހަރު މާލެއިން އެ އައީ ޖަނަރޭޓަރެއް ހިފައިގެންނެވެ.

" ހަސަން އަހަރެމެންނަށްޓަކައި ތި ކޮށްދޭ މަސައްކަތްތަކަށް ޝުކުރު އަދާ ކުރާނެ ގޮތް ނޭނގެ." ކަތީބު ބުންޏެވެ.

ފާލަމަށް ހަސަން ފޭބި އިރު އެންމެ ފުރަތަމަ އޭނާއާ ވާހަކަ ދެއްކީ ރަށު ކަތީބެވެ. އެކަން ވެގެން ދިޔައީ ހަސަންއަށް ލިބުނު ވަރަށް ބޮޑު އުފާވެރިކަމަކަށެވެ.

" ރައްޔިތުންގެ އިންޖީނުގެއެއް އަޅާފައި އެ ތަނަށް ލާނެ އިންޖީނުގަނޑެއް ނުލިބިގެން އެންމެން އެ ތިބެނީ. މިއަދު އަހަރެމެން ވަރަށް އުފާވެެއްޖެ ހަސަންގެ މަސައްކަތުން އަމިއްލަ މީހަކު ތި ވަރުގެ ބޮޑު އެހީތެރިކަމެއް ދިނީތީ." ޖެހިގެން ހުރި މީހާ ބުނެލިއެވެ.

އެންމެންގެ ތައުރީފާއި އުފާވެރި ބަސްތައް އަޑު އިވުމުން ހަސަންގެ ހިތް އުފަލުން ފޮޅެމުން ދިޔައެވެ. އެ ތަނަށް އެއްވެފައި ތިބި މީހުންގެ ތެރެއިން ވެސް ހަސަން މަރިޔަމް ފެނޭތޯ ބެލީ އަވަސް ހިތަކައިގެންނެވެ. ފޮށި ހިފައިގެން ހަސަން މީހުންތަކުގެ ތެރެއިން ނިކުމެ، އެކި ދިމަދިމާލަށް ބަލައިލިއެވެ. އެއާއެކު ތިން ދަރިން ގޮވައިގެން މަރިޔަމް އެ ދިމާލަށް އަންނަތަން ފެނެއެވެ. ހަސަންގެ ހިނގުން ބާރު ކޮށްލީ އެ ހިސާބުންނެވެ.

" ބައްޕަ އައީ އިންޖީނެއް ހިފައިގެންނޯ މީހުން ކިޔާ. ތެދެއްތަ ބައްޕާ؟ ކޮބާ އިންޖީނު؟" ސާމިހް އެހިއެވެ.

ސާމިހް ހުރީ އިންޖީނު ބަލައިލާ ހިތުން ކެތްމަދުވެފައެވެ. ސާޔާ އުރާލަމުން ހަސަން ބޮޑު ހިނިގަނޑެއް ޖަހާލިއެވެ.

" ދޯނީގައި ސަތަރިން ބަންދުކޮށްފައި އެ ހުރީ އިންޖީނު. މިއަދު އިންޖީނުގެއަށް ގެންދާނެކަންނޭގެ. ސާމިހް ވާނެ ބައްޕައާއެކު އެ ތަނަށް ދާން." ހަސަން ބުންޏެވެ.

" ބައްޕަ އާފަލު ގެނައިންތަ؟" ހާނިމް އެހިއެވެ.

އެއާއެކު މަރިޔަމްއަށް ނުހަނު ބާރަށް ހެވިއްޖެއެވެ.

" ތިން ދުވަސް ވެއްޖެ އާފަލު ކާން އުޅެނީ. ބައްޕަ އަންނާނެޔޭ ބުނި ހިސާބުން އާފަލާއި އޮރެންޖް ކާހިތުން އުޅެނީ. އަލަށް ވިއްޔަ ދޯ އެކަހަަލަ އެއްޗެއް މި ފެނުނީ ވެސް." މަރިޔަމް ބުންޏެވެ.

ރޭގަނޑުގެ ވަގުތެވެ. ކުދިން ނިންދަވާފައި މަރިޔަމް ބޭރަށް ނިކުތް އިރު ޖޯލިފަތީގައި ހަސަން އޮތެވެ. ނިތްމަތީގައި އަތް ބާއްވާލައިގެން އޭނާ އޮތް ގޮތުން ކަމަކާ ފިކުރު ކުރަނީހެން މަރިޔަމްއަށް ހީވިއެވެ. މަޑުމަޑުން ހިނގާފައި ގޮސް، ހަސަންއާ އެންމެ ކައިރީގައި ހުރި ޖޯލިގައި އިށީންނަމުން މަރިޔަމް ވާހަކަ ދައްކަން ފެށިއެވެ.

" އުޑުން ތަރި ގުނަނީތަ؟ " މަރިޔަމް ސުވާލު ކުރިއެވެ.

އެއާއެކު ފުން ނޭވާއެއް ދޫކޮށްލަމުން ހަސަން މަރިޔަމްގެ އަތުގައި ހިފާލިއެވެ.

" އުޑުގައި ހުރި ހުރިހާ ތަރިއެއް ބާލައި މަރިޔަންއަށް ދެވުނު ހަނދާނެއް ވޭ އަދިވެސް." ހަސަން ބުނެލީ ސަމާސާ ރާގަކަށެވެ.

" އަދިވެސް އެއީ އިހަށް ދުވަހުގެ ހަނދާނެކޭ. ކައިވެނި ކުރި ގޮތަށް ދަރިން ހޯދީމަ ތަރި ގުނާނެ ވަގުތެއް ނުވާނެ އެއްނު." މަރިޔަމް ބުންޏެވެ.

" އާނ! ހާދަ ޅަ އުމުރެއްގައޭ އަހަރެމެންނަށް ކުދިން މި ލިބުނީ. އެކަމަކު ވެސް އަހަރެމެން ދެ މީހުން މި ދަރިންކޮޅު ހާދަ ރަނގަޅަކަށޭ މި ބަލަނީ. މަރިޔަން އަދި މާ ހިތްވަރު ގަދަ. ދެން ހަމަޖެހުމުގެ ނޭވާއެއް ލެވޭނީ ކުދިން ބޮޑެތި ވީމަ ދޯ." ހަސަން ބުންޏެވެ.

އެއާއެކު މަރިޔަމް ޖޯލީގައި ރަނގަޅަށް އޮށޯވެލިއެވެ. އޭރު ވެސް އޭނާގެ އަތް އޮތީ ހަސަންގެ އަތުތެރޭގައެވެ.

" އަދިވެސް ވާހަކައެއް ބުނަންވެފައި އެބައޮތް." ހަސަން ބުންޏެވެ.

އޭނާގެ ޖުމްލައިން މަރިޔަމްއަށް އަނެއްކާ ވެސް ބުރަކަށި ހިއްލައިލެވުނެވެ.

" ވާހަކައެއް ބުނަން އުޅޭ އިރަށް މަރިޔަން ހާދަ ހާސްވަނީ؟" ހަސަން ބުންޏެވެ.

" ދެން ބުނެބަލަ. އަހަންނަކީ އަބަދުވެސް ވަރަށް އަވަހަށް ހާސްވާ މީހެކޭ. " މަރިޔަމް ބުންޏެވެ. އޭރުވެސް އޭނާ ހުރީ އަޑުއަހާ ހިތުން ކެތްމަދު ވެފައެވެ.

" ރަޝީދު ބުނެފި ފާނަ ކޮށި މާލެ ކޮޅަށް ބަދަލު ކުރަން ދެ ތިން މަހަށް. އޭރުން އަހަރެން ވެސް ދާން ޖެހޭ. އެ ސަރަހައްދުގައި ފާނަ މަސްވެރިކަން ވަރަށް ތިޔާގި ކަމަށް ވަނީ. " ހަސަން ބުންޏެވެ.

އެއާއެކު މަރިޔަމްއަށް ތެޅިގަނެވުނެވެ.

" ދެ ތިން މަހޭ؟ ހަސަންއަށް ރަށަކަށް ވެސް ނާދެވޭނެ؟" މަރިޔަމް އެހިއެވެ.

" ހޫމް. އަނެއްކާ ވެސް ރަށް ކޮޅަށް ކޮށި ގެންނައިރަށް އާދެވޭނީ. އެކަމަކު ރަށު ދޯނި މާލެއިން ފުރަންޏާ، އެއްޗެހި ވެސް ލާރި ވެސް ފޮނުވޭނެ." ހަސަން ބުންޏެވެ.

އޭނާގެ ޖުމްލައިން ހަސަން އެކަމަށް ރުހޭކަން މަރިޔަމްއަށް އެނގުނެވެ. އެކަމާ އޭނާ ހިތްހަމަ ނުޖެހުނެވެ. އެހެންވެ، މޫނު އަނބުރާލުމަށްފަހު މަރިޔަމް ވާހަކަ ދައްކަން ފެށީ މާޔޫސްކަމާއެކުއެވެ.

" ހަސަން މިހާރު ގޮތް ވެސް ނިންމީ ދޯ؟" މަރިޔަމް ބުންޏެވެ.

އެ ވަގުތު ހަސަން މަރިޔަމްގެ ކޮނޑުގައި އަތް ޖައްސާލިއެވެ.

" ވިސްނާބަލަ! އަހަންނަށް މަޖުބޫރުވާނެ ދޯ! މި ދެ ތިން އަހަރުގެ ތެރޭގައި ރަޝީދު އަހަންނަށް އެހީ ނުވަނީ ކޮން ކަމަކަށް؟ މި ގެ ވެސް ގަލުން ރާނައިދީ، މުސާރައިގެ އިތުުރުން ކިހާ އެއްޗެއްސެއް އަހަރެން މާލެއިން މި ގެންނަނީ؟ މުޅިން ވެސް ރަޝީދުގެ އެހީތެރިކަން. އަހަރެން ކިހިނެއް އޭނަ އެދޭ ކަންކަމާ ދެކޮޅު ހަދާނީ؟ އަހަންނަށް ހީވަނީ އަހަރެން އަބަދުވެސް މި ހުންނަނީ އޭނައަށް ދަރަނިވެރި ވެފައޭ." ހަސަން ބުންޏެވެ.

އޭރު މަރިޔަމްގެ މޫނުމަތިން ފެންނަމުން ދަނީ ނުތަނަވަސްކަމެވެ. އޭނާ ކަޅި ޖަހައިނުލާ ހަސަންގެ މޫނަށް ބަލަމުން ދިޔައެވެ.

" އަހަންނަށް އެނގެޔޭ. އަހަރެމެންގެ ދިރިއުޅުމަށް ކުއްލިއަކަށް ހެޔޮ ބަދަލެއް އައިސް، ތަނަވަސްކަން މި ލިބުނީ ރަޝީދުގެ އެހީތެރިވާތީކަން. އެކަމަކު އޭގެ މާނައަކީ މުޅި އުމުރު ދުވަހު ރަޝީދުގެ ދަށު ވެގެން އުޅޭށެކޭ ނޫނޭ. އޭނަ ބުނާ ކޮންމެ ކަމަކަށް އެއްބަސް ވާކަށް ނުޖެހޭނެ. ހަސަންއަށް ވެސް ހަސަންގެ ހައްގުތަކެއް އޮންނަކަން އެނގޭނެ. ހަސަންއަށް އެ ވާހަކަ ރަޝީދު ކައިރީ ބުނެވެން ޖެހޭނެ. ތިން މަސް ދުވަަހަށް އަހަރެމެންނާ ދުރަށް ގޮސް ކިހިނެއް ހުންނާނީ؟ މިތާ އަހަރެންގެ ކާކު ހުރީ؟ ހަސަންގެ ފަރާތުން އެބަހުރިތަ އަހަރެމެން ބަލިވިޔަސް ބަލާނެ މީހަކު؟" މަރިޔަމްގެ އަޑު ގަދަވާން ފެށިއެވެ.

އެއާއެކު ހަސަން ތެދުވެއްޖެއެވެ. މޫނު އުފުލައިގެން އިނދެ މަރިޔަމް ހަސަންއަށް ބަލައިލީ ހައިރާންކަމާއެކުއެވެ.

" ކޮންމެ ގޮތެއް ވިޔަސް، މަސައްކަތަކާ ހަވާލުވެ ހުރިއްޔާ އެ ކަމެއް ރަނގަޅަށް ކުރަން ޖެހޭނެ. ރަޝީދުގެ އެދުމަށް ދެކޮޅު ހަދާކަށް އަހަންނަކަށް ނުކެރޭނެ. އެންމެ ރަނގަޅުވާނީ މަރިޔަން ވެސް މި ކަމަށް އެއްބަސް ވީމަ. މި ކުދިންގެ މުސްތަޤްބަލަށް ވިސްނާފައި ވެސް މަރިޔަން ރުޅި ނައިސް އަހަންނަށް އެއްބާރުލުން ދޭނެ ކަމަށް ހީކުރީ. އަހަރެން ވެސް އެކަމާ ފިކުރު ކުރަމޭ." ހަސަން ބުންޏެވެ.

އެ ވަގުތު މަރިޔަމް ވެސް ތެދުވެއްޖެއެވެ. އަދި ހަސަންގެ ކުރިމަތީގައި ހުއްޓި އޭނާ ވާހަކަ ދައްކަން ފެށިއެވެ.

" އެއްބާރުލުން ނުދޭކަށް ނޫން. އެހާ ގިނަ ދުވަހަށް މިހާ ކުދި ދަރިންތަކެއް ދޫކޮށް ދާތީވެ ކަންބޮޑުވަނީ. ލާރި ފޮނުވިޔަސް އަހަރެން އެކަނި މި ކުދިން ބަލަހައްޓާނީ ކިހިނެއް؟ ސާޔާ އަބަދު އުޅެނީ ބަލިވެ." މަރިޔަމް ބުންޏެވެ.

" ކޮންމެ ގޮތެއް ވިޔަސް އަހަންނަކަށް ރަޝީދު ކައިރީ ނޫނެކޭ ބުނާކަށް ނުކެރޭނެ. މަރިޔަން ވެސް އެކަނި އުޅެން ދަސްކުރަން ވާނެ." ހަސަން ބުންޏެވެ.

ހަސަންގެ ވާހަކައިން މަރިޔަމްގެ ހިތަށް ވަރަށް ތަދުވިއެވެ. އޭނާގެ ނިންމުން ބަދަލު ނުވާނެކަން އެނގުމުން މަރިޔަމް އިންތިހާއަށް ދެރަވެސް ވިއެވެ.

ނުނިމޭ

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެވެ.

(ނިމުނީ)