" މަގޭ ހަސަނަށް ކިހިނެއް ވީ؟ އަލިފުޅުބޭ!" މަރިޔަމް ރޯން ފެށުމުން ހާނިމް ވެސް ރޯން ފަށައިފިއެވެ. އޭރު ސާމިހް ވެސް ބިރުގެންފައި ހުރެ، އަލިފުޅުގެ މޫނަށް ބަލަމުން ދިޔައެވެ.
" ދޯންޏެއް އެހެލަން އުޅެނިކޮށް، ވީއެއް ނުވީއެއް ނޭނގެ، ހަސަނުގެ ފައި ދަށުވީ." އަލިފުޅު ބުނެލީ ނުހަނު ބާރަށެވެ.
އެއާއެކު މަރިޔަމްއަށް ދުއްވައި ގަނެވުނެވެ. ނަމަވެސް އޭނާގެ ދެ ފައިގައި ކަސްތޮޅު އެޅުނީ، ފަތްޖެހި އެނދުގައި އޮތް ސާޔާ މަތިން ހަނދާން ވުމުންނެވެ.
" އަތިރިމައްޗަށް ދާނެ ކަމެއް ނެތް. އެ ސޮރު އެބަ ގެންދޭ ހެލްތުޕޯސްޓަށް." އަލިފުޅުބެ ބުންޏެވެ.
އަލިފުޅުބޭ ވާހަކަ ދައްކާ އަޑު އެހުމެއް ނެތި، މަރިޔަމް އައިސް ނިދިފައި އޮތް ތުއްތުތުއްތު ސާޔާ އުރާލިއެވެ. އެއާއެކު ހާނިމްއާއި ސާމިހް ވެސް އޭނާ ކައިރީ ހުއްޓުނެވެ.
ދުވަމުން، ހިނގަމުން ކަހަލަ ގޮތަކަށް މަރިޔަމް، ދަރިންކޮޅު ގޮވައިގެން ހެލްތުޕޯސްޓާ ދިމާއަށް މިސްރާބު ޖެހިއެވެ. އޭރު ވެސް އޭނާއަށް ހުއްޓުމެއްނެތި ރޮވެމުން ދެއެވެ. ހެލްތުޕޯސްޓް ކައިރިއަށް މީހުން ޖަމާވަމުން ދާ މަންޒަރު މާ ދުރުން މަރިޔަމްއަށް ފެނިއްޖެއެވެ. އެއާއެކު އޭނާގެ މޭ އިތުރަށް ބާރަށް ތެޅިގެންފިއެވެ.
" އެކޮއި ތިޔަ ކުއްޖާ މަގޭ އަތަށް ދީފައި ދޭ! " ފަހަތުން އިވުނީ ހައްވައްތަގެ އަޑެވެ.
އެއާއެކު މަރިޔަމްއަށް ހައްވައްތަގެ މޫނަށް ބަލައިލެވުނީ އާދޭހުގެ ނަޒަރަކުންނެވެ.
" ކޮއްކޮމެން ވެސް ހައްވައްތަ ކައިރީގައި މަޑުކުރޭ. މަންމަ އަންނަން ދެން މިތާ ތިބޭނީ." ހައްވަ ބުންޏެވެ.
އެއާއެކު ސާމިހްއާއި ހާނިމް ވެސް ހައްވައާ ކައިރިއަށް ޖެހިލިއެވެ. ހައްވަގެ އަތަށް ސާޔާ ދިނުމަށްފަހު މަރިޔަމް ދެ އަތުން މޫނު ފުހެލަމުން އަނެއްކާ ވެސް އެ ދިމާލަށް މިސްރާބު ޖެހިއެވެ.
މީހުންތައް ފެޔަށް ޖައްސަމުން ގޮސް މަރިޔަމް މަސައްކަތް ކުރީ އެތެރެއަށް ވަންނާށެވެ. ނަމަވެސް އެ ތަނުން މީހަކު އޭނާ ހުއްޓުވައިފިއެވެ.
" މި ވަގުތު މަރިޔަން އެތެރެއަށް ވަންނާނެ ކަމެއް ނެތް. ހަސަންގެ ފައިތިލަ ވަރަށް ބޮޑަށް ޒަހަމްވެފައި އޮތީ. މި ވަގުތު މަރިޔަމް ފެނުނީމަ ފަހަރެއްގައި ހަސަންގެ ހިތްވަރު ގެއްލި ދާނެ." ހަސަންގެ ދުރުތާ ތިމާގެ މީހެއްކަމަށް ވާ ހަކީމް ބުންޏެވެ.
ހަކީމް އެހެން ބުނުމުން މަރިޔަމް ނުހަނު ބޮޑަށް ހިތްހަމަ ނުޖެހުނެވެ.
" އެކަމަކު އަހަރެން ބޭނުން ހަސަން ކައިރީ ހުންނަން." މަރިޔަމްއަށް ބުނެވުނެވެ.
" އެކަމަކު މި ވަގުތު ބޭސްއަޅާ ކޮޓަރި ހުރީ ތަޅުލައިފައި. އެ މީހުން އެ މަސައްކަތް ކުރަނީ ލޭ މަނާ ކުރެވޭތޯ." ހަކީމް ބުންޏެވެ.
އެންމެ ފަހުން މަރިޔަމްއަށް ޖެހުނީ ބޭރުގައި މަޑުކުރާށެވެ. އޭނާގެ ހިތަށް އޭރު ވެސް ކެތްވަނީ ކިރިޔާއެވެ. ހަސަންގެ ފައިގައި އަޅާނެ ވޭނާއި ވާނެ ތަދު ހުދު މަރިޔަމްއަށް އިހްސާސް ކުރެވޭ ކަހަލައެވެ. ގައިން ވަރު ދޫ ވެފައި ހުރެ މަރިޔަމް ހިނގައިގަތީ އެ ތަނުން ނިކުންނާށެވެ. އޭރު ވެސް އޭނާ ހުރީ ތުން ފިތި، ނޭވާ ކުރު ވެފައެވެ. ބައެއް އަންހެނުން، އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން ކޮނޑުގައި އަތް ޖައްސާލާ ހެދި ނަމަވެސް މަރިޔަމް، އެއްވެސް މީހެއްގެ މޫނަކަށް ނުބަލައެވެ. ފިކުރު ބޮޑުވެފައި ހުރެ އޭނާ ގެއަށް ދާން ހިނގައިގަތެވެ.
" ކީއްވެ ހާދަ އަވަހަކަށް ތި އައީ؟ ހައްވައްތަ މި އިނީ އެއްނު މި ކުދިން ކައިރީ..." ހައްވ ބުނެލިއެވެ.
އޭރު ވެސް މަރިޔަމް ހުރީ ގަބުވެފައި ކަހަލަ ގޮތަކަށެވެ.
" މަރިޔަން. ހުރިހާ ކަމެއް ވެސް ރަނގަޅުތަ؟ " ހައްވަ ސުވާލު ކުރިއެވެ.
" ނޭނގެ. އެ މީހުން އަހަންނެއް ނުވެއްދި. އަހަރެން ހަސަނު ނުވެސް ދެކެން." އެހެން ބުނެވުމާއެކު މަރިޔަމްއަށް ބާރަށް ރޮއިގަނެވުނެވެ. މަރިޔަމް ރޯތަން ފެނި، ހާނިމް ވެސް ރޯން ފެށިއެވެ. ހިތްވަރުކޮށްފައި އިން ސާމިހް ވެސް އެ ވަގުތު ފެންކަޅި ވެއްޖެއެވެ.
އުނގުމަތީ ނިދިފައި އޮތް ސާޔާ، އަނެއްކާ ވެސް ފަތްޖެހިއެނދުގައި ބޭއްވުމަށްފަހު، ހައްވަ ތެދުވިއެވެ. އަދި މަރިޔަމްގެ ބުރަކަށީގައި އޭނާ ފިރުމަން ފެށިއެވެ.
" ހިތްވަރު ކުރޭ ދަރިފުޅާ. މަރިޔަން ހިތްވަރު ނުކޮށެއް ނުވާނެ. މި ތިބި ކުދިކުދި ދަރިންތަކަށްޓަކައި ވެސް މަރިޔަން ޖެހޭނެ ހިތްވަރު ނެރެން. ކެތްކުރަން. އިރާދަ ކުރެއްވިއްޔާ ހަސަން ވަރަށް އަވަހަށް ރަނގަޅުވެދާނެ. ހައްވައްތަމެން ކުޑައިރު، މި ރަށު މީހަކު އޮޑިދަށުވީ. އޭނަ މުޅި ބުރަކަށި ވެސް އޮތީ ބިނދިފައި. އެކަމަކު ހަމަ ދިވެހި ބޭސްކޮށްގެން އޭނައަށް މަރު ދުވަހާ ޖެހެންދެން ވެސް މަސައްކަތް ކޮށްގެން އުޅެވުނު." ހައްވަ ކިޔައިދިނެވެ.
ހައްވައަކީ މަރިޔަމްއަށް މައެއް ފަދަ މީހެކެވެ. ދިމާވާ ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަމަ އޭނާ ކައިރިއަށް އަންނާނީ ވެސް ހަމަ ހައްވައެވެ. އެހެންވެ ހައްވަ ދައްކާ ވާހަކަ މަރިޔަމްއަށް ވަރަށް ފަސޭހައިން ގަބޫލު ކުރެވެއެވެ.
" އަހަރެން މި ދަރީންނަށްޓަކައި ވެސް ކެތްކުރާނަން. ކޮޅަށް ތެދުވާނަން. ހައްވައްތާ! އެކަމަކު ހަސަންއަށް ވެފައި އޮތީ ކިހާ ވަރެއްކަމެއް ވެސް ނޭނގެ. ހަސަންއަށް ހާދަ ވޭނެއް އަޅާނެޔޭ. އޭނަ މިހާރު ވެސް އަހަރެން މަތިން ހަނދާން ކުރާނެ. އަހަރެން ބޭނުން އެ ތަނަށް ދާން." މަރިޔަމް ބުނެލިއެވެ.
" މަރިޔަމް އިހަށް ގޭގައި މަޑުކުރޭ. ބޭބެ ވެސް ވެއްޖެ އެ ތަނަށް ގޮސް. އިރާދަކުރެއްވިއްޔާ ހަސަނަކަށް ދެރަ ގޮތެއް ނުވާނެ." ހައްވަ ބުންޏެވެ.
އިރު އޮއްސިއްޖެއެވެ. ތިން ކުދިން ގޮވައިގެން މަރިޔަމް އަދިވެސް އިނީ ހަސަންގެ އިންތިޒާރުގައެވެ. ތިން ކުދިން ގޭގައި ބޭތިއްބުމަށްފަހު، މަރިޔަމް ނިކުތެވެ. ވަގުތަކީ ފަތްޖެހި އެނދަކަށް ލައިގެން ހަސަން ގެނެސް ވެއްދި ވަގުތެވެ. އޭނާއާއެކު ހައެއްކަ ފިރިހެނުން ތިއްބެވެ. ބާރަށް ހިނގާފައި ގޮސް މަރިޔަމް އެނދުކައިރީ ހުއްޓުނެވެ. ބޭސްއަޅާފައި އޮތް ހަސަންގެ ފައިތިލައަށް ބަލައިލުމަށްފަހު މަރިޔަމް ކުޑަކޮށް ގުދުވެލާފައި ހަސަންގެ މޫނުގައި އަތް ޖައްސާލިއެވެ.
" ރިއްސާތަ؟" މަރިޔަމް ސުވާލު ކުރިއެވެ.
" ހޫމް." ހަސަން ބުނެލީ މަޑުމަޑުންނެވެ.
" މަރިޔަން. އަހަރެމެން ދެން ދަނިއްޔޭ. ހަސަން ގެއަށް ވައްދަންވީ ދޯ؟ " ބޭބެއަކު ބުނެލިއެވެ.
" ނޫނޭ އަލިބޭ. އަހަރެން މަރިޔަންގެ އެހީއާއެކު ކޮރު ޖަހަމުން ވަންނާނަން. މިހާރު ވަރަށް ރިހުން ލުއި ވެއްޖެ. " ހަސަން ބުންޏެވެ.
އެ ވަގުތު އެ ތަނަށް އައިސް ތިބި އެންމެން، މަޑުމަޑުން ނިކުމެގެން ދިޔައެވެ. އެ މީހުން ދިޔުމާއެކު މަރިޔަމް ހަސަންގެ މަގަތުގައި އިށީނދެލީ ފެންކަޅިވެފައިވާ ހާލުގައެވެ.
" ކީއްވެ އެ ތަނަށް ނައީ؟ ސާޔާ އުރާލައިގެން ވެސް އަހަރެން ދެކިލަން އެ ތަނަށް ނައީމަ އަހަރެން ވަރަށް ދެރަވި." ހަސަން ޝަކުވާ ކުރިއެވެ.
އެއާއެކު މަރިޔަމްގެ އަޑު ފަޅައިގެން ދިޔައެވެ. އޭނާ ނުހަނު ބާރަށް ރޮއިގަތެވެ. އަދި ރޮމުންރޮމުން ވާހަކަ ދައްކަން ފެށިއެވެ.
" އަހަންނަށް އެ ހަބަރު ލިބުނީމަ އަހަރެން އެ ތަނަށް ދިޔައިން. އެކަމަކު އެ މީހުން އަހަންނެއް ނުވެއްދި." މަރިޔަމް ބުންޏެވެ.
" ދެން ހުއްޓާލާ. އަހަރެން މިހެން މި ބުނީ މަރިޔަން އެތަނަށް ދިޔަ ވާހަކަ އެއްވެސް މީހަކު އަހަރެންގާތު ނުބުނީމަ. ދެން ތި ވަރަށް ނުރޮއި." ހަސަން ބުންޏެވެ.
އެ ވަގުތު މަރިޔަމް އަވަސް އަވަހަށް ދެ އަތުން މޫނު ފުހެން ފެށިއެވެ.
ހަސަންގެ ފައިތިލައަށް ލިބުނު ބޮޑު ގެއްލުމާއެކު އޭނާއަށް ރަނގަޅަށް ހިނގާބިނގާވެ އުޅެން ދަތި ވެއްޖެއެވެ. އަސާގަނޑު ހިފައިގެން ނޫނީ އޭނާއަކަށް މިހާރަކު ނުހިނގެއެވެ. ރަށުގައި އުޅޭ ދިވެހިބޭސް ވެރިޔާގެ އެހީތެރިކަމާއެކު އޭނާގެ ފައިގެ ފާރުގަނޑުތައް އަންނަނީ ރަނގަޅުވަމުންނެވެ. ނަމަވެސް ކަށިގަނޑަށް ލިބިފައިވާ ގެއްލުމާއެކު މަސައްކަތްކޮށް އުޅެން ހަަސަންއަށް ދަތި ވެއްޖެއެވެ. އެކަމުގެ ސަބަބުން އެ ދިރިއުޅުން ކޮޅަށް ޖެހުމަށްޓަކައި މަރިޔަމްއަށް އިތުރު ބުރައަކަށް ވަނީ ވެފައެވެ.
" ހާމަސް ކޮޅެއް ކައްކަން ލިބޭތޯ ވެސް މީހުން ކައިރީ އާދޭސް ކުރެވިއްޖެ. އެކަމަކު އަދި އެއްވެސް މީހަކު އަތުން ހާމަސްކޮޅެއް ވެސް ނުލިބޭ." މަރިޔަމް ބުންޏެވެ.
އެ ވަގުތު ފަރުވާތެރިކަމާއެކު ހަސަން މަރިޔަމްގެ މޫނަށް ބަލައިލިއެވެ. މަރިޔަމްގެ ކަންބޮޑުވުމާއި އޭނާ ފިކުރު ކުރާވަރު އެ މޫނުމަތިން ހަސަންއަށް ރަނގަޅަށް ދޭހަ ވިއެވެ.
" އެ މަންޖެ ގާތުން ނުބޯތީ ހެލްތު ޕޯސްޓުން ދަޅު ގަންނަން ޖެހެނީ. އެހެންވެ އަތުގައި ހުރި ރުފިޔާކޮޅު ފައިބައިގެން ދާ ގޮތް ނޭނގޭ. އިތުރަށް ލާރިއެއް ލިބޭނެ ގޮތެއް ވެސް ނެތް. އަހަރެން މިހާރު ވިސްނާވިސްނާ ބޯ ހަލާކު ވެއްޖެ. ކުޑަގޭގައި ހުރި ތިން ރިހާކުރު ފުޅި މީހަކު ނުގަނެ ހުއްޓާ، ފޫ ޖަހައިފި. އަހަރެމެން މަސް ނުކައްކާތީވެ ތާޒާ ރިހާކުރު ހޯދަން މީހުން މި ތަނަށް ނާންނަނީ." މަރިޔަމް ވާހަކަ ދެއްކީ ކުރަކި ވެފައި ވާ އަޑަކުންނެވެ.
" އަހަރެން ތި ހުރިހާ ކަމަކަށް ވެސް ވިސްނަމޭ. އެކަމަކު މަސައްކަތެއް ނުކުރެވޭނެތީ އެއްވެސް ދޯންޏަކުން އަހަރެން ނުގެންދާނެ އެއްނު. އަހަރެން މި ހިތަށް އަރަނީ ގޭގައި ދަނޑުވެރިކަން ކުރަން. އޭރުން ދެ މީހުން ވެގެން އެ މަސައްކަތް ކުރެވޭނެއެއްނު. އަސާގަނޑާއެކު ހިނގަން ވަރަށް ވަރުބަލި ވެސް ވޭ. ހިތަށް އަރާ މި އަސާގަނޑު ދޫކޮށްލެވޭނީ ކޮން ދުވަހަކުބާއޭ؟" ހަަސަން ބުންޏެވެ.
އެ ވަގުތު މަރިޔަމް ހަސަންގެ ކޮނޑުގައި ބޯ އަޅާލިއެވެ. އަދި އޭނާ މަޑުމަޑުން ހަސަންގެ އަތުގައި ފިރުމަމުން ދިޔައެވެ.
" އަހަރެން މި ހުރީ ގޮތް ހުސްވެފައި. ދަނޑުވެރިކަން ފަށަން ބުނާއިރު، އަދި ފެށޭނެ ގޮތެއް ވެސް ހަމަ ނެތެއްނު. މިއަދު އަހަންނަށް މި އިހްސާސް ކުރެވެނީ ހަމަ އެންމެ ކަމެއް." މަރިޔަމް ބުންޏެވެ.
އޭނާ ކުޑަކޮށް މޫނު އުފުލައިލުމަށްފަހު ހަސަންގެ މޫނަށް ބަލައިލިއެވެ. އެ ވަގުތު ހަސަން ވެސް ބޯ އަރިކޮށްލަމުން މަރިޔަމްއަށް ބަލައިލިއެވެ.
" އާއިލާގެ މައި ތަނބަކީ ފިރިމީހާކަން. އަހަރެމެންނަށް ކައިބޮއި މި ހެދެނީ ފިރިމީހާ އަހަރެމެންނަށްޓަކައި ރެޔާ ދުވާލު ފައިސާ ހޯދަން މަސައްކަތް ކުރާތީކަން. ދަރިން ބަލަން ގޭގައި މައިމީހާ އިނަސް، އެ ކުދިންނަށް ބޭނުންވާ އެއްޗެހި ހޯދައި ނުދެވޭނަމަ އެ ކުދިން ވެސް ބެލޭނެ ގޮތެއް ނޯންނާނެކަން. ހަސަން! އެ އެއްޗެެއްގެ މުހިއްމުކަން އިހުސާސް ކުރެވޭނީ އެ އެއްޗެއް ބީވެ ދިޔުމުންނޭ ބުނާ އަޑު އަހަން. އަހަންނަށް މިއަދު ހަސަންގެ މުހިއްމުކަން ވަރަށް ރަނގަޅަށް އިހްސާސް ކުރެވޭ." މަރިޔަމް ބުންޏެވެ.
އެ ވަގުތު ހަސަން މަރިޔަމްގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި އޭނާއާ އިތުރަށް ގާތްކޮށްލަމުން ކުރު ހިނިގަނޑެއް ޖަހާލިއެވެ.
" އަހަރެންގެ މުހިއްމުކަން އަބަދުވެސް މަރިޔަން އަހަންނަށް އިހްސާސްކޮށްދެޔޭ. އަހަންނަށް ވެސް ހަމަ ތި ގޮތަށް ވާހަކަ ދެއްކިދާނެ. އަހަންނަށް ހީވަނީ އާއިލާއެއް ކޮޅަށް ޖަހަނީ މައިމީހާހެން. ދަރިން ގޭގައި ބައިތިއްބާފައި، ފައިސާ ހޯދަން އަހަންނަށް އެތަން މިތަނަށް އޭރު ދެވުނީ، މަރިޔަން ގޭގައި ހުންނާތީތާ. މިއަދު ވެސް މަރިޔަން ނެތް ދުވަހަކުން އަހަރެން ކިހިނެއް މި ދަރިން ދޫކޮށްފައި ދާނީ؟ އެހެންވީމަ ދެމަފިރިންގެ އެއްބާރުލުން މީގައި އެންމެ މުހިއްމުވާނީ." ހަސަން ބުންޏެވެ.
މަރިޔަމް ވެސް ހިނިތުންވަމުން ބޯ ޖަހާލިއެވެ.
ކޮންމެ ދުވަހެއް ނިމިގެން ދަނީ، އެ ދެމަފިރިން ދަރިންގެ މުސްތަޤްބަލާމެދު ވާހަކަ ދައްކައި ފިކުރު ކުރާ ހާލުގައެވެ. ދަރިން ބޮޑެތި ވަމުން އަންނައިރު، އެ ކުދިންނަށް ބޭނުންވާ މީރު ކާއެއްޗެހި ހޯދައިދިނުމަށްޓަކައި ކުރިއަށް ވުރެ ބޮޑު ބުރައެއް މަރިޔަމްއަށް މި ވަނީ އުފުލަން ޖެހިފައެވެ. ގޭގޭގައި މަސްކައްކާއިރު، އެ މީހުންނަށް އެހީތެރިވެދޭން މަރިޔަމް ދާން ފަށައިފިއެވެ. އޭނާ އެ ތަނަށް ދަނީ އެ މީހުންގެ އަތުން ފައިސާ ނުލިބުނަސް، ކާނެ މަހާއި ރިހާކުރު ހޯދުމުގެ ބޭނުމުގައެވެ.
ދުވަހަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. މަރިޔަމް ގެއަށް އައީ ތެމި ފޯވެގެންނެވެ. މެންދުރު ގެއިން ދިޔަ ގޮތަށް އޭނާއަށް ގެއަށް އާދެވުނު އިރު އިރު އޮއްސެނީއެވެ. އަތުގައި އޮތް މަސް ކޮތަޅު ބަދިގެއަށް ލުމަށްފަހު، އޭނާ ބާރު ފިޔަވަޅުތަކުގައި ގޮސް ގޭ ދޮރުމައްޗަށް އެރިއެވެ.
" ހަސަން!" މަރިޔަމް ގޮވާލިއެވެ.
ކުއްޖެއްގެ ހިލަމެއް ނުވިތާ ހަސަންގެ އަޑެއް ބަޑެއް އޭނާއަކަށް ނީވުނެވެ. އެހެންވެ ދެ ވަނަ ފަހަރަށް ވެސް އޭނާ ކުރިއަށް ވުރެ ބާރަށް ދަރިންގެ ނަމުން ގޮވާލިއެވެ. އެއާއެކު އެކަކު ވެސް ގޭގައި ނެތްކަން އޭނާއަށް އެނގުނެވެ. ތެމިގެން ހުރެ މަރިޔަމް ގެއަށް ވަދެ، އެތެރެގެއާ ޖެހެން ދެން ބެލިއެވެ. ނަމަވެސް އެކަކު ވެސް ނެތެވެ.
" މިހާރު މަޣްރިބް ނަމާދު ބަންގި ގޮވަން ކައިރި ވީ. ހަސަން އެ ކުދިން ގޮވައިގެން ކޮންތާކަށް މި ދިޔައީ މި ގަޑީގަ؟" މަރިޔަމްއަށް ބުނެވުނެވެ.
ނުނިމޭ
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!