ކުރީގެ އަދަދާއި ގުޅޭ:

" ކޮންމެ ގޮތެއް ވިޔަސް އަހަންނަކަށް ރަޝީދު ކައިރީ ނޫނެކޭ ބުނާކަށް ނުކެރޭނެ. މަރިޔަން ވެސް އެކަނި އުޅެން ދަސްކުރަން ވާނެ." ހަސަން ބުންޏެވެ.

Ad
rt

ހަސަންގެ ވާހަކައިން މަރިޔަމްގެ ހިތަށް ވަރަށް ތަދުވިއެވެ. އޭނާގެ ނިންމުން ބަދަލު ނުވާނެކަން އެނގުމުން މަރިޔަމް އިންތިހާއަށް ދެރަވެސް ވިއެވެ.

ރަޝީދުގެ އެހީތެރިކަމުގައި އެ ރަށަށް ކަރަންޓުގެ ހިދުމަތް ލިބެން ފަށައިފިއެވެ. އިރުއޮއްސި ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް ކަރަންޓު ލިބުން ވެގެން ދިޔައީ ރައްޔިތުން އުފަލުން ހެއްވާލި ކަމަކަށެވެ. ރަށުތެރެއަށް ވެރިވެފައި އޮންނަ ފަޅުކަން ގެއްލި، ރޭގަނޑުގެ ވަގުތު ތަކުގައި މީހުން ވެސް ބޭރުތެރޭގައި ހޭލަމޭލަވެ އުޅެން ފަށައިފިއެވެ.

" މަންމާ. މި ފަންކާ ބޮލަކަށް ނުވެއްޓޭނެތަ؟" ހާނިމް ބުންޏެވެ.

ބާރަށް އެނބުރެމުންދާ ފަންކަލަށް ބަލަހައްޓައިގެން އޮތް ހާނިމްގެ މޫނުމަތިން އޭނާ ބިރުގެންފައި އޮތްކަން ހާމަވެއެވެ. ނަމަވެސް އެ ސުވާލުން މަރިޔަމްއަށް ބާރަށް ހެވުނެވެ.

" ނުވެއްޓޭނެޔޭ. އެހެންވެތަ ދަރިފުޅު ލޯ ހުޅުވައިގެން ތި އޮންނަނީ؟ ބިރު ނުގަނޭ ހާނިމް. ރީތިކޮށް އޮވޭ! މިހާރު ދޮންބެ ވެސް ނިދައިފި. ދެން އަވަހަށް ނިދާލާ." މަރިޔަމް ބުންޏެވެ.

އެއާއެކު ހާނިމް މަރިޔަމްއާ އިތުރަށް ކައިރިވެލިއެވެ. ލޯބިވާ ދަރިފުޅުގެ ބޮލުގައި ފިރުމަމުން މަރިޔަމް ނާނާ ކިޔަމުން ދިޔައެވެ. އިސާހިތަކު ހާނިމްއަށް ނިދިއްޖެއެވެ. މަޑުމަޑުން ތެދުވެ ހާނިމްގެ މަގަތުގައި ބާލީހެއް ބޭއްވުމަށްފަހު މަރިޔަމް ތެދުވެއްޖެއެވެ. ވަރުބަލިކަމާއެކު މޯޅިއަކަށް ދެމިލުމަށްފަހު އޭނާ ސިޓިންރޫމަށް ނިކުތީ ހަސަން ކޮބައިތޯ ބަލާށެވެ.

" މަރިޔަން އަންނަން ވާއިރަށް އަހަރެން ހުރިހާ އެއްޗެއް ފޮއްޓަށް އަޅައިފިން." ހަސަން ބުންޏެވެ.

އެ ވަގުތު ހަސަންގެ ކައިރީގައި ހުރި ފޮއްޓަށް މަރިޔަމްއަށް ނަޒަރު ހިންގާލެވުނެވެ.

" އެހާ ދާހިތް ވޭތަ؟" މަރިޔަމް ސުވާލު ކުރިއެވެ.

މަރިޔަމްގެ ސުވާލުން ހަސަންގެ ހިތް ނުތަނަވަސްކޮށްލިއެވެ. ފޮށި އެއް ފަރާތް ކޮއްލަމުން ހަސަން ތެދުވެ މަރިޔަމްގެ ކުރިމަތީގައި ހުއްޓުނެވެ. އެއާއެކު މަރިޔަމް އިސްޖަހާލިއެވެ.

" ކީއްވެ ތިހެން ތި ބުނީ؟ މަރިޔަންއަށް އަދިވެސް ހީވަނީތަ އަހަރެން މި ދަނީ ވަރަށް ދާހިތުންނޭ." ހަސަން އެހިއެވެ.

އެއާއެކު މަރިޔަމް ބޯ ޖަހާލިއެވެ. މަރިޔަމްގެ އެ ހަރަކާތްތަކުން ހަސަންއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އޭނާ އަވަސް އަވަހަށް މަރިޔަމްގެ އަތުގައި ހިފިއެވެ. އަދި މަޑުމަޑުން އެ އަތް އުފުލައިލުމަށްފަހު އޭނާގެ މޭގައި ޖައްސާލިއެވެ.

" މަރިޔަންއާ ދުރަށް ދާކަށް ދުވަހަކު ވެސް މި ހިތެއް ނޭދޭނެ. މަރިޔަން ނުފެނި ގިނަ ދުވަހު އަހަންނަކަށް ނުވެސް އުޅެވޭނެ. އަހަރެން މި ދަނީ ދަރިންނާއި މަރިޔަން އުފަލުގައި ގެންގުޅެން ބޭނުންވާތީ. ފައިސާ ލިބޭ މަސައްކަތެއް ދޫކޮށްލުމަކީ އަހަންނަށް ވާނެ ކަމެއް ނޫން. ތަނަވަސްކަން ނެތިއްޔާ އަހަންނަށް އެނގޭ އަހަރެމެން އުޅެންޖެހޭނެ ހިތްދަތި ހާލު." ހަސަން ކިޔައިދިނެވެ.

އެ ވަގުތު މަރިޔަމް ހަސަންގެ އަތުގެ ތެރެއިން އަތް ދަމައިގަނެ، އަވަސް އަވަހަށް ހަސަންއަށް ފުރަގަސް ދިނެވެ.

" ހަސަންއަކަށް ނޭނގެ ދޯ ހަސަން މިތާ ނެތީމަ، އަހަރެމެން އުޅެން ޖެހޭނެ ހިތްދަތިކަމެއް؟ މަހަކު އެއް ފަހަރު މި ރަށަށް މާލެ ދަތުރު ކުރާ ދޯންޏެއް މި އަންނަނީ. އަހަރެމެން މަރުވިޔަސް ހަސަންއަކަށް ނޭނގޭނެ." މަރިޔަން ބުންޏެވެ.

އެއާއެކު ހަސަންއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. މަރިޔަމްގެ ދެ ކޮނޑުގައި ހިފައި ހަސަންގެ މޭގައި ލައްކޮށްލަމުން ހަސަން ވާހަކަ ދެއްކިއެވެ.

" ތިހެން ނުވިސްނާ. ހުރިހާ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަށް. އަހަރެން އެ ދޯނިން މަރިޔަންއަށް ސިޓީ ފޮނުވާނަން. އަދި ގެއަށް ބޭނުންވާ އެއްޗެހި ވެސް ފޮނުވާނަން. މަރިޔަން ވެސް އަހަންނަށް ސިޓީ ފޮނުވަންވާނެ. އޭރުން ދޯ ދަރިންނާ މަރިޔަންގެ ހާލު އަހަންނަށް ވެސް އެނގޭނީ." ހަސަން ބުންޏެވެ.

ހަސަންގެ ވާހަކައިން މަރިޔަން އިތުރަށް ދެރަވިއެވެ. އޭނާ އަވަސް އަވަހަށް ހަަސަންއާ ދިމާލަށް އެނބުރި، ހަސަންގެ ގައިގައި ބާރަށް ބައްދައިގަތެވެ.

ޖެހިގެން އައި ދުވަހެވެ. ހަސަން ހުރީ މާލެ ދަތުރުކުރާ ދޯނީގެ ފަހަތު ކޮޅުގައެވެ. އޭރު އޭނާގެ ލޯ އަމާޒުވެފައި ހުރީ ލޯބިވާ އަނބިމިހާއާއި ތިން ދަރިންނަށެވެ. ސާޔާ އުރާލައިގެން މަރިޔަމް ހުރި އިރު ސާމިހްއާއި ހާނިމް ވެސް ހުރީ މަރިޔަމްގެ ހެދުމުގައި ހިފަހައްޓައިގެންނެވެ. އެ މަންޒަރު ފެނި، ހަސަންގެ ހިތް ކުދިކުދިވާ ވަރު ވިއެވެ. އަދިވެސް އެއްފަހަރު އެ ކުދިންގެ ގައިގައި ބައްދާލަން ދާ ހިތް ވިއެވެ. ތިން މަސް ދުވަހަކީ އޭނާއަށް ލައްކަ ދުވަހެވެ. އެންމެ ދުވަހަކަށް ވެސް މަރިޔަމްއާއި ދަރިން ނުފެނި ހުންނާކަށް ހަސަންއަށް ކެތެއް ނުކުރެވޭނެއެވެ.

ދޯނި ސްޓާޓް ކޮށްލުމާއެކު ހަސަން އަތުގެ އިޝާރާތުން މަރިޔަމްއަށް ހަނާ އަޅާލިއެވެ. ފެންކަޅިވެފައި ހުރި މަރިޔަމް ގަދަކަމުން ހީލުމަށްފަހު، ސާމިހް ގާތު ބައްޕައަށް ޓާޓާ ކިޔާލަން ބުންޏެވެ. އޭރު ދޯނި، ފާލަމާ ދުރުކުރަމުން ދިޔައެވެ. ދޯނި ދުރަށް ދާ ވަރަކަށް މަރިޔަމްގެ ހިތުގެ ވިންދު އަވަސްވާހެން އޭނާއަށް ހީވިއެވެ. ކައިވެނި ކުރީއްސުރެން، މިއީ ހަސަން އޭނާއަށް ދުރަށް ދާ ފުރަތަމަ ފަހަރެވެ. އެހެންކަމުން މަރިޔަމްގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އުފެދުނެވެ. ނަމަވެސް ދަރިންނަށްޓަކައި އޭނާ ކޮންމެ ފަހަރަކު ވެސް ހިނިތުންވެލަނީ ހިތް މަޖުބޫރު ކޮށްގެންނެވެ.

" މަންމާ! އަނގަ ހުސްވެއްޖެޔޭ." ހާނިމް ބުންޏެވެ.

ހާނިމްއަށް ކާންދޭން ފަށާފައި މަރިޔަމްއަށް އިނދެވުނީ ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ހާނިމްގެ އަޑަށް އޭނާ ސިހިފައި ބަލައިލީ ހިނިތުންވެލަމުންނެވެ.

" މަންމައަށް ކިހިނެއްވީ؟" ހާނިމް އެހިއެވެ.

" ކަމެއް ނުވެ. މަންމަ ހީކުރީ އަދިވެސް ދަރިފުޅު ހުސްނުކުރާ ކަމަށް." މަރިޔަމް އަވަސް އަވަހަށް ޖަވާބު ދިނެވެ.

" މަންމާ. ސާޔާ ރޮނީ." އެ ވަގުތު ކާގެއަށް ވަތް ސާމިހް ބުންޏެވެ.

އެއާއެކު މަރިޔަމްއަށް ބަލައިލެވުނީ އަތުގައި ހުރި ބަތް ތައްޓަށެވެ. ސާމިހްގެ އަތުގައި ހަތިމް އޮތްތަން ފެނި، ސާމިހް ކިޔަވަނީކަން މަރިޔަމްއަށް އެނގުނެވެ.

" ދަރިފުޅު އެކަަމަކު ކޮއްކޮ މައްސަލާކޮށްލާ. ހާނިމްކޮއްކޮއަށް ކާންދީފައި މަންމަ ދާނަން." މަރިޔަމް ބުންޏެވެ.

ލައްބައޭ ބުނެ ސާމިހް އެނބުރި ދިޔުމާއެކު މަރިޔަމްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަނެއްކާ ވެސް ހަސަން ހުރި ނަމައޭ އޭނާގެ ހިތަށް އެރިއެވެ. ހަަސަންއަށް މިހާރު މާލެ ދެވޭނެކަން މަރިޔަމްއަށް އެނގެއެވެ. ނަމަވެސް އޭނާގެ ހާލެއް ނޭނގޭތީ މަރިޔަމް އިންތިހާއަށް ފިކުރު ބޮޑުވެއެވެ. ވިސްނެއެވެ. އަދި ހަސަން ދިޔަ ފަހުން މޫޑު ވެސް ރަނގަޅެއް ނުވެއެވެ.

މާލޭ ބަނދަރަށް ދޯނި ކައިރި ކުރި އިރު ރަޝީދު ހުރީ ހަސަން ބަލައި އައިހެވެ. ފޮށި ހިފައިގެން ހަސަން ފޭބުމާއެކު، ރަޝީދު އޭނާއަށް އިޝާރާތްކުރީ ދުރުގައި އޮތް ކާރަކާ ދިމާލަށެވެ. ހަސަން ރަޝީދުގެ ފަހަތުން ގޮސް ކާރަށް އެރުމާއެކު ރަޝީދު ވާހަކަ ދައްކަން ފެށިއެވެ.

" ފާނަކޮށި މަރާމާތުކޮށް ނިމެންދެން ހަސަންއަށް އަހަރެންގެ ގޭގައި ހުރެވޭނެ. އެއަށްފަހު ފާނަކޮށި ބާއްވާނީ ތުލުސްދޫ ކައިރީގައި. " ރަޝީދު ބުންޏެވެ.

އެއާއެކު ހަސަން ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ރަޝީދުއަށް ކުރާ އިހްތިރާމާއި ޤަދަރެއްގެ ބޮޑުކަމުން ހަސަންއަށް ބޭކާރު ވާހަކަ ދައްކާކަށް ނުކެރެއެވެ. އެހެންކަމުން ގެއާ ހަމައަށް ދެވެން ދެން ހަސަން އިނީ އަނގައިން ވެސް ނުބުނެއެވެ.

ބޭރުގައި ފައިވާން ބެހެއްޓުމަށްފަހު ރަޝީދުގެ ގެއަށް ހަސަން ވަނީ އޭނާގެ ފަހަތުންނެވެ. މިއީ އެ ގެއަށް ހަސަން އައި ފުރަތަމަ ފަހަރެވެ. އެހެންކަމުން އޭނާއަސް މުޅި ގެއަށް ނަޒަރު ހިންގާލެވުނެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް ހަސަން ނުދެކޭހާ ރީތި ގެއެކެވެ. އެ ގޭގައި ހުރީ ފެހިކުލައިގެ މަންޒަރު ހުރި މުށި ޖަހާފައެވެ. ސިމެންތި ޖަހާފައި ހުރި ފާރުގައި ވެސް ހުރީ މަޑު ފެހި ކުލައެއް ލައި ޒީނަތްތެރިކޮށްފައެވެ. އިށީންނަން ހުރީ އަރާމު މަޑު ސޯފާ ގޮނޑިއެވެ. ސިޓިންރޫމުގެ އެކި ހިސާބުތަކުގައި މާ ޓުކުރިތައް ހުރުމުން އެ ގޭގެ ޒީނަތްތެރިކަން އިތުރު ވެގެން ދެއެވެ.

" ޒުހޭރާ. ކޮބާ ސައި ހަދައިފިންތަ؟ މި ހުރީ ހަސަން އައިހޭ." ރަޝީދު ގޮވާލީ އޭނާގެ އަންހެނުން ޒުހޭރާއަށެވެ.

އެ ވަގުތު ކާކޮޓަރިން ޒުހޭރާ ނިކުތީ އެހާމެ ބާރަށެވެ.

" އަނހަ އެ ސޮރު އައީތޯ؟ އަވަހަށް ދުރުވޭ ގޮވައިގެން ސައި ބައްލަވަން. މިއީ ރަޝީދުގެ ރަށު ކުއްޖެއްތޯ؟" ޒުހޭރާ ސުވާލު ކުރިއެވެ.

އެއާއެކު ހަސަން ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ޒުހޭރާގެ މޫނަކީ ހަސަންއަށް އާ މޫނެއްކަމުން އޭނާ ހުރީ ކޮންމެވެސް ވަރަކަށް ލަދުގެންފައެވެ.

" ރަޝީދު އަބަދުވެސް ދައްކަވާނެ ހަސަންގެ ރަނގަޅު ވާހަކަ. ވަަރަށް ތައުރީފް ކުރައްވާނެ." ޒުހޭރާ ބުންޏެވެ.

ރައްދުގައި ހަސަން ހީލިއެވެ.

" ހަސަންގެ ކޮޓަރި ތައްޔާރުކޮށްފައި ހުންނާނީ. މިގުދާދު ކައިރީ ބުނިން ވަޅުކޮޓަރި ސާފުކޮށްލާށޭ ރަނގަޅަށް. " ޒުހޭރާ ބުންޏެވެ.

" މިގުދާދަކީ މި ގޭގައި މަސައްކަތް ކުރަން ރާޢްޖެތެރެއިން ގެނެސް ހުރި މީހެއް. ވަރަށް ހެޔޮ ވާނެ. ހަސަން ވެސް ކަމެއް ބޭނުން ވަންޏާ މިގުދާދު ކައިރި ބުނެލާ." ރަޝީދު ބުންޏެވެ.

ކާމޭޒު ކައިރީ ހަސަން އިށީނދެ މޭޒުމައްޗަށް ނަޒަރު ހިންގާލިއެވެ. އެއާއެކު ޒާތްޒާތުގެ ހެދިކާއާއި ކުލަކުލައިގެ ކޭކު ހުރިތަން ފެނި އެންމެ ފުރަތަމަ ވެސް އޭނާ ހަނދާންވީ އޭނާގެ ދަރިން މަތިންނެވެ. އެ ކުދިން ވެސް އެ ކަހަލަ މީރު އެއްޗެހި ކާހިތްވާނެޔޭ ހަސަން ހިތަށް އެރިއެވެ.

" ކީއްވެ ތި އިންނަނީ؟ ލަދުން ނީނދެ އަވަހަށް ކާން ފަށާ." ޒުހޭރާ ބުންޏެވެ.

އެއާއެކު ހަސަންއަށް ކުއްލި ސިހުމެއް ލިބުނު ކަހަލައެވެ. ހަސަންގެ ކުރިމަތީގައި ހުރި ގޮނޑީގައި ޒުހޭރާ އިށީނީ ރަޝީދު ކައިރީގައެވެ. އެ ދެ މީހުންގެ މޫނު ހަސަންއަށް އަމާޒުވެފައި ހުރިތަން ފެނި ހަސަން އިނީ ވަރަށް ބޮޑަށް ލަދުގެންފައެވެ.

" މި ގޭގައި އަބަދުވެސް ހަވީރު ސައި އޮންނާނެ. ރަޝީދު ބޭނުންވެލައްވާނެ ކޮންމެހެން ވެސް ހަވީރު ހެދިކާ." ޒުހޭރާ ބުނީ މަޖާ ރާގަކަށެވެ.

އެ ވަގުތު ރަޝީދު ވެސް ޒުހޭރާއަށް ބަލައިލުމަށްފަހު ހޭން ފެށިއެވެ. ކުއްލިއަކަށް ހަސަންގެ ނަޒަރު ހުއްޓުނީ ދޮރާ ދިމާލަށެވެ. އޭރު ދޮރުކަނީގައި މޫނު ޖައްސައިގެން، ހަސަންއަށް ބަލަން އަންހެން ކުއްޖަކު ހުއްޓާ، އޭނާއަށް ފެނުނެވެ. ހަސަންގެ ނަޒަރު އޭނާއާ ސީދާވި ވަގުތު އޭނާ ފިލައިފިއެވެ. އެއާއެކު ހަސަންގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ.

" ކޮބާތަ ޝަބްނަމް؟ " ރަޝީދު ސުވާލު ކުރިއެވެ.

އެއާއެކު ޒުހޭރާ ދެ ފަރާތަށް ބޯ ހޫރާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ރައްޓެހިކުއްޖަކު އަތުން ވާހަކަ ފޮތެއް ހިފައިގެން ހެނދުނު އައި ގޮތަށް، ކެއުމެއް ބުއިމެއް ނެތި މިއަދު ހަމަ ވާހަކަ ކިޔަނީ. ކިތަންމެ ފަހަރަކު ބުނެފިން އެއްޗެއް ކާން އުޅޭށޭ. ރަޝީދު ފިހާރައަށް ދުރުވި އިރު ވެސް އެ މަންޖެ އޮތީ ވާހަކަ ކިޔަން." ޒުހޭރާ ޝަކުވާ ކުރިއެވެ.

" ދޭ! ގޮސް ބުނޭ ބައްޕަ ބުންޏޭ މިހާރު އަންނާށޭ. " ރަޝީދު ބުންޏެވެ.

އެ ވަގުތު އެންމެ ސިކުންތެއް ވެސް ލަސްނުކޮށް، ޒުހޭރާ ތެދުވެއްޖެއެވެ. އޭނާ ދިޔުމާއެކު ހިނިތުންވަމުން ރަޝީދު ހަސަންއަށް ބަލައިލިއެވެ.

" ޝަބްނަމްއަކީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު. މި އަހަރު އެ ވީ އަދި ވިހި އަހަރު. " ރަޝީދު ބުންޏެވެ.

ރަޝީދުގެ ވާހަކައަށް ރައްދެއް ދޭން ނޭނގުނަސް، ރައްދުގައި ހަސަން ހީލިއެވެ. ވަގުތަކީ ޝަބްނަމްގެ އަތުގައި ހިފައިގެން ޒުހޭރާ އައިސް ވަތް ވަގުތެވެ. މޭޒު ކޮޅުގައި ހުރި ގޮނޑީގައި ޝަބްނަމް އިށީނުމާއެކު ހަސަން އިސްޖަހާލިއެވެ. އޭރު ވެސް ޝަބްނަމް އޭނާއަށް ބަަލަން ހުރި ގޮތް ހަސަންއަށް ސިފަވާ ކަހަލައެވެ.

" ދަރިފުޅާ. ހަތަރުދަމު ނުކައި އޮވެގެން ވާހަކަ ކީމަ ކަމަކު ނުދާނެ. ކައިގެން އުޅެންވާނީ. މިއީ ބައްޕަ އަބަދު ވެސް ދަރިފުޅު ކައިރީ ބުނަންޖެހޭ ވާހަކައެއް." ރަޝީދު ވާހަކަ ދެއްކީ ލޯބިންނެވެ.

" ފޫހިވާތީ ކާހިތް ނުވަނީ." ޝަބްނަމް، އޭނާގެ ތޫލި އަޑުން ބުނެލިއެވެ.

" ފޫއްސެއް ނުވާނެ މަންމަ ކައިރިއަށް އައީމަ. އަބަދު ކޮޓަރީގައި އޮންނަންޏާ ފޫހި ވާނެ." ޒުހޭރާއަށް ބުނެވުނީ ބާރަށެވެ.

" މަންމާ. މިއީ ކާކުތޯ؟" ޝަބްނަމް ސުވާލު ކުރީ ގުޅައެއް ނަގަމުންނެވެ.

އެއާއެކު ހަސަންއަށް ބޭއިހްތިޔާރުގައި ޝަބްނަމްގެ މޫނަށް ބަލައިލެވުނެވެ. ޝަބްނަމްއަކީ ރީތި ކުއްޖެކެވެ. އަނދުން އަޅައި، ތުންފަތުގައި ރަތްކުލަ ޖައްސާފައި ހުރުމުން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނުވާ ކަހަލައެވެ. ކަރުގައި އޮތް ރަން ހާރާއި އަތުގައި ހުރި ކެވެއްޔާއި އަނގޮޓިތަކުން އޭނާއަކީ މުއްސަންޖެއްގެ ހުރި ހަމައެކަނި ދަރިފުޅުކަން ހާމަވެއެވެ.

" މިއީ ބައްޕަގެ ފާނަކޮށި ބަލަހައްޓާ ހަސަން. ހަސަން އެއް މަސް ދުވަަސްވަރު ވަންދެން މި ގޭގައި މަޑުކުރާނެ." ރަޝީދު ބުނެލިއެވެ.

އެއާއެކު ޝަބްނަމް ހީލި ގޮތުން ހަސަންއަށް އިސްޖަހާލެވުނެވެ. ޝަބްނަމްގެ ނަޒަރުގައި އާދަޔާހިލާފު ގޮތެއް ހުރިކަން ހަސަންއަށް ޔަގީން ކުރެވުނެވެ.

" ދަރިފުޅު އަނެއްކާ އުނދަގޫ ނުކުރައްޗޭ. ހަސަން! ދައްތަމެންގެ ހުންނަނީ ހަމައެކަނި މި ދަރިފުޅު. ވަރަށް ޅަ ގޮތްގަނޑު ހުންނާނެ. ފަހަރެއްގައި އުނދަގޫ ވެސް ކޮށްފާނެ. " ޒުހޭރާ ވާހަކަ ދެއްކީ ހެމުންނެވެ.

" މަންމާ. އަޅުގަނޑު މިއީ މީހުންނަށް އުނދަގޫ ކުރާ ވަރަށް ވުރެ ބޮޑު ކުއްޖެކޭ." ހަސަންއަށް ބަލައިލަމުން ޝަބްނަމް ބުންޏެވެ.

އެ ވަގުތު ރަޝީދު ވެސް ހޭންފެށިއެވެ. އާދައިގެ ގޮތަކަށް ހީލަމުން ހަސަން އަވަސް އަވަހަށް ސައިތަށި ދަމާލީ، ހިތަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ވެގެންނެވެ.

ނުނިމޭ

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެވެ.

(ނިމުނީ)