ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހދ. ހަނިމާދޫ/ފަހި ރޯދި، އަބުދުލް މާނިއު އަށް ތަމްރީނުގެ ތެރޭ ލިބުނު އަނިޔާއާއި ގުޅިގެން ހުރިހާ ގޮތަކުން ވެސް މާނިއުއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް މާނިއު ތަމްރީނު ހަދަމުންދާ ފިލިޕީންސްގެ އެއާވޯކްސް އޭވިއޭޝަން އެކަޑަމީން ބުނެފިއެވެ.

12 އޭޕްރިލް 2025 ވަނަ ދުވަހު ހެނދުނު ހިނގި މި އެކްސިޑެންޓުގައި މާނިއުއަށް އަނިޔާވެ ޒަޚަމްވީ ޓްރެއިނިން ހެެދުމަށް މަތިންދާ ބޯޓު ދުއްވުމަށްފަހު ފޭބި ވަގުތު ބޮލަށް އެނބުރުން އަރައިގެން ބޯޓުގެ ބުރަފައްޗާ ދިމާއަށް ދެވިގެން ބުރަފަތީގައި ޖެހިގެންނެވެ.

Ad
rt

މި އެކްސިޑެންޓާއި ގުޅިގެން ފިލިޕީންސްގެ އެއާވޯކްސް އޭވިއޭޝަން އެކަޑަމީން 16 އޭޕްރިލް 2025 ގައި އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ އެކަޑަމީގެ ދަރިވަރުންނާއި، އިންސްޓްރަކްޓަރުންނާއި، އަދި މުވައްޒަފުންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަކީ އަބަދުވެސްއެންމެ މަތީ އިސްކަމެއް ދޭ ކަންތައް ކަމަށެވެ.

''އަޅުގަނޑުމެންގެ ހޭންގަރުގައި ފަހަކަށް އައިސް ހިނގި ހާދިސާއާ ގުޅޭގޮތުން އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވަމެވެ. އަދި އެކަމުގެ ސަބަބުން، ޚާއްޞަކޮށް އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ ދަރިވަރުންނާއި އާއިލާތަކުގެ މެދުގައި އުފެދިފައިވާ ޖަޒުބާތުތަކާއި ސުވާލުތައް އަޅުގަނޑުމެންނަށް އެނގެއެވެ.'' އެ ކަޑަމީން ބުނެފަވެއެވެ.

އެ އެކަޑަމީން ބުނެފައި ވަނީ، މި ހާދިސާގައި ހިމެނޭ ފަރުދުންގެ ޕްރައިވަސީއަށް އިޙްތިރާމްކުރުމުގެ ގޮތުން، ވަކި ޚާއްޞަ ތަފްްޞީލުތަކެއް ހާމަނުކުރެވުނު ނަމަވެސް، މި މައްސަލައަށް އެންމެ މަތީ ފަރުވާތެރިކަމާއި، އަވަސްކަމާއި، އަދި ޒިންމާދާރުކަމާއެކު މުޢާމަލާތްކުރަމުންދާ ކަމުގެ ޔަގީންކަން ދޭން ބޭނުންވާ ކަމަށެވެ. އަދި އެ އެކަޑަމީ މައިގަނޑު މަޤްޞަދަކީ މިފަދަ ހާދިސާއެއް އަލުން ނުހިނގާނެކަން ކަށަވަރުކުރުންކަމަށް ބުނެފަވެއެވެ.

ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހަނިމާދޫ ކުއްޖަކަށް އަނިޔާވެގެން ފަރުވާދެނީ

އެ އެކަޑަމީން ބުނިގޮތުގައި މި ހާދިސާ ހިނގުމުން، ހާމަކަން ބޮޑު ގޮތެއްގައި އަދި ޖަވާބުދާރީވުމުގެ ގޮތުން، އެ އެކަޑަމީގެ އަމިއްލަ އިޚްތިޔާރުގައި ތިން ދުވަހުގެ މުއްދަތަށް ތަމްރީންތައް ހެދުމުގެ ވައިގެ ދަތުރުތައް ހުއްޓާލިކަމަށެވެ. އަދި އެ އެކްސިޑެންޓްގެ ފުރިހަމަ ތަހްގީގެއް ހިންގުމަށް ފިލިޕީންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށާއި، ފިލިޕީންސް ނޭޝަނަލް ޕޮލިސްގެ ތަޙްޤީޤުކުރާ ފަރާތްތަކަށް އެ އެކަޑަމީގެ ވަސީލަތްތަކާއި މުވައްޒަފުންނާ ފުރިހަމައަށް އަދި ހުރަހެއްނެތި ބައްދަލުކޮށް، ހުރިހާކަމެއް ފަހިކޮށްދިންކަމަށް އެ އެކަޑަމީން ބުނެފަވެއެވެ.

''މި ހާދިސާގައި އަސަރުކުރި ދަރިވަރަށް، އަޅުގަނޑުމެން ފުރިހަމަ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެމުންދާ އިރު، ބޭނުންވާ އެހެނިހެން އެންމެހައި އެހީތެރިކަމެއްވެސް ފޯރުކޮށްދެމުން ގެންދަމެވެ. އޭގެ އިތުރުން، އޭނާގެ ފަސޭހަވުމުގެ ދަތުރުގައި އޭނާއާއި އޭނާގެ އާއިލާގެ އަރިހުގައި ދެމިތިބެ، އޭނާއަށް އާންމު އަދި ފުރިހަމަ ދިރިއުޅުމަކަށް އެނބުރި އައުމަށް އެހީތެރިވުމަށް އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް އަޅުގަނޑުމެން ވަނީ ވަޢުދުވެފައެވެ.'' އެ އެކަޑަމީގެ ބަޔާނުގައި ބުނެފަވެއެވެ.

މީގެ އިތުރުން އެ އެކަޑަމީގައި ގިނަ އަދަދެއްގެ ދިވެހި ޕައިލެޓުން ތަމްރީނުވެ، އޭގެ ތެރެއިން ގިނަ ޕައިލެޓުން ދުނިޔޭގެ އެކި ޤައުމުތަކުގައި ކާމިޔާބުކަމާއެކު ވަޒީފާ އަދާކުރަމުންދާކަން ފާހަގަކޮށް، އެ އެންމެހާ ދަރިވަރުންނަކީ އެ ކަޑަމީގެ އާއިލާގެ ބައެއްކަން ވަނީ ފާހަގަކޮށްފައެވެ.

މި އެކްސިޑެންޓާއި ގުޅިގެން މާނިއުގެ ސާޖަރީތަކަށް ހަދާފައިވާއިރު، އޭނާގެ ހާލު މިހާރު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.

ފިލިޕީންސްގެ އެއާވޯކްސް އޭވިއޭޝަން އެކަޑަމީ އަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ހިންގަމުން އަންނަ 30 އަށް ވުރެ ގިނަ ޤައުމުގެ ދަރިވަރުން ތަމްރީން ހޯދަމުން އަންނަ ޓްރެއިނިން މަރުކަޒެކެވެ.