މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޢަބްދުﷲ އަޙްމަދު ބަދާވީ އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މެލޭޝިޔާގެ މިހާރުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވި މެސެޖުގައި، ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މަރުޙޫމް ޢަބްދުﷲ އަޙްމަދު ބަދާވީގެ އަވަހާރަވުމުން ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި މަރުޙޫމް ބަދާވީއަކީ އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ ބޮޑު ބައެއް ޢާންމު ޚިދުމަތާއި މެލޭޝިޔާގެ ކުރިއެރުމަށް ޚާއްޞަކުރެއްވި ޝަރަފުވެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި، މެލޭޝިޔާގެ އިޤްތިޞާދީ ކުރިއެރުމަށް މަރުޙޫމް ބަދާވީ ކުރެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވާފައިވެއެވެ. އަދި އެ މަނިކުފާނަކީ ހަމަހަމަކަމާއި ޤައުމީ އެއްބައިވަންތަކަމާއި ހެޔޮވެރިކަމެއް ޤާއިމުކުރެއްވުމަށް މަސައްކަތްކުރެއްވި ސިޔާސީ ލީޑަރެއްކަންވެސް ފާހަގަކުރައްވާފައިވެއެވެ.
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޢަބްދުﷲ އަޙްމަދު ބަދާވީ
މަރުޙޫމް ޢަބްދުﷲ އަޙްމަދު ބަދާވީއަކީ 2003 އިން 2009 އަށް މެލޭޝިޔާގެ 5 ވަނަ ބޮޑުވަޒީރުގެ މަޤާމު ފުރުއްވި ބޭފުޅެކެވެ. އެ މަނިކުފާނުގެ ވެރިކަމުގައި އިސްލާމީ އުސޫލުތައް ފަތުރުއްވައި، މެލޭޝިޔާގެ އިޤްތިޞާދަށް ކުރިއެރުން ހޯއްދަވައިދެއްވައި، ޤައުމީ އެއްބައިވަންތަކަން ޤާއިމުކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ.
ރައީސް މުޢިއްޒު މެސެޖު ނިންމަވާލައްވާފައިވަނީ، މި ހިތާމަވެރި ދަނޑިވަޅުގައި މަރުޙޫމް ބަދާވީގެ ޢާއިލާއަށާއި މެލޭޝިޔާގެ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފޮނުއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!