ނިންޓެންޑޯ ސްވިޗް 2 ޕްރީ-އޯޑަރ އެމެރިކާގައި ލަސްވެއްޖެއެވެ.

ނިންޓެންޑޯއިން އިއުލާނުކޮށްފައިވާ އެންމެ އައު ކޮންސޯލް، ނިންޓެންޑޯ ސްވިޗް 2 ގެ ޕްރީ-އޯޑަރ އެމެރިކާގައި ފެށުން ވަނީ މުއްދަތެއް ނޭންގޭގޮތަށް ލަސްކޮށްފައެވެ. މި ނިންމުން ނިންމާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރި އައު ޓެރިފްތަކާ ގުޅިގެންނެވެ.

Ad
rt

އެންގެޖެޓްއަށް ނިންޓެންޑޯއިން ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގައި ނިންޓެންޑޯ ސްވިޗް 2 ގެ ޕްރީ-އޯޑަރ 2025 އޭޕްރިލް 9 ގައި ނުފެށޭނެ ކަމަށެވެ. މިއީ ޓެރިފްތަކުގެ އަސަރާއި މާކެޓްގެ ހާލަތު ދެނެގަތުމަށްޓަކައެވެ. ނިންޓެންޑޯއިން އައު ތާރީޚެއް ފަހުން އިއުލާނުކުރާނެއެވެ. ނަމަވެސް 2025 ޖޫން 5 ގައި ކޮންސޯލް ނެރުމަށް ހަމަޖެހިފައިވާ ތާރީޚަށް ބަދަލެއް ނާންނާނެއެވެ.

ޔޫކޭގައި މިހާރުވެސް ޕްރީ-އޯޑަރ ކުރެވެމުންދާއިރު، އެމެރިކާގެ އިތުރުން ކެނެޑާގައިވެސް ޕްރީ-އޯޑަރ ވަނީ ލަސްކޮށްފައެވެ. މިކަން ކަށަވަރުކޮށްދީފައިވަނީ ކެނެޑާގެ ވޯލްމާޓުންނެވެ.

ރައީސް ޓްރަމްޕް ވަނީ 75 ގައުމަކަށް އަމާޒުކޮށް "ރެސިޕްރޮކަލް" ޓެރިފްތަކެއް 90 ދުވަހަށް ހުއްޓާލާނެކަމަށް އިއުލާނުކުރައްވާފައެވެ. ނަމަވެސް ޗައިނާއަށް އަމާޒުކޮށްފައިވާ ޓެރިފް 145 އިންސައްތައަށް އިތުރުކުރައްވާފައިވެއެވެ.

މި ބަދަލުތަކާ ގުޅިގެން ނިންޓެންޑޯއިން ވަނީ އެމެރިކާގެ މާކެޓަށް އަންނާނެ ބަދަލުތައް ވަޒަންކުރުމަށްފަހު އައު ނިންމުމެއް ނިންމާނެކަމަށް ބުނެފައެވެ.