ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ ޑިޕާޗަރ ޓަރމިނަލުން ވަގަށް ސިނގިރޭޓް ނެރެން އުޅުނު މައްސަލާގައި ހައްޔަރުކުރި ދެ މީހުން ޝަރުތުތަކާއެކު ކޯޓުން ދޫކޮށްލައިފިއެވެ.

ވީއައިއޭގެ ޑިޕާޗަރ ޓަރމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް ޗެކްކުރިއިރު، ސިނގިރެޓް ކާޓަން ތަކެއް ފެނުނު މައްސަލައެއް ތަހުޤީޤުކުރަމުން އަންނަކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ރޭ ވަނީ ބުނެފައެވެ.

Ad
rt

ފުލުހުން މިއަދު ބުނީ 25 މާރޗް 2025 ވަނަ ދުވަހުގެ ހެނދުނު 6:20 އެހާކަންހާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ހޯލުން، ހުއްދަނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރެޓް ދިވެހިރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވާ މައްސަލައެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނަށް ރޭ ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި 2 މީހަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށް، މިއަދު ކޯޓަށް ހާޒިރުކުރުމުގެ ޝަރުތުތަކާއެކު އެ 2 މީހުން ވަނީ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ މ. ސިލްވަރ ނެސްޓް / މާލެ، އަޙްމަދު އަފްސަލް (45 އަހަރު) އާއި ދަފްތަރު ނަންބަރު އާރއެސް 14358 / މާލެ، ޔޫސުފް ނަޒީރު (38 އަހަރު) އެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވިގޮތުގައި މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.