ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވި ފަހުން އިސްރާއީލުން ދިން ފުރަތަމަ ބޮޑު ހަމަލާގައި ޣައްޒާއިން މަދުވެގެން 413 މީހުން ޝަހީދުވެއްޖެއެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނާ ގޮތުގައި މި ހަމަލާގައި ގިނައިން ޝަހީދުވެފައިވަނީ ކުޑަކުދިންނާއި، އަންހެނުންނާއި އަދި އުމުރުން ދުވަސްވީ މީހުންނެވެ. އަދި މި ހަމަލާގައި 150 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.
މި ހަމަލާ ދީފައިވަނީ ޣައްޒާގެ އުތުރު ސަރަހައްދާއި، ޣައްޒާ ސިޓީ އަދި ޑެއިރް އަލް-ބަލާހް، ޚާން ޔޫނިސް އަދި ރަފާހް ފަދަ މެދު އަދި ދެކުނު ސަރަހައްދުތަކަށެވެ.
މި ހަމަލާގައި ޣައްޒާގެ ޕޮލިސް އަދި އިންޓަރނަލް ސެކިއުރިޓީ ސަރވިސަސްގެ އިސްވެރިޔާ މަހްމޫދު އަބޫ ވަތްފާ ވެސް ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އިސްރާއީލު ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބުނެފައިވަނީ "ސިޔާސީ ވެރިންގެ އިރުޝާދާ އެއްގޮތަށް" ޣައްޒާގައި ހަމާސް ޖަމާޢަތުގެ އަމާޒުތަކަށް ފުޅާ ދާއިރާއެއްގައި ހަމަލާދެމުންދާ ކަމަށެވެ.
މީގެ އިތުރުން، އިސްރާއީލުން ވަނީ ޣައްޒާއާ ގާތުގައި ހުރި ހުރިހާ ސްކޫލުތަކެއް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި ހަމަލާއަކީ ރަމަޟާން މަހުގެ ތެރޭގައި ދީފައިވާ ހަމަލާއަކަށް ވުމާއެކު، ބައިނަލްއަޤްވާމީ މުޖުތަމަޢުން މިކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!