ދިވެހިރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށީގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ކުޅުދުއްފުށީގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަނީ "ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެލެންޖް 2025" އެވެ.

Ad
rt

މި މުބާރާތް ކުޅުދުއްފުށީގައި ހޯސްޓް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީއާއި ހޭންބޯލް މޯލްޑިވްސްގެ ރައީސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކުޅުދުއްފުއްޓަށް ޒިޔާރަތްކޮށްފައެވެ.

އެ ޒިޔާރަތުގައި ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެލެންޖް ދިވެހިރާއްޖޭގައި ބޭއްވުމަށް މަޝްވަރާކު ކުރުމުގެ އިތުރުން ކުޅުދުއްފުށީގައި އެ މުބާރާތް ބޭއްވުމަށް ހުރި ވަސީލަތްތައް ދެނެގަތުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މީގެއިތުރުން އެ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުމާއި މެދު ވަނީ މަޝްވަރާކޮށްފައެވެ. އަދި މުބާރާތަށް އެ ސިޓީއަށް އަންނަ ޓީމްތަކުގެ ކެއުމާއި ހުރުމުގެ އިންތިޒާމް ހަމަޖެހޭނެ ވަސީލަތްތައް ހުރިމިންވަރު ދެނެގަތުމުގެ މަސައްކަތާއި މުބާރާތް ހިންގުމަށް ރަށުގެ މުވައްސަސާތަކާއި ކްލަބް ޖަމިއްޔާތަކާއި ރައްޔިތުންގެ ފަރާތުން ލިބިގެންދާނެ އެއްބާރުލުމުގެ މިންވަރު ދެނެގަތުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ ދިވެހިރާއްޖޭގައި ބޭއްވޭ ފުރަތަމަ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް، ކުޅުދުއްފުށީގައި ހޯސްޓްކުރުމުގެ ފުރުސަތު ހޯދުމަށް ސިޓީ ކައުންސިލުން ތައްޔާރަށް ތިބިކަށާއި އެ ފުރުސަތު ލިބިއްޖެނަމަ މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމުގައްޔާއި، ކުޅުދުއްފުށީގެ މާހައުލު އެ މުބާރާތަށް ފުރިހަމަޔަށް ތައްޔާރު ކުރުމުގައި ސިޓީ ކައުންސިލާއި ކުޅުދުއްފުށީގެ މުވައްސަސާތަކާއި ކްލަބް ޖަމިއްޔާތަކާއި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށެވެ.