ފޭސްބުކް ގައި ލައިވްކުރާ ވީޑިއޯތައް މީގެފަހުން ރައްކާކުރެވިފައި ހުންނާނީ 30 ދުވަސް ވަންދެން ކަމަށް މެޓާއިން ބުނެފިއެވެ.

ފޭސްބުކުގެ ބެލެނިވެރި ކުންފުނި މެޓާއިން އިއުލާން ކުރި ގޮތުގައި، ލައިވް ވީޑިއޯތައް މީގެ ފަހުން ފޭސްބުކްގައި ރައްކާކުރެވޭނީ 30 ދުވަހުގެ މުއްދަތަށެވެ. އޭގެފަހުން ވީޑިއޯތައް އޮޓޯއިން ޑިލީޓް ވާނެއެވެ. މި ބަދަލު ގެނެވޭނީ ބުދަ ދުވަހުން ފެށިގެންކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.

Ad
rt

މީގެ ކުރިން މި ވީޑިއޯތައް ވަކި މުއްދަތެއް ނެތި ރައްކާކުރެވެމުން ދިޔައެވެ.

މި ބަދަލާ ގުޅިގެން، މިހާރު 30 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ ލައިވް ވީޑިއޯއެއް ޕްލެޓްފޯމުން ފޮހެލެވޭނެއެވެ. ވީޑިއޯތައް ފޮހެލުމުގެ ކުރިން، ޔޫސަރުންނަށް ނޯޓިފިކޭޝަނެއް ލިބި، އެމީހުންގެ ކޮންޓެންޓާމެދު ގޮތެއް ނިންމުމަށް 90 ދުވަސް ދެވޭނެއެވެ. ޔޫސަރުންނަށް ވީޑިއޯތައް ޑިވައިސްއަށް ޑައުންލޯޑްކުރުމާއި، ކްލައުޑް ސްޓޯރޭޖަށް ޓްރާންސްފަރކުރުމާއި، އަދި ރީލްއަކަށް ބަދަލުކުރުމުގެ އިޚްތިޔާރު އޮންނާނެއެވެ.

ޔޫސަރުންނަށް އިތުރު ވަގުތު ބޭނުންވާނަމަ، ވީޑިއޯތައް ފޮހެލުން 6 މަސްދުވަހަށް ފަސްކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. އެހެންނަމަވެސް އެ މުއްދަތު ހަމަވުމުން އެއްވެސް ނިންމުމެއް ނުނިންމާ ހުރި ވީޑިއޯތައް ދާއިމީކޮށް ފޮހެލެވޭނެއެވެ.

މި ބަދަލާއެކު ފޭސްބުކުން ވަނީ ވީޑިއޯތައް ޑައުންލޯޑްކުރުމަށް އައު ޓޫލްތަކެއް ވެސް ތަޢާރަފުކޮށްފައެވެ. މީގެ ތެރޭގައި ގިނަ ވީޑިއޯތަކެއް އެއްފަހަރާ ޑައުންލޯޑްކުރުމުގެ ފީޗަރއާއި، ޑްރޮޕްބޮކްސް ނުވަތަ ގޫގުލް ޑްރައިވް ފަދަ ކްލައުޑް ސްޓޯރޭޖްތަކަށް ޓްރާންސްފަރކުރުމުގެ އޮޕްޝަން ހިމެނެއެވެ.