ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ބޭންކެއްގެ ބްރާންޗެއް އަޅަން ބޭނުންވާ، ބޭންކަކަށް ހިލޭ ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ އިއްޔެ ބޭއްވި ކައުންސިލްގެ 166 ވަނަ އާންމު ބައްދަލުވުމުގައެވެ. ހަނިމާދޫގައި ބޭންކެއްގެ ބްރާންޗެއް ގާއިމްކުރަން ބޭނުންވާ ބޭންކަކަށް 3000 އަކަފޫޓުގެ ބިމެއް 50 އަހަރު ދުވަހުގެ މުއްދަތަށް ހިލޭ ދޫކުރުމަށް ކައުންސިލުގެ ޖަލްސާއިން ނިންމާފައިވަނީ ބައިވެރިވި 5 މެމްބަރުންގެ އިއްތިފާގުންނެވެ.

Ad
rt

މިކަމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާ ކުރަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ބުނީ ކައުންސިލުގެ ވިސްނުމަކީ ހަނިމާދޫއަކީ ގިނަ ހިދުމަތްތަކެއް ލިބެންހުރި ރަށަކަށް ހެދުން ކަމަށާއި، އެގޮތުން ރަށުގައި ބޭންކެއްގެ ބްރާންޗެއް ގާއިމްކުރަން ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފިރާގު އިތުރަށް ބުނީ ރަށުގައި ބޭންކެއް އަޅަން ހިލޭ ބިންދޭން ނިންމުމަކީ ކައުންސިލުން މިކަމަށް އެޅި ފުރަތަމަ ފިޔަވަޅު ކަމަށާއި، މިކަން ކުރެވޭނޭ ގޮތް ބެލުމަށް ބޭންކްތަކާއިއެކު އިތުރު މަޝްވަރާކޮށް މި މަސައްކަތް ކާމިޔާބުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ފިރާގު އިތުރަށް ބުނީ ހަނިމާދޫއަކީ ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ ރަށަކަށްވާއިރު، ބޭންކެއްގެ ހިދުމަތް ވަރަށް މުހިންމު ކަމަށެވެ. ހާއްސަކޮށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އަމަލީ މަސައްކަތްނިމި މި އަހަރު އޮޕަރޭޝަނަށް ހުޅުވާލަން ތައްޔާރުވަމުން އަންނައިރު، ރަށުގައި ފަތުރުވެރިކަން ބޮޑުތަނުން ފުޅާވެ އެއާއި ގުޅިގެން ވިޔަފާރިތައް އިތުރުވެގެން އަންނައިރު ބޭންކެއްގެ ބޭނުން ބޮޑުކަމަށެވެ.