ށ.ފަރުކޮޅުގެ ގޮނޑުދޮށުންނާއި، ތުނޑިން އަދި ފަޅުތެރެއިން އުދެއްޔާއި ފަކީރާ ބޭނުން ކޮށްގެން ވެލިނެގުމުގެ އިތުރުން، ޕަންޕު ބޭނުންކޮށްގެން އެކިފަރާތްތަކުން ގިނަ އަދަދެއްގެ ވެލި ނަގަމުންދާކަމުގެ ޝަކުވާ ލިބިފައިވާތީ ދިވެހިފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާއެކު އީޕީއޭ އިން އެ މައްސަލަ ބަލަމުންދާކަމަށް މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން މިއަދު ބުނެފިއެވެ.
އާއްމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލިނެގުމަށް އަތޮޅުގެ ކޮންމެ ދާއިރާއަކަށް ވެސް ވަކި ސަރަހައްދުތަކެއް އީޕީއޭއިން ކަނޑައަޅާފައިވާ ކަމަށާއި ނަމަވެސް އެ ސަރަޙައްދު ތަކުންވެސް މެޝިނަރީ ބޭނުންކޮށްގެން ވެލިނެގުމަކީ މަނާކަމެއްކަމުގައި އެ ކައުންސިލުން ބުންޏެވެ.
އެ ކައުންސިލުން ބުނީ ފަރުކޮޅު ސަރަހައްދަކީ އެސަރަހައްދުގެ ގުދުރަތީ ރީތިކަމާއި ފުރިހަމަކަމުގެ އިތުރުން އެތައް ސަބަބުތަކަށްޓަކައި ހިމާޔަތްކުރެވިފައިވާ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި އަންނަންއޮތް ޖީލުތަކަށް އެތަންތަން ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ހުރިހައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
ފަރުކޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުން ގަވާއިދާ ޙިލާފަށް ވެލި ނަގަމުން އަންނަ ފަރާތްތަކުގެ މައުލޫމާތު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ފޯރުކޮށްދިނުމަށް ވެސް އެ ކައުންސިލުން ވަނީ އެދިފައެވެ.
އާދަޔާ ހިލާފް ރީތި ގުދުރަތީ ވެއްޓެއް ލިބިގެންވާ، ހިމާޔަތްކޮށްފައިވާ ފަރުކޮޅުގައި ތަފާތު ހަތް ކުޅިއެއް ވެސް ހިމެނެއެވެ. އޭގެ އިތުރުން ރަށުގައި ބޮޑު ސަރަހައްދެއްގައި ޗަސް ބިން ވެސް އޮވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!