ޤައުމަކަށް ވިޔަސް، ރަށަކަށް ވިޔަސް ގެނެވޭ ތަރައްޤީއަކީ ސިޔާސީ ކަމެއް ނޫންކަމަށާއި، އެއީ ދަރިންނަށާއި، ދަރިންގެ ދަރިންގެ މުސްތަޤްބަލަށްޓަކައި ޕްލޭން ކުރެވިގެން ކުރެވޭ ސީރިއަސް މަސައްކަތެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ދިއްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.

Ad
rt

ދިއްދޫ އެއާޕޯޓު ހަގީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އެ އެއަރޕޯޓުން އެންމެ ފުރަތަމަ ޓިކެޓް ނަގައިގެން ވަޑައިގަންނަވާނެ ބޭފުޅުން ގޮތުގައި، ސަރުކާރާއި ސިޔާސީގޮތުން އިދިކޮޅު ބޭފުޅުން ހިމެނޭކަމަށް ވަރަށްބޮޑަށް ހީފުޅުވާ ކަމަށެވެ.

ތަރައްޤީ ގެންނަނީ އެންމެންނަށް ހަމަހަމަކޮށް ކަމަށާއި، އެމަނިކުފާނުގެ ކުރިފުޅުމަތީގައި އެންމެން ހަމަހަމަކަމަށާއި، އެމަނިކުފާނަށް ސިޔާސީ ފިކުރު މުހިންމު ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

''އެހެންވީމާ، މި ރަށަށް އަންނަ ތަރައްޤީއެއް ހަމަހަމަގޮތެއްގައި އަޅުގަނޑާ އަދި ސިޔާސީގޮތުން ޚިޔާލުތަފާތުވިޔަސް ލިބިވަޑައިގަންނަވަންވާނެ، ހޯއްދަވަންވާނެ، ހޯއްދަވާނެ. ޤައުމަށް ގެނެވޭ ތަރައްޤީއެއް. ރަށަކަށް ގެނެވޭ ތަރައްޤީއެއް އެއީ، ސިޔާސީ ކަމެއް ނޫން. އެއީ، ދުރުރާސްތާއަށް، އަޅުގަނޑުމެންނަށާއި، އަޅުގަނޑުމެންގެ ދަރިންނަށާއި، ދަރިންގެ ދަރިންގެ މުސްތަޤްބަލަށްޓަކައި ޕްލޭން ކުރެވިގެން ކުރެވޭ ސީރިއަސް މަސައްކަތެއް.'' ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް ވިދާޅުވީ، އެ ރަށު އެއާޕޯޓް ތަރައްގީކުރުމަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަކީ އަމިއްލަ ނަފްސަށްވެސް ކޮށްދެވޭ ކަމެއް ކަމަށެވެ. އެކަމަކީ ސިޔާސީ ކަމެއް ގޮތުގައި ދެކޭ މީހުންގެ ވިސްނުން އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

''އަޅުގަނޑު މިކުރާ މަސައްކަތަކީ، ރަށުގެ ރައްޔިތުންނަށް، ރާއްޖޭގެ ރައްޔިތުންނަށް މުހިންމު ކަންކަން ކޮށްދިނުމަށްޓަކައި ކުރާ ވަރަށް ސީރިއަސް މަސައްކަތްތަކެއް.'' ރައީސް ވިދާޅުވެފަވެއެވެ.