ހއ. ދިއްދޫ އަށް ދެން ވަޑައިގަންނަވާ އެރު އެއާޕޯޓަށް ޖައްސާ މަތިންދާ ބޯޓުގައި ކަމުގައި ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ދިއްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުން ގެންގުޅޭ ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި، ދިއްދޫގައި އެއަރޕޯރޓެއް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ދިއްދޫގައި އެއަރޕޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ، އެރަށު އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ވަނީ ތަރުތީބުކުރެވިފައެވެ.
މިގޮތުން، އެމް.ޓީ.ސީ.ސީއާއި، ބޭރުގެ ފަރާތަކާއެކު ފްރޭމްވަރކް އެއްބަސްވުމެއް އެކުލަވައިލެވި، ޢަމަލީ މަސައްކަތްތައް ފެށުމާ ހަމައަށް މިހާރު ދަތުރުކުރެވިފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި މި ހިނގާ 2025 ވަނަ އަހަރު، ވަރަށް އަވަހަށް އަމަލީ ސިފައެއްގައި، ބިން ހިއްކުމުގެ މަސައްކަތާއެކު އެ މަޝްރޫޢު ފައްޓަވައިބާރު ދުވެލީގައި އެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެއެވެ.
އެ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ‘’މާތް ﷲގެ އިރާދަފުޅާއެކު ދެން ހއ. ދިއްދޫއަށް ވަޑައިގަންނަވާނީ، އެ އެއަރޕޯޓަށް ޖައްސާ މަތިންދާ ބޯޓުގައި، އެ އެއަރޕޯޓް ހުޅުވައިދެއްވުމަށް’’ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!