ރ. އަނގޮޅިތީމުގެ ފެނާ ނަރުދަމާގެ މައްސަލަ ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މި ޔަޤީންކަން ދެއްވީ، އެމަނިކުފާނު ރ.އަތޮޅުގެ 11 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރ. އަނގޮޅިތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

އެރަށުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ފާއިތުވި އަހަރު ގިނަ ކަންތައްތަކެއް ނުކުރެވުނީ އިޤްތިޞާދީ ދަތިތަކާ ހެދިކަން ފާހަގަކުރަށްވާފައެވެ. އަދި މިއަހަރު ބަޖެޓް ފާސްވެ، ގިނަ މަޝްރޫޢުތަކެއް ފެށޭނެކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

ރައީސް ވަނީ އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އަވަހަށް ފެށޭނެކަމުގެ ޔަޤީންކަން އެރަށު ރައްޔިތުންނަށް ދެއްވާފައެވެ.

''މި ހުރިހާ ރަށްތަކެއް ހިމެނޭހެން މި މައްސަލަ ދިމާވެފައި ހުރި ހުރިހާ ރަށެއްގައި، މި ދެންނެވި ފެނާއި ނަރުދަމާގެ މަސައްކަތްތައް ދާދި އަވަހަށް މި މައްސަލަ ޙައްލުކޮށް، އަޅުގަނޑުމެން ސަރުކާރުގެ ފުރިހަމަ ބާރު، ކޮންޓްރޯލް އޮންނަގޮތަށް ފެނާއި ނަރުދަމާގެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ނިންމައިދޭނެ ކަމުގެ ޔަޤީންކަން މި ދަތުރުގައި ދޭން އަޅުގަނޑު މިއައީ. އިރާދަކުރެއްވިއްޔާ އެކަން ހިނގާނެ އެގޮތަށް.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ކަންކަން

- ބަނދަރު މަރާމާތުކޮށް، މޫދަށް އެރޭ ސަރަޙައްދެއް ހަދައިދޭނެކަން
- ސްކޫލާއި ޞިއްޙީ މަރުކަޒުގެ ވަސީލަތްތައް އިތުރުކޮށްދޭނެކަން
- ކުޅިވަރު ކުޅޭނެ ވަސީލަތްތައް ޤާއިމުކޮށްދޭނެކަން
- ވިޒިޓަރ ސެންޓަރުގެ މަސައްކަތް ނިންމައިދޭނެކަން
- ރާއްޖޭގެ 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކުލަވާލާނެކަން

ރައީސް ވަނީ މި ހުރިހާ ކަމެއް ވީހާވެސް އަވަހަކަށް ކޮށްދޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.