މާދަމާއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ވަރަށް ބާރު ބޮޑު ދުވަހަކަށް ވާނެ ކަމަށް ބެލެވޭތީ، ދަތުރުވެރިން ތިން ގަޑިއިރު ކުރިން އެއަރޕޯޓަށް އައުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެ އެވެ.
މިކަން މިހެން ދިމާވަނީ އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާއަށް ދިޔަ ގިނަ ބަޔަކު މާދަމާ އެނބުރި ރާއްޖެއަށް އަންނާތީ އެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި މިކަމާ ގުޅިގެން އެއާޕޯޓުގެ މަގުތަކާއި ޓާމިނަލް ސަރަޙައްދުތަކުގައި ބޮޑު ތޮއްޖެހުމެއް އުޅޭނެކަމަށް ލަފާކުރެވެ އެވެ.
އެމްއޭސީއެލްއިން ލަފާކުރާ ގޮތުގައި ވީއައިއޭގައި އެންމެ ބާރުބޮޑުވާނެ ވަގުތުތަކަކީ ހެނދުނު 6:00 އާއި 9:00 އާ ދެމެދު އަދި މެންދުރު ފަހު 2:00 އާއި ހަވީރު 4:00 އާ ދެމެދެވެ. ހެނދުނުގެ ބާރު ބޮޑު ވަގުތުގައި އެއަރޕޯޓަށް 2،678 މީހުން އަންނާނެ ކަމަށް ލަފާކުރެވޭ އިރު، އޭގެ ތެރެއިން 618 މީހުންނަކީ އުމްރާގެ އަޅުކަމަށްފަހު އަނބުރާ އަންނަ މީހުންނެވެ. ހަމަ އެ ވަގުތު 1،372 މީހަކު ވީއައިއޭއިން ފުރާނެ ކަމަށްވެސް ލަފާކުރެވެ އެވެ.
މެންދުރުފަހުގެ ބާރު ބޮޑު ގަޑީގައި 2،071 ފަސިންޖަރުން އެއަރޕޯޓަށް އަންނާނެ ކަމަށް ބެލެވޭ އިރު، އޭގެ ތެރޭގައި އުމްރާއިން އަންނަ 452 މީހަކު ހިމެނޭނެ އެވެ. އަދި އެ ގަޑީގައި 1،091 މީހަކު އެއަރޕޯޓުން ފުރާނެ ކަމަށް ލަފާކުރެވެ އެވެ.
މި ޙާލަތާ ގުޅިގެން، އެމްއޭސީއެލްއިން ވަނީ ދަތުރުވެރިންނަށް ފަސޭހަ ތަޖުރިބާއެއް ކުރެއްވުމަށްޓަކައި މުވައްޒަފުންގެ އިރުޝާދުތަކަށް ތަބާވުމަށް އެދިފަ އެވެ. އަދި މި ބިޒީ ވަގުތުގައި އެއަރޕޯޓު ވަށައިގެންވާ ސަރަޙައްދުގައި ޓްރެފިކް އޮމާންކޮށް ދެމެހެއްޓުމަށްޓަކައި ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންގެ އެއްބާރުމަށް ވެސް އެދިފައިވެ އެވެ.
މިއަހަރުގެ ޑިސެމްބަރު މަހު 6373 މީހުން އުމްރާއަށް ގޮސްފައިވެގޮސްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!